14 Feb 2021, 08:11
ކޮވިޑް ކޭސްތައް އިތުރުވުމާއެކު ބަލި ކޮންޓްރޯލްކުރުމަށް ފިޔަވަޅުތައް ވަރުގަދަ ކުރީ ލޮކްޑައުން (ފުރަބަންދު)އަށް ނުގޮސް ސަލާމަތް ވެވޭނެ ގޮތެއް ހޯދަން ކަމަށް އެޗްއީއޯސީން ބުނެފި އެވެ.
ރާއްޖޭގެ ކޮވިޑްގެ ތިން ވަނަ ރާޅު ބޮޑުވަމުން އަންނަ އިރު، ފުރަބަންދަކަށް ދާން އުޅޭ ކަމުގެ އަޑުތަކެއް ވަނީ ގަދަވެފަ އެވެ.
އެކަމާ ގުޅޭ ގޮތުން އެޗްޕީއޭގެ ޑީރެކްޓަރު އަހްމަދު ނާސިރު ވިދާޅުވީ، މިހާރު އަޅާފައިވާ ފިޔަވަޅުތަކަކީ، މި ދަނޑިވަޅަށް އެންމެ އެކަށީގެންވާ ފިޔަވަޅުތައް ކަމަށާއި އެހެން ނަމަވެސް ކޭސްތައް އިތުރުވަމުންދާނަމަ، އެ ހާލަތު އައުމުން އަނެއްކާވެސް ފިޔަވަޅުތައް ވަރުގަދަ ކުރާނެ ކަމަށެވެ.
"އަޅުގަނޑުމެން ލޮކްޑައުންގެ ހިތި ތަޖުރިބާތަކެއް ކޮށްފިން. އެފަދަ ތަޖުރިބާއެއް ދެވަނަ ފަހަރަށް ނުކުރަން ކޭސްތައް އިތުރުވަމުންދާ ވަރަކަށް މެޝާސްތައް ހައި ކުރަމުން ކުރަމުން މިދަނީ. މިހާރު ނެގިފައިވާ މެޝާސްތަކަކީ، މިކަމަށް [މިހާލަތައް] އެންމެ ރަނގަޅު ކަމަށް ފެންނަ [ފިޔަވަޅުތައް]. އަދި މިއަށްވުރެ އިތުރަށް ފެންނަ އެއަށްވުރެ ހައި މެޝާސްތައް ނެގުން އެކަށީގެންވޭ،" އަހުމަދު ނާސިރު ވިދާޅުވި އެވެ.
"ނަގަމުންދާ މެޝާސްތައް މި ނަގަނީ، ލޮކްޑައުންއަކަށް ނުގޮސް ކުރެވެން އޮތް ކަމެއް ކުރަން. ލޮކްޑައުންއަކަށް ނުގޮސް އަޅުގަނޑުމެން ސަލާމަތްވެވޭނެ ގޮތެއްވޭތޯ ބަލަން،"
އޭނާ ވިދާޅުވީ، ބޭނުންވަނީ ފުރަބަންދު ކުރަން ނުޖެހި، މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ރައްޔިތުން އަމަލުކޮށް، ކޭސްތައް މަދުވުން ކަމަށެވެ.
"އަޅުގަނޑުމެންގެ އުންމީދަކީ، އެފަދަ ކަމެއް [ފުރަބަންދު ކުރުން] ދިމާ ނުވެ، މިހާރު ނެގިފައިވާ ފިޔަވަޅުތައް ރަނގަޅަށް ދަހަމައްޓައި، މިކަމުން ސަލާމަތްވުން،" ނާސިރު ވިދާޅުވި އެވެ.
ހަފްތާއެއްހާ ދުވަސް ވަންދެން އެވްރޭޖްކޮށް ދުވާލެއްގެ މައްޗަށް 100 އިން މަތީގައި ކޮވިޑް ކޭސްތައް ފެންނަމުން ގޮސް އިއްޔެ ވަނީ 200އަށްވުރެ ގިނަ މީހުންނަށް ބަލި ޖެހިފަ އެވެ. އޭގެ ތެރޭގައި ގިނައީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ. އެގޮތުން މާލެ އިން އެކަނި 101 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި ތިލަފުށިން 73 މީހަކު ޕޮޒިޓިވްވެފައިވެ އެވެ.