ލަންޑަން (ފެބްރުއަރީ 14): ކޮވިޑް-19 ވެކްސިންގެ ޖެހުމުން ދަރިމައިވުމަށް ހުރަސް އަޅާ ކަމަށް ބުނާ ވާހަކަތައް ޑޮކްޓަރުންނާއި ކަމާ ބެހޭ މާހިރުން ދޮގު ކޮށްފި އެވެ.

ކޮވިޑް-19 ވެކްސިންއާ ބެހޭ ގޮތުން އިނގިރޭސިވިލާތުގެ އެސޯސިއޭޝަން އޮފް ރިޕްރޮޑަކްޓިވް އެންޑް ކްލިނިކަލް ސައިންޓިސްޓްސް އާއި ބްރިޓިޝް ފާޓިލިޓީ ސޮސައިޓީން އާއްމު ކުރި ލިޔުމެއްގައިވާ ގޮތުން، އެފަދަ ވެކްސިންއަކުން އަންހެނުންނާއި ފިރިހެނުންގެ ދަރިމައިވުމުގެ ސިއްހަތަށް އަސަރު ކުރާ ކަމުގެ އެއްވެސް ހެއްކެއް ނެތެވެ.

"އެއްވެސް [ކޮވިޑް] ވެކްސިންއަކުން އަންހެނުންގެ ނުވަތަ ފިރިހެނުންގެ ދަރިމައިވުމަށް އަސަރު ކުރާ ކަމުގެ އެއްވެސް ހެއްކެއް ނެތް، އަދި އެފަދަ ކަމެއް ވެދާނެ ސަބަބެއް ވެސް ނެތް،" އެ ލިޔުމުގައިވެ އެވެ.

ކޮވިޑް ވެކްސިންތަކުގެ ތެރެއިން ފައިޒާ ވެކްސިންއާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ފެތުރިފައިވާ ވާހަކަތަކުގެ ތެރޭގައި، އޭގެ ސަބަބުން އަންހެނުން ދަރިމައިވުމަށް ހުރަސް އަޅާ، ބަލިވެ އިންނަ އަންހެނާގެ ބަނޑުގައި އުފެދޭ މަސް ނުވަތަ ޕްލަސެންޓާއަށް ގެއްލުން ލިބޭ ކަމަށް ބުނެފައިވެ އެވެ.

ފައިޒާ ވެކްސިން ތައްޔާރުކޮށްފައި ވަނީ ކޮރޯނާވައިރަހުން ހަށިގަނޑުގެ ސެލްތަކުގެ ތެރެއަށް ވަނުމަށް ބޭނުން ކުރާ "ތަޅުދަނޑި" ނުވަތަ ސްޕައިކް ޕްރޮޓީން އުފައްދާނެ މައުލޫމާތު ހަށިގަނޑަށް ފޮނުވޭ ގޮތަށެވެ. އަދި އެ މައުލޫމާތު ހަށިގަނޑުގެ ސެލްތަކަށް ފޮނުވުމުން، ސެލްތަކުން އެ ސްޕައިކް ޕްރޮޓީން އުފައްދަ އެވެ.

އެއަށްފަހު އެ ސްޕައިކް ޕްރޮޓީންއަކީ ހަށިގަނޑުގައި ހުންނަން ޖެހޭ އެއްޗެއް ނޫންކަން ދިފާއީ ނިޒާމަށް ފާހަގަ ކުރެވުމުން، އެ ޕްރޮޓީން ނައްތާލުމުގެ މަސައްކަތް ފަށަ އެވެ. އަދި އެ ޕްރޮޓީން އުފެއްދި ސެލްއިން ވެކްސިންގައި ހުރި، ސްޕައިކް ޕްރޮޓީންއާ ބެހޭ މައުލޫމާތު ވެސް ނައްތާލަ އެވެ. އެހެންކަމުން ވެކްސިންގެ ހުރިހާ ބަޔެއް އެހާ ހިސާބުން ހަށިގަނޑުން ނެތިގެން ދާނެ އެވެ.

ނަމަވެސް ދިފާއީ ސެލްތަކުގެ ތެރޭގައި ހިމެނޭ "މެމޮރީ ސެލްތައް" އެ ވައިރަހާ ދެކޮޅަށް މަސައްކަތް ކުރާނެ ގޮތް ދަސްކުރެ އެވެ. ދެން ކޮރޯނާވައިރަސް ހަށިގަނޑުގެ ތެރެއަށް ވަދެއްޖެ ނަމަ އޭގައި ހުންނަ ސްޕައިކް ޕްރޮޓީން އާއި އެ ޕްރޮޓީން ނައްތާލާނެ ގޮތް އެ ސެލްތަކަށް އެނގޭނެ އެވެ. އެހެންކަމުން ވައިރަސް ހަށިގަނޑުގެ ތެރެއަށް ފެތުރުމަށް ފުރުސަތު ނުދީ އިންސާނާގެ ދިފާއީ ނިޒާމު އޭގެ އަމިއްލަ ޒާތުގައި ވައިރަސް ބަލިކޮށްލަ އެވެ.

