ކޮވިޑް19އިން ދިފާއުވުމަށް ރާއްޖެއިން ވެކްސިން ޖެހި މީހުންގެ އަދަދު 27،000 ހުރަސް ކޮށްފި އެވެ.

އެޗްޕީއޭއިން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހު އެއްވަނަ ދުވަހުން ފެށިގެން މިހާތަނަށް 27،367 މީހަކަށް ކޮވިޑް ވެކްސިން ވަނީ ޖަހާފައެވެ. އޭގެ ތެރެއިން 22،456 މީހަކު ވެކްސިން ޖަހާފައިވަނީ، މާލެ ސަރައްދުންނެވެ. އަދި އަތޮޅު ތެރެއިން ވެކްސިން ޖެހި މީހުންގެ އަދަދަކީ، 4،911 އެވެ.

ހުކުރު ދުވަސް ވުމާއެކު މިއަދު ކޮވިޑް ވެކްސިން ޖަހާފައިވަނީ އެންމެ ދަންފަޅިއަކަށެވެ. އެެހެން ކަމުން އެހެން ދުވަސްތަކާ އަޅާބަލާއިރު، މިއަދު ވެކްސިން ޖެހި މީހުންގެ އަދަދު ނިސްބަތުން މަދެވެ.

މިއަދު ރާއްޖެއިން ކޮވިޑް ވެކްސިން ޖަހާފައިވަނީ 1،902 މީހަކަށެވެ. އޭގެ ތެރޭގައި ހިމެނެނީ، މާލެ ސަރައްހަދުން ޖެހި 1،496 މީހަކާއި އަތޮޅު ތެރެއިން ވެކްސިން ޖެހި 406 މީހެކެވެ.

ރާއްޖޭގައި މިހާތަނަށް ޖަހަމުން ދަނީ އިންޑިއާއިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރާޒެކެނާ ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒް އެވެ. ޗައިނާއިންވެސް ވަނީ ރާއްޖެއަށް ވެކްސިން ހަދިޔާ ކުރަން ނިންމާފަ އެވެ. އެގައުމުން ހަދިޔާ ކުރަން ނިންމާފައި ވަނީ ސައިނޯފާމް ވެކްސިންގެ 100،000 ޑޯޒް އެވެ. އެ ވެކްސިންތަކުގެ އިތުރުން ސަރުކާރުން ވަނީ 700،000 ޑޯޒް ގަތުމަށް އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް ހަދާފަ އެވެ.

މިދިޔަ ބުދަ ދުވަހު އިތުރު 5000 ޑޯޒް ގެނެސްފައި ވާއިރު، މި މަސް ނިމުމުގެ ކުރިން އިތުރު އެއް ލައްކަ ޑޯޒް ލިބޭނެ ކަމަށް ސަރުކާރުން އިއްޔެ ވަނީ ބުނެފަ އެވެ.