01 Feb 2012, 09:02
ރިތިކް ރޯޝަން ލީޑް ރޯލް ކުޅެފައިވާ ކަރަންޖޯހަރުގެ ފިލްމް " އަގްނީޕަތް" އިންޑިޔާގެ ސިނަމާތަކުގައި އެޅުވި ފުރަތަމަ ދުވަހު ވެސް ރެކޯޑެއް ހަދައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ސިނަމާތަކުގައި އެޅުވި މިފިލްމް އެޅުވި ފުރަތަމަ ދުވަހުވެސް 25 ކްރޯޑްގެ ރެކޯޑެއް ހަދާފައިވާއިރު މިއީ މިދިޔަ އަހަރު ނުކުތް ސާހުރުކްހާންގެ " ރާވަން" އާއި ސަލްމާންގެ ބޮޑީ ގާޑަށް ލިބިފައިވާ ތަރުހީބަށްވުރެ ބޮޑު ތަރުހީބެކެވެ. ބޮޑީގާޑަށް ފުރަތަމަ ދުވަހު 22 ކުރޯޑް ލިބިފައިވާއިރު ރާވަން އަށް ލިބިފައިވަނީ 18 ކުރޯޑް އެވެ.
އަގްނީޕަތަކީ މިއަހަރުގެ އެންމެ ކާމިޔާބު ފިލްމަށް ވެގެން ހިނގައިދާނެ ކަމަށް އުއްމީދު ބޮޑުވެފައިވާ ކަމަށާއި އެފިލްމް ގިނަ ރެކޯޑްތަކެއް ހަދާފާނެ ކަމަށް ވެސް ބޮލީ ވުޑުގެ ބައެއް ޚަބަރުތައް ބުނެ އެވެ.
މިފިލްމްގެ ލީޑްރޯލް އަދާކޮށްފައިވާ ތިން ތަރިން ކަމުގައިވާ ރިތިކް ރޯޝަންއާއި ޕްރިޔަންކާ ޗޯޕްރާ އަދި ސަންޖޭދަތު ވެސް ވަނީ ފިލްމަށް ލިބުނު ކާމިޔާބީގެ އުފާ ޓުވިޓާ މެދުވެރިކޮށް ފާހަގަކޮށްފަ އެވެ.
ބޮލީ ވުޑްގެ ހަބަރުތައް ބުނާ ގޮތުގައި މިފިލްމުގެ ފުރަތަމަ ޝޯއަށް މިހާ ބޮޑު ތަރުހީބެއް އެންމެ ފުރަތަމަ ދުވަހު ވެސް ލިބިފައިވަނީ އެދުވަހަކީ އިންޑިޔާގެ ޖުމްހޫރީ ދުވަހަށްވެފައި، އެ ދުވަސް ބަންދު ދުވަހަށް ވެފައިވާތީ އެވެ.