ކޮވިޑް19 ޖެހިގެން ރާއްޖެއިން 58 ވަނަ މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭ އިް ބުނީ މަރުވެފައިވަނީ 59 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.

ކޮވިޑް ޖެހިގެން މަރުވި 58 ވަނަ މީހާ އަކީ ރޭ މެންދަމު3:17ގައި އައިޖީއެމްއެޗުގެ އީއާރަށް ގެންދިޔަ މީހެއް ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ހަރަކާތް ހުއްޓުމުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އެ ޕޭޝަންޓު މަރުވެފައި ވަނީ ރޭ 3:46 ހާއިރު ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

ރޭ މެންދަމު އީއާރަށް ގެންދިޔަ މީހަކު މަރުވިފަހުން ހެދި ޓެސްޓުން ކޮވިޑަށް ޕޮޒިޓިވްވި ކަން އެނގިފައިވާ އިރު ރޭ އިރާކޮޅު އައިޖީއެމްއެޗަށް ގެންދިޔަ އުމުރުން ދުވަސްވީ ދިވެހި އަންހެނަކު ވެސް ވަނީ މަރުވެފަ އެވެ. އޭނާގެ ޓެސްޓު ހެދިއިރު ވެސް ކޮވިޑު ޕޮޒިޓިވް ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މިއީ މިދިޔަ 24 ގަޑިއިރު ތެރޭ ކޮވިޑުގެ ދެވަނަ މަރެވެ.

އިމަޖެންސީގައި ހާލު ބޮޑުވެގެން ޑޮކްޓަރަށް ދައްކަން އަންނަ މީހުން ކޮވިޑް19އަށް ޕޮޒިޓިވްވާ މިންވަރު އިތުރުވެފައިވާ ކަމަށް އައިޖީއެމްއެޗުގެ ޕިޒީޝަން ޑރ. މުހައްމަދު އަލީ ވަނީ ރޭ ވިދާޅުވެފަ އެވެ.

"ސީރިއަސް ވެގެން ހާއްސަކޮށް އައިޖީއެމްއެޗް އީއާރު (އިމަޖެންސީ ރޫމް)އަށް ގެނެވޭ ކޭސްތައް [ނުވަތަ] ބޮޑަށް ބަލިވާ ކޭސްތައް ގިނަ ފަހަރު ކޮވިޑަށް ޕޮޒިޓިވްވާކަން އެބަ ފާހަގަ ކުރެވޭ. އޭގެ ގިނަ ކޭސްތައް މީގެ ކުރިން ފެނިގެން ނުދޭ،" މުހައްމަދު އަލީ ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑު ޖެހުނު މީހުންގެ ޖުމްލަ 17،507 އަށް އަރާފައިވާ އިރު މިވަގުތު 2،302 މީހަކަށް ދަނީ ބައްޔަށް ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން 206 މީހުން ތިބީ ހޮސްޕިޓަލުގަ އެވެ. ބަލީގައި މަރުވި މީހުންގެ ޖުމްލަ 58 އަށް އަރާފައިވާ އިރު 15،142 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.

ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާ ދިނުމަށް މާލޭ ސަރަހައްދުގައި ގާއިމުކުރި އެނދުތަކުގެ 86 ޕަސެންޓު މިހާރު ވަނީ ފުރިފަ އެވެ. އެގޮތުން 453 އެނދުގެ ތެރެއިން މިހާރު ހުސްކޮށް ހުރީ އެންމެ 23 އެނދެވެ.