ހުސްވެފައިވާ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް އައްޔަން ކުރުމަށް ޑރ. މުހައްމަދު ޒާހިރަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފި އެވެ.

އޭނާގެ ނަން ދިރާސާ ކުރުމަށް މިނިވަން މުއައްްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވީ، މިދިޔަ ހަފްތާ ހޯމަ ދުވަހުއެވެ.

މިދިޔަ ބުދަ ދުވަހު ބޭއްވި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ޑރ. މުހައްމަދު ޒާހިރަށް ރުހުން ދޭން ފާސްކުރީ، ކޮމިޓީގެ އަގުލަބިއްޔަތުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް ޑރ. މުހައްމަދު ޒާހިރާއެކު 17 ފަރާތަކުން ކުރިމަތިލި އެވެ. އެހެން ނަމަވެސް ރައީސް ރުހުން ހޯދުމަށް ނޮމިނޭޓް ކުރީ ޑރ. މުހައްމަދު ޒާހިރުގެ ނަން އެކަންޏެވެ.

ކުރިން އިލެކްޝަންސް ކޮމިޝަންގައި މަސައްކަތްކޮށްފައިވާ ޑރ. މުހައްމަދު ޒާހިރަކީ، ޑިވެލޮޕްމަންޓް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކޮސްފައިވާ ބޭފުޅެކެވެ. އޭނާ އަކީ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)ގައި ލެކްޗަރާއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާ ބޭފުޅެކެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމުގެ މަގާމެއް ހުސްވީ، އެ ކޮމިޝަންގެ މެންބަރު ކަމުގައި ހުންނެވި އަހުމަދު އަކްރަމް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އަކްރަމް ވަކިކުރުމަށް ނިންމާފައިވަނިކޮށް، އޭނާ މަގާމުން އިސްތިއުފާ ދެއްވީ، މިދިޔަ ނޮވެމްބަރު މަހު 19 ގައެވެ.