13 Feb 2021, 10:15
ޗެންނާއި (ފެބްރުއަރީ 13) : އިންޑިޔާގެ ބަޑިބޭސް އުފައްދާ ކާރުޚާނާއެއްގައި ހިނގި ބާރުގަދަ ގޮވުމެއްގެ ސަބަބުން ހިނގި އަލިފާނުގެ ހާދިސާއެއްގައި 15 މީހުން މަރުވެ، 20 މީހުން ފިހިއްޖެއެވެ.
"ސްރީ މާރިޔައްމަން ފަޔާވާކްސް" ނަމަކަށް ކިޔާ މިކާރުޚާނާ ހުންނަނީ އިންޑިއާގެ ދެކުނުގެ ސްޓޭޓެއްކަމަށްވާ ޓެމިލްނާޑޫގެ ވެރިރަށް ޗެންނާއީގެ ދެކުނުން 520 ކިލޯމީޓަރު ދުރުގައިވާ އަޗަންކުލަމް އަވަށުގައެވެ. އެސަރަހައްދުގެ ފުލުހުންގެ އިންސްޕެކްޓަރެއްކަމަށްވާ އެސް ރާޖެންދްރަން ވިދާޅުވިގޮތުގައި މި ހާދިސާގައި މަދުވެގެން 15 މީހަކު މަރުވިކަންވަނީ ކަށަވަރުވެފައެވެ. ފިހުނު މީހުންގެ އަދަދު 20 އަށް އަރާއިރު މީގެތެރެއިން ގިނަބަޔަކުވަނީ ފުރާނައަށް ނުރައްކާވާ މިންވަރަށް ފިހިފައެވެ. އެހެންކަމުން މަރުވާ މީހުންގެ އަދަދު މައްޗަށް ދިޔުމަކީ އެކަށީގެންވާ ކަމެކެވެ. ފިހުނުމީހުން އެސަރަހައްދުގައިވާ ސަރުކާރުގެ ހޮސްޕިޓަލަކަށް ގެންގޮސް ފަރުވާދޭންވަނީ ފަށާފައެވެ.
އިންޑިއާގެ ނޫސްތައް ބުނާގޮތުން ކާރުޚާނާ ގޮވުމަށްފަހު އެތަނުން ފުރަތަމަ ނެރުނީ އެއްކޮށް އަނދާފައިވާ 11 މީހެއްގެ ހަށިގަނޑާއި ވަރަށް ބޮޑަށް ފިހިފައިވާ 4 މީހެކެވެ. މަރުވި މީހުންގެ ހަށިތައްވަނީ އަނދައި ދެއްޔަށްވެފައެވެ. އެހެންކަމުން އެއީ ކޮން ބައެއްކަން އަދި ދެނެގަނެވިފައެއް ނުވެއެވެ. އާދަޔާ ޚިލާފަށް ބޮޑަށް ފިހުނު 4 މީހުން މަރުވެފައި ވަނީ ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ.

އިންޑިއާގެ ޓެމިލްނާޑޫގެ ބަޑިބޭހުގެ ކާރުޚާނާ ގޮވުމުގެ ސަބަބުން އެތަނުގައި އަލިފާން ހިފައި އަނދަނީ
ޓެމިލްނާޑޫގެ ފުލުހުންވަނީ "ސްރީ މާރިޔައްމަން ފަޔާވާކްސް" ކާރުޚާނާ ގައި ގޮވި ގޮވުމުގެ ހަގީގަތް ހޯދުމުގެ ތަހުގީގުތައް ފަށާފައެވެ. ގޮވި ގޮވުމާއެކު މި ކާރުޚާނާގެ ބޮޑުބައެއް ގައި އަލިފާންރޯވެ އަނދައި އެނދިތަންތަން ވެއްޓިފައިވާއިރު ވެއްޓިފައިޥާ ބައިތަކުގެ ދަށުގައި މީހުން ތާށިވެފައި ތިބުމަކީ އެކަށީގެންވާކަމެއްކަމަށް މަންޒަރު ދުށްމީހުން ބުނެއެވެ.
ޓެމިލްނާޑޫގެ ފުލުހުން ބުނާގޮތުން އެއްޗެއް ގޮވުމަށްފަހު އަނދާފައިވަނީ "ސްރީ މާރިޔައްމަން ފަޔާވާކްސް" އިން އުފައްދާ ބަޑިބޭހުގެ ބާވަތްތައް ގުދަންކޮށްފައިވާ ތަންތަނެވެ. އެތަކެތި ގުދަންކޮށްފައިވާ 6 ތަނެއްވަނީ ގޮވުމާއެކު އަލިފާން ހިފައި އެ އަލިފާނުގައި އެތަންތަންވަނީ އަނދައި އަޅިއަށްވެ ބިމާ ހަމަވެފައެވެ.
އިންޑިޔާގެ ބޮޑުވަޒީރު ނަރަންދްރަ މޯދީ ވަނީ މިހާދިސާގެ ޚަބަރު އެއްސެވީ ފުންހިތާމައާއެކުގައި ކަމަށް ވިދާޅުވެ މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށާއި ފިހުނު މީހުންގެ އާއިލާތަކަށް ހަމްދަރުދީ ފާޅުކުރައްވާފައެވެ. ފައިސާގެ ބަދަލެއްގެ ގޮތުން މަރުވި ކޮންމެ މީހެއްގެ އާއިލާއަށް 2 ލައްކަ ރުޕީސް އަދި ޒަޚަމްވި ކޮންމެ މީހަކަށް ބައިލައްކަ ރުޕީސް ދެއްވާނެކަންވެސް މޯދީވަނީ ހާމަކުރައްވާފައެވެ.
ޓެމިލްނާޑޫގެ ލޯކަލް ސަރުކާރުންވެސްވަނީ މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށާ ޒަޚާމްވި މިހުންނަށް ފައިސާގެ އެހީދޭނެކަން ހާމަކޮށްފައެވެ. މިގޮތުން މަރުވި ކޮންމެ މީހެއްގެ އާއިލާއަށް 3 ލައްކަ ރުޕީސް އަދި ޒަޚަމްވި ކޮންމެ މީހަކަށް އެއްލައްކަ ރުޕީސް ދޭނެކަމަށް އެސްޓޭޓްގެ ޗީފް މިނިސްޓަރު ވިދާޅުވިއެވެ.
އިންޑިއާއަކީ ކާރުޚާނާތަކުގެ ސަލާމަތީކަންކަން ވަރަށް ދަށުލެވެލްއެއްގައި އޮންނަ ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އުޅޭ ގައުމެވެ. އެހެންކަމުން މިބާވަތުގެ ހާދިސާތައް އިންޑިއާގައި ވަރަށް ގިނައިން ހިނގައެވެ. (އިންޑިއާގެ މީޑިއާ)