01 Feb 2012, 08:51
މިދިއަ ތިން އަހަރު ވެސް ރާއްޖެއަށް ދިމާވި އެންމެ ބޮޑު އެއް މައްސަލައަކީ އަހަރު ފެށުމާއެކު ރަށްރަށުން ބޯފެން ހުސްވެ ފެނަށް ޖެހުމެވެ. އާ އަހަރެއް ފެށި އެއްމަސް ކެނޑިގެން ގޮސްފައިވާއިރު މިއަހަރު ވެސް ބޯފެނުގެ މައްސަލަ ރަށްރަށަށް ކުރިމަތިވާނެ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖެމަންޓް ސެންޓަރުން ލަފާ ކުރެ އެވެ. ބައެއް ރަށްރަށުގައި މިހާރު ވެސް މައްސަލަ ދިމާވެއްޖެ އެވެ. ޑިޒާސްޓާއިން ގަބޫލު ކުރާ ގޮތުގައި އަހަރުގެ ފުރަތަމަ ކްއާޓަރުގައި ދިމާވާ ބޯފެނުގެ މައްސަލައަކީ ރާއްޖޭގައި ނުކުމެފައި އޮތް ބޮޑު އެއް އިޝޫއެވެ.
"ވޭތުވެދިޔަ ތިން އަހަރު ވެސް އަޅުގަނޑުމެނަށް ފެނުނީ އެއް ޓްރެންޑެއްގައި އެއް ގޮތަކަށް ފެނުގެ މައްސަލަ ދަތިވެފައި ވަނިކޮށް އަޅުގަނޑުމެނަށް މިހާރު ވެސް ލަފާ ކުރެވޭ މިއަހަރު ވެސް ރަށްރަށުން ފެން ހުސްވެގެން އުޅެން ފަށާނެ. އެޓްރެންޑް އެގޮތަށް ގޮސް މޭ މަސް ނިމޭ ހިސާބާ ހަމައަށް ދެމިގެންދާނެ ކަމަށް ލަފާ ކުރެވޭ،" ޑިޒާސްޓާ މެނޭޖުމެންޓް ސެންޓަރުން ޑެޕިއުޓީ މިނިސްޓަރު އަހުމަދު ޒަކީ ވިދާޅުވި އެވެ. "އަޅުގަނޑުމެނަށް ފޯކާސްޓް ކުރެވެނީ ފެނުގެ ދަތިކަން ދިމާވާނެ ކަމަށް. އަޅުގަނޑުމެން މިތިބީ އެކަމަށް ތައްޔާރުވެގެން ހުސްވާއިރު އޯލްމޯސްޓް [ގާތްގަނޑަކަށް] ހުރިހާ ހިސާބަކުން [ހުސްވެގެން] ދޭ. އެކަމަކު އަވަހަށް ހުސްވެ ސިރިއަސްވާ ހިސާބުތައް ވެސް ހުރޭ އެމާޖެންސީ ކަމެއްގައި މި ސެންޓަރަށް އެންމެ ޗެލެންޖިން ކަމަކީ ބޯފެން ސަޕްލައި ކުރުން. އެގޮތުން އެމަޖެންސީ ބަޖެޓެއް ކަނޑައޅައިގެން މިތިބީ. މިއަހަރު ވެސް މިތިބީ ތައްޔާރުވެގެން އަޅުގަނޑަށް ހަމަ ޔަގީން އެ ހާލަތު އަންނާނެ،"
މިއަހަރު ވެސް "ފެނަށް ޖެހިދާނެ" ކަމަށް ޑިޒާސްޓާއިން ފޯކަސް ކުރާއިރު މިދިއަ އަހަރު ވެސް 190 ރަށަކަށް 8000 ޓަނުގެ ބޯފެން ސަޕްލައިކޮށްދިނުމުގެ އުނދަގޫ މަސައްކަތް އިމާޖެންސީގައި ކުރަން ޖެހުނެވެ. އޭގެ ކުރިޔަށް ދިޔަ ދެ އަހަރު ވެސް ހަމަ އެގޮތަށް އަހަރު ކުރީކޮޅުން ފެށިހެން މޭމަހާ ހަމައާ ރަށްރަށަށް ފެން ސަޕްލައިން ކޮށްދޭން ޖެހި އެތައް މިލިޔަން ރުފިޔާއެއް އެކަމަށް ހޭދަ ކުރަން ޖެހުނެވެ.
