13 Feb 2021, 22:09
މިއަދު ރިކޯޑު އަދަދަކަށް ރާއްޖެއިން ކޮވިޑް19އަށް މީހުން ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭއިން މިރޭ އާންމު ކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިއަދު ރާއްޖެއިން ވަނީ 209 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
މިއީ އިއްޔެ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދާ އަޅާ ބަލާއިރު، 89 ކޭސްގެ އިތުރުވުމެކެވެ. އިއްޔެ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 120 އެވެ.
ވޭތުވެދިޔަ 24 ގަޑިއިރު ނެގި 4،006 ސާމްޕަލް އިން ޕޮޒިޓިވްވި މީހުންގެ ތެރެއިން ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ މާލެ ސަރައްހަދުންނެވެ. އެގޮތުން މާލެ ސަރަހައްދުން އެކަނި 101 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. ސިނާއީ ރަށްރަށުން 73 މީހަކު ޕޮޒިޓިވްވި އިރު، ރިސޯޓުތަކުން ހަ މީހެކެވެ. އަދި އަތޮޅު ތެރެއިން 15 މީހަކާއި ސަފާރީތަކުން 14 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދަކީ، 17،716 އެވެ.
މިއަދު ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ، 149 އެވެ. އެއާއެކު ޖުމްލަ ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ، 15،291 އެވެ.
ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދަކީ، 2،360 އެވެ. އޭގެ ތެރެއިން 190 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.
ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދަކީ، 58 އެވެ. އޭގެ ތެރޭގައި ވޭތުވެދިޔަ 24 ގަޑިއިރު، މަރުވި ދެ މީހުން ހިމެނެވެ.
މިއަހަރު ތެރޭ އެންމެ ގިނަ މީހުން ޕޮޒިިޓިވްވެފައިވަނީ މިމަހު އެއް ވަނަ ދުވަހުއެވެ. އެދުވަހު 215 މީހަކު ޕޮޒިޓިވްވެފައިވެ އެވެ.