ކޮވިޑް 19 އަށް މިއަދު ޕޮޒިޓިވްވީ މީހުންގެ އަދަދު 120 އަށް އަރާފައިވާ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މިއަދު 120 މީހަކު ޕޮޒިޓިވްވެފައި ވަނީ 2751 ސާމްޕަލްގެ ތެރެއިންނެވެ. އެއާއެކު މިހާރު ފަރުވާ ދެމުންދާ ކޮވިޑް ޕޮޒިޓިވް ކޭސްގެ އަދަދު ވަނީ 2302 އަކަށް އަރާފަ އެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުން ކޮވިޑަށް ޕޮޒިޓިވްވެގެން މިވަގުތު 206 މީހަކަށް ދަނީ އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ.

އެޗްއީއޯސީއިން ބުނީ މިއަދު ޕޮޒިޓިވްވީ 120 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވީ 99 މީހުންނާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވީ އަށް މީހަކާއި ރިސޯޓުތަކުން 10 މީހެއް ކަމަށެވެ. އަދި ސަފާރީތަކުން ތިން މީހަކު ވަނީ ޕޮޒިޓިވެވްފަ އެވެ.

މިހާރު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު 17507 އަކަށް އަރާފައިވާއިރު އޭގެ ތެރެއިން 15،142 މީހަކު ވަނީ ރަނގަޅުވެފަ އެވެ. މިއަދު ރަނގަޅުވީ 61 މީހެކެވެ.

ހަލުވި ކަމާއެކު މިދުވަސްކޮޅު ކޮވިޑް ފެތުރެމުން ދާއިރު މިއީ ކޮވިޑްގެ މިހާތަނަށް ރާއްޖޭގައި އައި އެންމެ ނުރައްކާތެރި ދުވަސްކޮޅު ކަމަށް ސިއްހީ ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ. އެހެންވެ އިތުރަށް ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ގޮތުން މާލޭގައި އިރުއޮއްސި ހަޔަކުން ހެނދުނު ހަޔަކަށް ވެހިކަލް ނުދުއްވޭ ގޮތަށް ވަނީ ހަދާފަ އެވެ.