01 Feb 2012, 09:12
ނިމިގެންދިޔަ ޓްރާންސްފާ މުއްދަތުގެ ތެރޭގައި ގިނަ ކްލަބުތަކަކުން ހޯދަން މަސައްކަތް ކުރި އަޔެކްސް އެމްސްޓެޑެމްގެ ޒުވާން މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން އަންނަ ސީޒަނުގައި ވެސް އެކުލަބު ދޫކޮށް ނުދާނެކަމަށް ބުނެފި އެވެ.
ޑެންމާކުގެ މިޑްފީލްޑަރު އެރިކްސަން ހޯދަން ޔޫރަޕްގެ ބޮޑެތި ކުލަބުތަކަކުން ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ. އެރިކްސަން ހޯދުމަށް މަސައްކަތްކުރި ކުލަބުތަކުގެ ތެރޭގައި އާސެނަލް، މެންޗެސްޓާ ސިޓީ، މެންޗެސްޓާ ޔުނައިޓެޑް، އޭސީ މިލާނުގެ އިތުރުން ބާސެލޯނާ ހިމެނެއެވެ.
"މިދިޔަ މަހު ވެސް އެއްވެސް ކުލަބަކާއި ވާހަކަ ދައްކާފައެއް ނުވާނެ. އަދި ކުލަބަކަށް ދިއުމަށް ޝައުގުވެރިކަން ފާޅުކޮށްފައެއް ނުވާނެ. އަންނަ ސީޒަނުގެ ޓްރާންސްގެ މުއްދަތުގެ ތެރެއަކު ވެސް އަޔެކްސް ދޫކޮށެއް ނުދާނަން. އެހެން ކުލަބުތަކުން އަހަރެން ހޯދުމަށް މަސައްކަތް ކުރާތީ އުފާކުރަން. އެކަމަކު މިވަގުތު އަހަރެންނަށް އެންމެ ރަނގަޅު ކުލަބަކީ އަޔެކްސް." އެރިކްސަން ބުންޏެވެ.
އަޔެކްސް އާއި އެކު އެރިކްސަން ހަދާފައިވާ އެއްބަސްވުން ހަމަވާން ބާކީ ތިން އަހަރު ދުވަސް އެބަ އޮތެވެ. އެހެން ކަމުން އެރިކްސަން ހޯދަން ބޭނުންވާ ކުލަބަކުން އެރިކްސަން ހޯދުމަށް ބޮޑު ޚަރަދެއް ކުރަން މަޖުބޫރު ވާނެ އެވެ.