އިމަޖެންސީގައި ހާލު ބޮޑުވެގެން ޑޮކްޓަރަށް ދައްކަން އަންނަ މީހުން ކޮވިޑް19އަށް ޕޮޒިޓިވްވާ މިންވަރު އިތުރުވެއްޖެ ކަމަށް އެޗްއީއޯސީން ބުނެފި އެވެ.

ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ ޕިޒީޝަން ޑރ. މުހައްމަދު އަލީ ވިދާޅުވީ، ފަހަކަށް އައިސް ހާލު ސީރިއަސް ވެގެން އެ ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން އަންނަ މީހުން ކޮވިޑަށް ޕޮޒިޓިވްވަމުންދާ ކަމަށެވެ. އަދި އެއީ ކަންބޮޑުވުމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވި އެވެ.

"ސީރިއަސް ވެގެން ހާއްސަކޮށް އައިޖީއެމްއެޗް އީއާރު (އިމަޖެންސީ ރޫމް)އަށް ގެނެވޭ ކޭސްތައް [ނުވަތަ] ބޮޑަށް ބަލިވާ ކޭސްތައް ގިނަ ފަހަރު ކޮވިޑަށް ޕޮޒިޓިވްވާކަން އެބަ ފާހަގަ ކުރެވޭ. އޭގެ ގިނަ ކޭސްތައް މީގެ ކުރިން ފެނިގެން ނުދޭ،" މުހައްމަދު އަލީ ވިދާޅުވި އެވެ.

އެފަދަ ކޭސްތައް އިތުރުވި ނަމަވެސް، އެއީ ކިހާ އަދަދެއްގެ ކޭސްތަކެއްކަން އޭނާ ހަމައެއް ނުކުރައްވަ އެވެ.

ކޮވިޑްގެ އާ ވޭރިއަންޓުތަކާއެކު ވައިރަސް ފެތުރޭ މިންވަރު ހަލުވިވެފައި، ރާއްޖޭގެ ކޭސްތައް މިހާރު އުޅޭނީ ދުވާލެއްގެ މައްޗަށް 100އިން މަތީގަ އެވެ. ޑރ. މުހައްމަދު އަލީ ވިދާޅުވި ގޮތުގައި، މިހާރު ކޭސްތައް އިތުރުވެ، އެޑްމިޓް ކުރާ ކޭސްތައްވެސް ގިނަވަމުންދާ ކަމަށެވެ. އެހެން ކަމުން އަދިވެސް ރައްޔިތުން އިތުރަށް ސަމާލުވުމަށް އޭނާ އިލްތިމާސްކުރެއްވި އެވެ.

ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާ ދިނުމަށް މާލޭ ސަރަހައްދުގައި ގާއިމުކުރި އެނދުތަކުގެ 86 ޕަސެންޓު މިހާރު ވަނީ ފުރިފަ އެވެ. އެގޮތުން 453 އެނދުގެ ތެރެއިން މިހާރު ހުސްކޮށް ހުރީ އެންމެ 23 އެނދެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަލީ ލަތިފު ވިދާޅުވީ، އެނދުތައް އިތުރު ކުރި ނަމަވެސް، އެވަރަށް ސިއްހީ ހިދުމަތްތެރިން ހޯދަމުކީ ދަތިކަމަކަށްވާނެ ކަމަށެވެ. ކުރެވެން އޮތް ކަމަކީ ވައިރަހަށް ފަރުވާތެރިވެގެން ޕޮޒިޓިވްވާ އަދަދު ތިރިކުރުން ކަމަށް އެނާ ވިދާޅުވި އެވެ.

"ކޭސްތައް ގިނަވެއްޖެ ނަމަ، އެޑްމިޓް ކުރަން ދަތިވާނެ. މިހާރު އެވްރޭޖްކޮށް ދުވާލަކު 15 މީހުން އެޑްމިޓް ކުރަން ޖެހޭ. ބަައެއް ދުވަސްދުވަހު 30 މީހުންވެސް،" އަލީ ލަތީފު ވިދާޅުވި އެވެ.

އިއްޔެ އެކަނި ރާއްޖެއިން 120 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 99 މީހުންނަކީ، މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ. ރޭވެސް މި ބަލީގައި މީހަކު މަރުވެފައިވާ އިރު މަރުވި މިހުންގެ ޖުމްލަ 57 އަށް ވަނީ މިހާރު އަރައިފަ އެވެ.

މިހާތަނަށް ރާއްޖެއިން 17،500 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު، 15،142 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު ހުރީ، 2،202 ގައެވެ. އޭގެ ތެރެއިން 206 މީހަކަށް ފަރުވާ ދެމުން އަންނަނީ އެޑްމިޓްކޮށްގެނެވެ.