އިދިކޮޅު ފަރާތްތަކުން މާލޭގައި ފަށާފައިވާ ސިލްސިލާ މުޒާހަރާތަކުގައި ރޭ ކުރިޔަށްދިޔަ މުޒާހިރާގެ ބައިވެރިންގެ ތެރެއިން އެއްލި އަލިފާން ބޯޅައެއް ފުލުހެއްގެ ގައިގައިޖެހި ޔުނީފޯމްގައި ރޯވެ، ފުލުސް މީހާ ވަރަށް ބޮޑަށް ފިހިއްޖެ އެވެ.

ފުލުހުން ވަނީ މުޒާހަރާގެ ތެރެއިން އަލިފާން ބޯޅަ ހޫރައިލި ކަމަށް ތުހުމަތު ކުރެވޭ 16 އަހަރުގެ ފިރިހެން ކުއްޖަކު ރޭ ހައްޔަރުކޮށް ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގައި މައްސަލަ ބަލަން ފަށައިފަ އެވެ.

ފުލުހުން ބުނީ މުޒާހަރާގެ ތެރެއިން ހޫރައިލި އަލިފާން ބޯޅައިންޖެހި ރޯވެގެން ފިހުނު ފުލުސް މީހާ އަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށާއި އަލިފާން ބޯޅައިގެ ހަމާލާގައި ފިހިފައިވަނީ ފުލުސް މީހާގެ ކަރާއި ކަނދުރާ މައްޗާއި ކަންފަތް ކަމަށެވެ. އަދި ބުނީ އަލިފާން ބޯޅަ އެއްލާފައި ވަނީ މުޒާހަރާ ރޫޅައިލުމަށް ފުލުހުން މަސައްކަތް ކުރަނިކޮށް ކަމަށެވެ.

"މީގެ އިތުރުން އޭނާ ލައިގެން ހުރި ފުލުހުންގެ ކޮމްބެޓް ޔުނީފޯމުގެ ބައެއް އަނދައި ގެންގުޅުނު ބައެއް ހަތިޔާރަށް ވެސް ވަނީ ގެއްލުން ލިބިފައި،" ފުލުހުން ބުންޏެވެ.

މުޒާހިރާގެ ބައިވެރިންގެ ތެރެއިން ފުލުހުންނާއި ދިމާއަށް ރޭ އަލިފާން ބޯޅައިގެ އިތުރުން ގަލާއި ފެންފުޅި އަދި ބިސްފަދަ ތަކެތި އުކާފައިވާ ކަމަށާއި އޭގެ ސަބަބުން އިތުރު ދެ ފުލުހަކަށް އަނިޔާލިބި ހޮސްޕިޓަލުގައި އެޑެމިޓްކޮށް ފަރުވާ ދެމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.

މުޒާހަރާ ކަވަރު ކުރި ބައެއް ނޫސްވެރިން ބުނީ ރޭގެ މުޒާހަރާގެ ތެރޭގައި ފުޅިފާޑުގެ ތަކެތީގައި އަލިފާން ރޯކޮށް ފުލުހުންނާ ދިމާއަށް އުކާފައިވާ ކަމަށާއި އެފަދަ އަލިފާން ފުޅިއަކުން ފުލުހެއްގެ ގައިގައި ޖެހުމުން ރޯވި ވަގުތު ފުލުހުން ނިއްވާލި ކަމަށެވެ. އަދި ބައެއް ނޫސްވެރިން ބުނީ ބިހާއި ގާފަދަ ތަކެތި ވެސް ފުލުހުންނާ ދިމާއަށް އުކާފައިވާ ކަމަށާއި ނަމަވެސް ފުލުހުންނާ ދިމާއަށް އެތަކެތި އުކާފައި ވަނީ ބައެއް މީހުންގެ ހިފަހައްޓާ މޫނާ ދިމާކޮށް ފުލުހުން ޕެޕާ ސުޕްރޭ ޖަހަން ފެށުމުން ކަމަށެވެ.