އައްޑޫ ސިޓީގައި ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭ ހިމެނޭ އުމުރުން ދުވަސްވީ، ހާލު ބޮޑޑު ބަލިމީހަކު ކޮވިޑް ފެސިލިޓީގައި އެޑްމިޓުކޮށްގެން ފަރުވާ ދޭން ފަށައިފި އެވެ.

އައްޑޫ އީއޯސީ އިން ބުނީ އުމުރުން 79 އަހަރުގެ ހައިރިސްކު މީހަކު، ހާލު ބޮޑވެ، އައްޑޫ ކޮވިޑް މެނޭޖުމެންޓް ހޮސްޕިޓަލުގައި ރޭ އެޑްމިޓުކޮށްފައިވާ ކަމަށެވެ.

މިވަގުތު އެތަނުގައި ތިން ބަލިމީހަކަށް އެޑްމިޓުކޮށްގެން ފަރުވާ ދެމުންދާ ކަމަށްވެސް އައްޑޫ އީއޯސީ އިން ބުންޏެވެ.

ރޭގެ ހަވީރު ހަޔަކާ ހަމައަށް އައްޑޫ ސިޓީ އިން 53 މީހަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވް ވެފައެވެ. އެގެ ތެރޭ ހިމެނެނީ ހިތަދޫ އިން 17 މީހެއް އަދި ފޭދޫ އިން ހަތް މީހެއްގެ އިތުރުން މަރަދޫ ފޭދޫގައި ހަތަރު މީހެއް އަދި ހުޅުދޫ މީދޫގައި 25 މީހުންނެވެ.

އައްޑޫ އިން ކޮވިޑް19ގެ ކޭސްތަކެއް ފެނި އެ ސިޓީ އޮތީ މޮނީޓަރިންގައެވެ. އައްޑޫގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުކޮށް ރޭގަނޑު އަށަކުން ފެށިގެން ކާފިއު އިއުލާނުކޮށްފައިވާއިރު އެއްގެއިން އަނެއް ގެޔަށް ދިޔުން ވެސް ވަނީ މަނާކޮށްފައެވެ. އަދި ސްކޫލު، ކޮލެޖު ޔުނިވާސިޓީތަކުގެ ކިޔެވުން ބަންދުކޮށް ހޮޓާ ރެސްޓޯރެންޓުތަކުން ޑެލިވަރީގެ ހިދުމަތް ފިޔަވައި އެހެން ހިދުމަތްތައް ދިނުންވެސް ވަނީ ހުއްޓާލައިފައެވެ.