އެހެންކަމުން އެ ވެކްސިންއިން ދަރިމައިވުމުގެ ނިޒާމަށް އަސަރު ކުރާނެ އެއްވެސް ގޮތެއް ނުވިސްނޭ ކަމަށް އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ލީޑްސްގެ ވައިރޮލޮޖިސްޓް ނިކޮލާ ސްޓޯންހައުސް ވިދާޅުވި އެވެ. އަދި ވެކްސިން ޖެހުމާ ހިލާފަށް، ކޮވިޑް ޖެހިއްޖެ ނަމަ ދަރިމައިވުމަށް ހުރަސް އެޅުމުގެ ފުރުސަތު މާބޮޑު ކަމަށްވެސް ސްޓޯންހައުސް ވިދާޅުވި އެވެ.

ކޮވިޑް ވެކްސިނާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ފެތުރިފައިވާ އިތުރު ވާހަކައެއްގައިވާ ގޮތުން ވެކްސިންގައި ޕްލަސެންޓާ އުފައްދަން ބޭނުންވާ ބާވަތުގެ ޕްރޮޓީން އެއް ހިމެނެ އެވެ. އަދި އެ ވެކްސިން ޖެހުމުން، ހަށިގަނޑުން ޕްލަސެންޓާއަށް ގެއްލުން ދޭން ފަށާފާނެ އެވެ.

އިނގިރޭސިވިލާތުގެ ރޯޔަލް ކޮލެޖް އޮފް އޮބްސްޓެޓްރިޝަންސް އެންޑް ގައިނެކޮލޮޖިސްޓްސްގެ ތަރުޖަމާނު، ޕްރޮފެސާ ލޫސީ ޗަޕެލް ވިދާޅުވި ގޮތުގައި ޕްލަސެންޓާ އުފައްދަން ބޭނުންވާ ބާވަތުގެ ޕްރޮޓީންއަކާ ކުޑަކޮށް އެއްގޮތް ޕްރޮޓީންއެއް ފައިޒާ ވެކްސިންގައި ހިމެނެ އެވެ. ނަމަވެސް އެ ދެ ޕްރޮޓީންގެ ތަފާތު ހަށިގަނޑަށް ދެނެގަނެވޭނެ އެވެ. އަދި އެއްގޮތް ޕްރޮޓީންތައް ގުދުރަތީ ގޮތުން ވެސް ގިނަ އަދަދަކަށް ހުންނަ ކަމަށާއި ނަމަވެސް އޭގެ ދިގު މިނާއި އެތުރިފައިވާ ގޮތުން ތަފާތު ފާހަގަ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، އިމްޕީރިއަލް ކޮލެޖް ލަންޑަންގެ ލެކްޗަރާ، ޑރ. ވިކްޓޯރިއާ މޭލް ވިދާޅުވި ގޮތުގައި ފައިޒާ އާއި މޮޑާނާގެ ވެކްސިން ޓެސްޓު ކުރި އިރު، އެ ޓެސްޓުތަކުގައި މާބަނޑު އަންހެނުން ބައިވެރިކޮށްފައި ނުވި ނަމަވެސް، ޓެސްޓުތައް ކުރިއަށް ދަނިކޮށް 36 އަންހެނަކު ބަނޑުބޮޑުވި އެވެ. އެއީ ފައިޒާގެ ޓެސްޓުތަކުގައި ބައިވެރިވި 23 މީހަކާއި މޮޑާނާގެ ޓެސްޓުތަކުގައި ބައިވެރިވި 13 މީހެކެވެ. އަދި ވެކްސިން ޖެހުމުން މާބަނޑު ދުވަސްވަރު އެެއްވެސް މައްސަލައެއް ދިމާވި ކަމަށް އެ އަންހެނުން ރިޕޯޓުކޮށްފައި ނުވާ ކަމަށް މޭލް ވިދާޅުވި އެވެ.

"އެހެންކަމުން އެބަ އެނގޭ ވެކްސިންއިން ބަނޑުބޮޑުވުމަށް ހުރަސް ނާޅާކަން. އަދި ބަލިވެ އިންނަ އިރު [ވެކްސިންގެ ސަބަބުން] މައްސަލައެއް ނުޖެހޭކަން،" ޑރ. މޭލް މައުލޫމާތު ދެއްވި އެވެ.

ކޮވިޑް ވެކްސިންއިން ދަރިމައިވުމަށް ކުރާ އަސަރު ވަކިން ދިރާސާކޮށްފައި ނުވި ނަމަވެސް، އެ ވެކްސިން ޖެހުމުން ދަރިމައިވުމަށް އަސަރު ކުރުމަކީ ސައިންސްގެ އަލީގައި ބަލާއިރު ފުރުސަތު ކުޑަ ކަމެއް ކަމަށް އެމެރިކަން ކޮލެޖް އޮފް އޮބްސްޓެޓްރިޝަންސް އެންޑް ގައިނެކޮލޮޖިސްޓްއިން ނެރުނު ބަޔާނެއްގައިވެ އެވެ. އަދި ވެކްސިންގެ ޓެސްޓުތަކުގައި ބައިވެރިވި މީހުންނާއި އޭގެ ފަހުން ވެކްސިން ޖަހާފައިވާ އެތައް މިލިއަން މީހުންވެސް، ވެކްސިންގެ ސަބަބުން ދަރިމައިވުމަށް ހުރަސް އެޅިފައިވާކަން ރިޕޯޓުކޮށްފައި ނުވާ ކަމަށް އެ ބަޔާނުގައިވެ އެވެ.