13 Feb 2021, 22:18
މިރޭ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭއްވި މުޒާހަރާ ފުލުހުން ރޫޅާލައިފި އެވެ.
ޕީޕީއެމް އޮފީސް ކުރިމަތިން ފެށި އެ މުޒާހަރާ ފުލުހުން ރޫޅާލީ، އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް ބާއްވާ އެއްވުމެއް ކަމަށް ބުނެ، އެ ސަރަހައްދު ދޫކޮށް ދިޔުމަށް ފުލުހުން ތަކުރާރުކޮށް އިންޒާރު ދިނެވެ. އެއަށްފަހު ފުލުހުން ވަނީ، މުޒާހަރާ ރޫޅާލާފައެވެ.
އިދިކޮޅުން ބުނީ، އެ މުޒާހަރާ އަކީ އެޗްޕީއޭގެ ގައިޑްލައިންއާ އެއްގޮތަށް 10 މީހުންނަށްވުރެ ގިނަ ނުވާނެ ގޮތުގެ މަތިން ޓީމްތަކަށް ބަހާލައިގެން އިންތިޒާމް ކުރި މުޒާހަރާއެއް ކަމަށެވެ. އިދިކޮޅުން އެހެން ބުނި ނަމަވެސް އެ މުޒާހަރާގައި 10 މީހުންނަށްވުރެ ގިނައިން ވަނީ ބައިވެރިވެފަ އެވެ.
އެ މުޒާހަރާގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔަމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ގޮވާލާފައިވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހް ހައްޔަރު ކުރުމަށާއި ސަރުކާރުގެ އިސްތިއުފާއަށް ވަނީ ގޮވާލާފައެވެ.
މުޒާހަރާ ރުޅާލުމުން، މާދަމާވެސް 10 މީހުންގެ ޓީމްތަކަށް ބަހަލައިގެން އިހްތިޖާޖު އޮންނާނެ ކަމަށް ޕިޕީއެމް އިން ވަނީ ބުނެފައެވެ.
މާލެ ސީޓީގައި ކޮވިޑް ކޭސްތައް ގިނަވެ، ބަލި ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއިން ވަނީ ރެއިން ފެށިގެން މާލޭގައި 10 މީހުން އެއްފަހަރާ އެއްވުން މަނާކޮށްފައެވެ.
އިދިކޮޅުން އިއްޔެ ހަވީރުވެސް "ކޮބާ މަގޭ ފްލެޓް"ގެ ނަމުގައި މާލޭގައި މުޒާހަރާކޮށްފައިވެ އެވެ.