މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުމާއި މީހުން ނުކުމެ އުޅުން މަނާ ވަގުތުތަކުގައި ޒަރޫރީ ބޭނުންތަކަށް ވެހިކަލް ބޭނުން ކުރުމަށް ނުވަތަ ބޭރަށް ނުކުތުމަށް ފުލުހުންގެ ހުއްދައަށް އެދުމަށް ހުޅުވާލައިފި އެވެ.

ފުލުހުން މިރޭ ބުނީ، މަނާ ވަގުތުތަކުގައި ޒަރޫރީ ބޭނުންތަކަށް ބޭރަށް ނުކުތުމަށް ޕޮލިސްގެ ޕާމިޓް ޕޯޓަލް މެދުވެރިކޮށް ހުއްދައަށް އެދެވޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން ހުއްދަ ދިނުމަށް ހަމަޖެހިފައިވަނީ، އިމަޖެންސީ ޑިއުޓީއަށް ދިއުމާއި އައުމަށާއި އެއާޕޯޓަށް ދަތުރުތަކަށް އަދި ކާބޯތަކެތި ޑެލިވާކުރުމަށް ކެފޭ ރެސްޓޯރެންޓުތަކަށެވެ.

ޕޮލިސް ޕޯޓަލް ލިންކުބޭނުން ކުރައްވައިގެން އަދި ޕޮލިސް ޕާމިޓް ސެންޓަރު ނަމްބަރު، 1665 އަށް ގުޅުއްވައިގެންވެސް ހުއްދައަށް އެދެވޭނެ ކަމަށް ފުލުހުން ބުންޏެވެ.

ކޮވިޑް ކޭސްތައް އިތުރުވެ، ބަލި ކޮންޓްރޯލް ކުުރުމަށް އިއްޔެއިން ފެށިގެން ވަނީ މާލެ ސިޓީގައި ބޭރަށް ނުކުމެ އުޅޭ ގަޑިތައް ކުރުކޮށްފައެވެ. އެގޮތުން ހަވީރު 6:00 އިން ހެނދުނު 6:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުން ވަނީ މަނާކޮށްފައެވެ. އަދި ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް މަގުމައްޗަށް ނުކުތުންވެސް ވަނީ މަނާކޮށްފަ އެވެ.