ދެހާސް ދިހަވަނަ އަހަރު ފަސް މިލިޔަން ރުފިޔާގެ ބޯފެން ސަޕްލައި ކުރަން ޖެހުނު އިރު 2009 ވަނަ އަހަރު 11 މިލިޔަން ރުފިޔާ ހޭދަ ކުރަން ޖެހުނެވެ. މިދިއަ އަހަރުގެ ވެސް ބޮޑު އަދަދެއް ހޭދަ ކުރަން ޖެހުނެވެ.
މިދިއަ ތިން އަހަރުގައި އެއް ގޮތަކަށް ނަތީޖާ ނުކުމެ އިމާޖެންސީކޮށް ފެން ސަޕްލައި ކޮށްދެމުން ދިޔައަސް ޑިޒާސްޓާ މެނޭޖެމެންޓް ސެންޓަރަށް އޮންނަނީ ގޮންޖެހުމާ ކުރިމަތިވެފަ އެވެ. ރައްކާތެރި ކަމާއެކު ރަށްރަށަށް ފެން ސަޕްލައި ކޮށްދޭނެ އުޅަނދު ފަހަރު ރާއްޖޭގައި ނެތުމާއި އެއް ފަހަރާ ހުރިހާ ރަށަކަށް ފެން ފޮނުވައި ނުދެވުމަކީ ދިމާވާ އެއްމެ ބޮޑު އެއް މައްސަލަ އެވެ.
"އަޅުގަނޑުމެން އިއުލާނު ކުރަނީ ފެން ފޮނުވާއިދޭނެ ފަރާތެއް ހޯދަން. އެކަމަކު ރާއްޖޭގެ މާ ގިނަ ފަރާތްތަކަކު ރައްކާތެރި ބޯފެން އުފެލޭނެ އުޅަނދު ފަހަރެއް ނެތް. ވަރަށް މަދު ބައެއްގެ، އެހާ މަދު އުޅަނދުތައް ހުންނަނީ ފެން ރައްކާ ކުރެވޭނެ ނިޒާމާއެކު. އެ އުޅަނދުތަކުގައި 100 ރަށަށް 180 ރަށަށް އެއް ފަހަރާ ސަޕްލައިއެއް ނުކުރެވޭނެ. އެ ކެޕޭސިޓީ ދިވެހި ރާއްޖޭގައި ވެސް ނެތް. އެކަމަކު އުންމީދު ކުރަނީ މި އަހަރު ކުރިޔަށް ވުރެ ރަނގަޅު ކުރެވޭނެ ކަމަށް، އޭގެ ސަބަބުތައް ވެސް ބަހުރި. މިހާރު ބައެއް ހިސާބުތަކުގައި ފެން ޕްރޮޑިއުސް ކުރޭ ގދ ގައި އުފައްދާ، އައްޑޫގައި އުފައްދާ، ހދ. އުފައްދާ، އެހެންވީމާ އެއީ ފަސޭހައެއް،" ޒަކީ ވިދާޅުވި އެވެ.
ފަހަކަށް އައިސް ކޮންމެއަރަކު ރާއްޖެއަށް ދިމާވާ ފެނަށް ޖެހޭ މައްސަލައިގައި ހަރަދުތަކެއް ކޮށް ރަށްރަށަށް ފެން ފޮނުވައި ދެމުން ދިޔަ ނަމަވެސް އޭގެ އަސްލު މައްސަލައަކަށް ހައްލެއް ނުހޯދެ އެވެ. ފެނަށް ޖެހޭ ރަށްރަށަށް ފެން ގަނެފައި ފޮނުވައި ދިނުމަކީ މައްސަލައިގެ ހައްލެއް ކަމަކަށް ނުބެލެވެ އެވެ.
