13 Feb 2021, 23:32
ކ. ތިލަފުށިން ކޮވިޑް19އަށް 73 މީހުން ޕޮޒިޓިވްވެ، ބޮޑު ކްލަސްޓާއަކަށް ވެއްޖެ އެވެ.
އެޗްޕީއޭއިން މިރޭ އާންމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިއަދު ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ 209 މީހެކެވެ. އޭގެ ތެރެއިން 73 މީހުން ޕޮޒިޓިވްވެފައިވަނީ، ސިނާއީ މަސައްކަތް ކުރާ ރަށަކުންނެވެ.
މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑިރެކްޓަރު އަހްމަދު ނާސިރު ވިދާޅުވީ، މިއަދު ޕޮޒިޓިވްވި 73 މީހުންނަކީ ތިލަފުށިން ޕޮޒިޓިވްވި މީހުން ކަމަށެވެ.
އެކަމާ ގުޅޭ އިތުރު ތަފްސީލެއް އެޗްއީއޯސީން އަދި ހާމައެއް ނުކުރެއެވެ.
ސިނާއީ ރަށެއްގެ ގޮތުގައި އޮތް ތިލަފުށްޓަކީ ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން އުޅެމުންދާ ރަށެކެވެ. ތިލަފުއްޓާއި މާލެއާ ދެމެދު ފެރީގެ ދަތުރުތައްވެސް އޮވެ އެވެ.
މިއީ މިފަހުން ރާއްޖެއިން އެންމެ ގިނަަ އަދަދަކަށް ކޮވިޑަށް ޕޮޒިޓިވްވި ދުވަހެވެ. އެންމެ ފަހުން މިމަހު 10 ވަނަ ދުވަހު 215 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ވޭތުވެދިޔަ 24 ގަޑިއިރު ނެގި 4،000 އަށްވުރެ ގިނަ ސާމްޕަލްއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ މާލެ ސަރައްހަދުންނެވެ. އެގޮތުން މާލެ ސަރަހައްދުން އެކަނި 101 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. ރިސޯޓުތަކުން ހަ މީހުން ޕޮޒިޓިވްވި އިރު، ސަފާރީތަކުން 14 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި އަތޮޅު ތެރެއިން 15 މީހަކުވެސް ވަނީ ޕޮޒިޓިވްވެފައެވެ.
ކޮވިޑްގެ އާ ވޭރިއަންޓުތަކާއެކު ވައިރަސް ފެތުރޭ މިންވަރު ހަލުވިވެ، ކޮވިޑް ކޭސްތައް އިތުރުވުމާއެކު، އެޗްޕީއޭއިން ބަލި ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅާފަ އެވެ. އެގޮތުން ހަވީރު 6:00 އިން ފެށިގެން ހެނދުނު 6:00 އަށް މާލެ ސަރައްހަދުގައި އެއްގަމު ދަތުރުފަތުރު ކުރުން ވަނީ މަނާކޮށްފައެވެ. އަދި 10 މީހުންނަށްވުރެ ގިނައިން އެއްފަހަރާ އެއްވުމާއި ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް މަގުމައްޗަށް ނުކުތުންވެސް ވަނީ މަނާކޮށްފައެވެ.