14 Feb 2021, 14:28
ތިން ރަށެއްގެ ނަރުދާމާގެ މަސައްކަތް ނުފެށި ލަސްވާތީ، އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަންއާ ސުވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ތާވަލްކޮށްްފި އެވެ.
މިނިސްޓަރާ ސުވާލު ކުރުމަށް ހުށަހެޅުއްވީ ކަނޑިތީމު ދާއިރާ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލް ކަރީމެވެ.
ޝަހީމް ހުށަހެއްޅުވީ، އޭނާގެ ދާއިރާ ހިމެނޭ ށ. ފޭދޫ، ބިލަތްފެހި، ގޮއިދޫ އަދި ނޫމަރާގެ ފެނާއި ނަރުދާމާގެ މަސައްކަތް ނުފެށި ލަސްވާތީ އެކަން ސާފުކުރުމަށެވެ.
އޭނާ ސުވާލު ކުރައްވަނީ، އެރަށްތަކުގެ ފެނާއި ނަރުދަމާގެ މަސައްކަތް ނުފެށި ލަސްވަނީ ކީއްވެތޯ އާއި އަދި އެކަމުގެ އަމަލީ މަސައްކަތް ފެށޭވަރު ވާނީ ކިހާތާކުތޯ އެވެ.
ފެނާއި ނަރުދަމާގެ މަސައްކަތް މިހާރު ކުރަމުން އަންނަނީ ޕްލޭނިން މިނިސްޓްރީންގެ ފަރާތުންނެވެ.
މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ސިފައިންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުންވެސް ތާވަލްކޮށްފައިވެ އެވެ. އޭގެ އިތުރުން މާލޭގައި ޒުވާނުންނަށް ހާސްކަމެއް ނެތި މިއުޒިކާއެކު މަޖާކޮށްލެވޭނެ ފަދަ މަރުކަޒެއް ގާއިމް ކުރުމާ ގުޅޭ ގަރާރާއި މުއާސަލާތީ ހިދުމަތް ދެމުން އަންނަ ކުންފުނިތަކަށް މަންފާވާގޮތަށް ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ސިޔާސަތުތައް ގެންގުޅޭ ކަމަށް ބުނެ ހުށަހާޅާފައިވާ ގަރާރަށް ބަހުސް ކުރުމަށްވެސް މާދަމާގެ ޖަލްސާއަށް ތާވަލްކޮށްފައިވެ އެވެ.