"ދާއިމީ ހައްލެއް އަންނާނެތޯ ސުވާލު ތިކުރައްވަނީ؟ އަޅުގަނޑުމެން ކުރާ މަސައްކަތަކީ ބޯފެން ހުސްވީމާ އިމާޖެންސީގައި ފެން ފޯރުކޮށްދޭނީ. އެއީ އަޅުގަނޑުމެނަށް ލާޒިމުވާތީ. ތިވިދާޅުވާހެން އޭގެ މާނައަކީ އަސްލު އިޝޫއަކަށް އެޑްރެހެއް ނުކުރެވެއޭ،" ޒަކީ ވިދާޅުވި އެވެ. "ވޭތުވެ ދިޔަ ތިން އަހަރު ވެސް ފެނުގެ މައްސަލަ ނުކުތުމާއެކު މިހާރު ވާނީ ސްޓަޑީއެއް ހަދާފައި. އޭގެ ކުރީގައި ވެސް ޑްރައުޓް އަންނާނެތާ މޫސުމަށް ބަލާއިރު އެއްކަހަލަ ގޮތަކަށް ބަދަލު އަންނަނީ. ކުދިކުދި ބަދަލުތަކެއް އަޔަސް އަންނަނީ،"
ޒަކީ ވިދާޅުވި ގޮތުގައި މައްސަލަ ދިރާސާ ކުރިއިރު އެންމެ ބޮޑު މައްސަލައަކަށް ވެފައި އޮތީ ރަށްރަށުގައި ބޯފެން ރައްކާކުރަން ކުރިންސުރެ ބޭނުން ކުރަމުން އައީ ކޮމިއުނިޓީ ތާންގީތަކާއި އެފަދަ ސްޓޯރޭޖް ފެސިލިޓީޒް ފަނާވެދިއުމުގެ މައްސަލަ އެވެ.
"މި މައްސަލަ ނުކުމެގެން މިއުޅެނީ. ހަމައެއާއެކު ޑްރައި ސީޒަން ވެސް ފުޅާވޭ، އަކަމަކު މުޅިއަކުން އެހެނެއް ނޫން. މައްސަލަ ސީރިއަސް ވެގެން އުޅެނީ ސްޓޯރޭޖް ފެސިލީޓޒް ނެތިގެންދާތީ އެހެންވީމާ ސްޓޯ ކުރެވިފައި ފެނެއް ނުހުރޭ ފެން ސްޓޯރް ކުރުމަށް ރަށްރަށުގައި މިހާރު މިހުންނަނީ ވަރަށް މަދު ފެސިލިޓީޒް. ހުރި ތަންތަން ވެސް ވީރާނާވެގެންދަނީ،" ޒަކީ ވިދާޅުވި އެވެ.
ރަށްރަށުގެ ދިރިއުޅުމުގެ ފެންވަރު މަތިވަމުންދާވަރަކަށް "ކޮމިއުނިޓީ ވޯޓާ ޓޭންކް" ބޭނުންކުރާ މިންވަރު ވަނީ މަދުވެފަ އެވެ. އެފަދަ ތާންގީތާ ބޭނުން ކުރާ މީހުން މަދުވުމާއެކު އެފަދަ ފެސިލިޓީޒްގެ މެއިންޓަނެންސް ބެލެއްޓުން ވެސް ވަނީ ވަރަށް ބޮޑަށް ދޫކޮށްލެވިފަ އެވެ. އެއާއެކު މީހުން އިތުރުވެ ބޭނުންވާ ފެނުނުގެ އަދަދު މަތިވުން ވެސް މީގެ ތެރޭގައި ހިމެނެ އެވެ.
