12 Feb 2021, 23:34
ދިގު މުއްދަތަށް ބޭސް ކުރާ 18 އަހަރާއި 55 އަހަރާ ދެމެދުގެ މީހުންނަށް މާދަމާ ވެކްސިން ދޭން ފަށާނެ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.
މިއަދު ވެކްސިން ޖަހަން ފަށާފައިވަނީ 45 އަހަރާއި 55 އަހަރުގެ މީހުންގެ ތެރެއިން ދިގުމުއްތަކަށް ބޭސް ބޭނުން ކުރާ ފަރާތްތަކަށެވެ. އޭގެ އިތުރުން 55 އަހަރުން މަތީގެ ފަރާތްތަކަށްވެސް މިއަދު ވެކްސިން ޖަހާފައިވެ އެވެ.
އެޗްޕީއޭއިން މިރޭ ބުނީ، މާދަމާއިން ފެށިގެން ދިގު މުއްދަތަކަށް ބޭސް ބޭނުން ކުރާ 18 އަހަރާއި 55 އަހަރާ ދެމެދުގެ މީހުންނަށާއި 55 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް މާދަމާ ވެކްސިން ދޭން ފަށާނެ ކަމަށެވެ.
ވެކްސިން ދޭ ތަންތަނަކީ މާލެއިން ސޯޝަލް ސެންޓަރާއި އިސްލާމީ މަރުކަޒު، އަދި ވިލިމާލެ ޒުވާނުން މަރުކަޒާއި ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރުންނެވެ. ހުޅުމާލެ ވެކްސިންނޭޝަން ސެންޓަރު ގާއިމް ކޮށްފައިވަނީ ކުރީގެ ފްލޫ ކްލިނިކް ހުރި އިމާރާތުގަ އެވެ.
މާލެ އާއި ހުޅުމާލޭގައި ވެކްސިން ދިނުން ކުރިއަށްދާނީ ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ. ނަމަވެސް ވިލިމާލޭގައި ވެކްސިން ދިނުން ކުރިއަށް ދާނީ ހެނދުނު 9:00 އިން މެންދުރު 13:00 އަށެވެ.
ވެކްސިން ޖަހަންދާއިރު މިކަންކަމަށް ސަމާލުވާތި
އައިޑީކާޑް ނުވަތަ ޕާސްޕޯޓް ގެންދިޔުން
- ބަލީގެ އެއްވެސް އަލާމާތެއް ނެތުން އަދި ކަރަންޓީނުގައި ހުރި މީހަކަށް ނުވުން
- ގަޔަށް ދޫ، ފަސޭހައިން ކޮނޑު ދެއްކޭނެ ހެދުމެއް ލުން
- ވެކްސިން ޖަހަންދާއިރު ރަނގަޅަށް ކައިގެން ހުރުން
- ވެކްސިން ޖަހަންދާއިރު އަމިއްލަ ފެންފުޅިއެއް ގެންދިޔުން
- ވެކްސިން ޖަހަންދާއިރު، އެކުގައި ގެންދެވޭނީ އެންމެ މީހެއް
- ބޭނުންކުރަމުންދާ ބޭހެއް ވާނަމަ ބޭހުގެ މައުލޫމާތު ގެންދިޔުން
ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފަށާފައި ވަނީ މި މަހުގެ އެއްވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން މިހާތަނަށް 27،000 އަށްވުރެެ ގިނަ މީހުން ވަނީ ވެކްސިން ޖަހާފަ އެވެ.