"ހަގީގަތުގައި ރަނގަޅަށް އެކަން ކުރެވެންޏާ ކޮމިއުނިޓީ ޓޭންކްތައް ބޭނުން ކުރާނެ. އެއީ އަޅުގަނޑުމެން މި ފޮނުވައިދޭ ފެން ވެސް މިއަޅަނީ [ހަލާކު ނުވެހުރި] އެފަދަ ތާންގީތަކަށް. މައްސަލައަކީ އެ ސްޓޯރޭޖް ފެސިލިޓީޒް ކުރިން ގާއިމު ކުރި އިރު ބެލެހެއްޓި ފެންވަރުގައި ނުބެހެއްޓި ދޫކޮށްލުން އެއީ އަސްލު އިޝޫއަކީ. ސިމެންތިން ހަދާފައި ހުރި ތާންގިއެއް ވެއްޖިއްޔާ ފުނޑުފުނޑުވެގެން ދިޔައީ. ފަހުން [ޔުނިސެފުން] ބެހެއްޓި ކަޅުހަންތަކުގެ ކަނެކްޝަންތައް ވެސް ހަލާކުވީ. މި ސްޓޯރޭޖް ފެސިލިޓީޒްތައް ފަނާވަމުންދާވަރަކަށް މައްސަލައިގެ ސީރިއަސްކަން ފުޅާވަމުން ދާނެ،" އޭނާ ވިދާޅުވި އެވެ.
ބޯފެނަށް ޖެހޭ މައްސަލަ ހައްލު ކުރުމަށް ޓެކްނިކަލް ކަރުދާހެއް ވަޒީރުންގެ މަޖިލީހަށް ވެސް މިހާރު ވަނީ ހުށަހަޅާފަ އެވެ. މީގެ އިތުރުން ރާއްޖޭގައި ރެއިން ވޯޓާ ހާވެސްޓް ކުރުމުގެ މަސައްކަތް ވެސް ޕައިލެޓް ޕްރޮޖެކްތެއްގެ ގޮތުގައި ކޮރެއާ ސަރުކާރުގެ އެހީގައި ނ. އަތޮޅުގައި ކުރެ އެވެ. އެގޮތަށް ވާރޭފެން ކަލެކްޓްކޮށް ސްޓޯކުރެވޭނެ ގޮތްތަކެއް ހެދުމާއި ފެން ރައްކާކުރާ ކޮމިއުނިޓީ ސްޓޯރޭޖެ ފެސިލިޓީޒްތައް އަލުން ރަނގަޅު ފެންވަރަކަށް ގާއިމު ނުކުރެވޭނެމަ ފެންނަށް ދަތިވާ ކޮންމެ ފަހަރަކު ފެނުފެ ބަދަލުގައި ފޮނުވައި ދެވޭނީ ހުވަފެނެވެ.
"ކުރަންޖެހޭ ކަމަކީ ބޯފެން ހޯދައިފައި ބެއްހެޓުން، ރާއްކާކުރެވޭނެ ގޮތްތައް ހުރުން. އެހެންނޫނީ ޑްރައިސީޒަން ބޮޑުވެ އެއްފަހަރާ އެކަން ކުރަން ޖެހުނީމާ ދެން ފޮނުވައި ދެވޭނީ ފެނެއް ނޫން. ހުވަފެން،" ޒަކީ ވިދާޅުވި އެވެ. "އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އަހަރަކުން ދޮޅު އަހަރަކުން ރާއްޖޭގެ ހުރިހާ ރަށެއްގައި ޑީސަލްނޭޝަން ޕްލާންޓް ބަހައްޓައި ހުރިހާ ގެއަކަށް ފެން ދެވޭނެ ކަމަކަށް އެއަކީ އެންމެ ރަނގަޅު ހައްލު ކަމަކަށް ވެސް ގަބޫލެއް ނުކުރެވޭ. އަޅުގަނޑުމެން ޖެހޭނީ ރެއިން ވޯޓާ ހާވެސްޓް ކުރަން. ކޮމިއުނިޓީ ސްޓޯރޭޖް ފެސިލިޓީޒް ވަރުގަދަ ކުރަން،"
އެހެން ކަމުން ކޮންމެ އަހަރެއް ފަށާ ހިސާބުން ފެށިގެން ނުކުންނަ ބޯފެނުގެ މައްސަލަ ލައިގަތުމުގެ ކުރިން ވެހޭތަނުގައި ފެންނަގާ އެ ފެން ރައްކާކޮށްފައި ބަހައްޓަންޖެހެ އެވެ.