31 Jan 2012, 23:40
މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ހިމެނޭ ސަރަހައްދާއި މަސް މާރުކޭޓާއި ލޯކަލް މާރުކޭޓު ހިމެނޭ ސަރަޙައްދުގައި މުޒާހަރާ ކުރުމުގެ ބަދަލުގައި ޢާންމު ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް ގެއްލުން ނުވާނެފަދަ ހުސްބިން ތަކުގައި މުޒާހަރާކުރުމަށް ފުލުހުން މިރޭ ގޮވާލައިފި އެވެ.
ފުލުހުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ މިހާރު ހިނގަމުންދާ ސިލްސިލާ މުޒާހިރާތަކުގެ ސަބަބުން މަނިޓަރީ އޮތޯރިޓީ އާއި މަސް މާރުކޭޓު ހިމެނޭ ސަރަޙައްދަށް ގިނަ ޢަދަދެއްގެ ބަޔަކު އެއްވުމުން އެ ސަރަހައްދުގެ މަގުތައް ބަންދުވެ، ފިހާރަތަކާއި ހޮޓާތަކާއި މާރުކޭޓުތަކުގެ ވިޔަފާރި ހުއްޓި، ފަޅު އޮޑިފަހަރަށް އަރާ ފޭބުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެ ވިޔަފާރިވެރިންނަށާއި ޢާއްމު ރައްޔިތުންނަށް ގިނަގުނަ ގެއްލުންތަކެއް ލިބެމުންދާކަމުގެ ޝަކުވާ ފުލުހުންނަށް ހުށައަޅާފައިވާ ކަމަށެވެ.
"މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ހިމެނޭ ސަރަޙައްދަށާއި މަސްމާރުކޭޓު ހިމެނޭ ސަރަޙައްދާއި ލޯކަލް މާރުކޭޓު ހިމެނޭ ސަރަޙައްދާއި އެ ސަރަޙައްދުގެ މަގުތަކާއި އެ މަގުތަކާއި ގުޅިފައިވާ ގޯޅިތަކަށް އެއްވެ މުޒާހިރާ ކުރުމުގެ ބަދަލުގައި ޢާއްމު ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް ގެއްލުން ނުވާނެފަދަ ތަންތަނުގައި މުޒާހިރާކުރުމާއި އެއްވުންތައް ބޭއްވުމަށް ހަނދުމަފުޅުކޮށް އަރުވަން،" ބަޔާނުގައި ވެއެވެ.
ފުލުހުން ބުނީ މިހާރު ކުރަމުންދާ ސިލްސިލާ މުޒާހިރާތަކުގެ ސަބަބުން މާލޭގެ އަމަން އަމާންކަން ގެއްލި، ޢާއްމު ރައްޔިތުންނަށާއި ފުލުހުންނަށާއި ނޫސްވެރިންނަށް ބޮޑެތި އަނިޔާތައް ލިބި، ރައްޔިތުންގެ ގެދޮރަށާއި، މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވާކަމަށެވެ. އަދި ބުނެފައިވަނީ މުޒާހިރާ ކުރުމާއި އެއްވުންތައް ބޭއްވުމުގައި އެހެން ފަރާތްތަކުގެ މަދަނީ އަދި އިޖުތިމާއީ ޙައްޤުތަކަށް ރައްކާތެރިވެ އާންމު ރައްޔިތުންނަށް ދަތި ނުވާނޭ ހުސް ބިން އޮންނަ ސަރަޙައްދުތައް ބޭނުން ކުރުމަށެވެ.
ބަޔާނުގައި ބުނެފައިވަނީ ފުލުހުންގެ އެންގުމާއި ހިލާފަށް މާލޭގެ މަގުތަކަށް އެއްވެ އާންމު ރައްޔިތުންނަށް ދަތިކޮށް އެހެން ފަރާތްތަކުގެ ޙައްޤުތަކަށް އަރައިގަނެ މުޒާހިރާކުރުމުގެ ގޮތުން ހިންގާ ޙަރަކާތްތައް ހުއްޓުވުމަށް ފުލުހުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށެވެ.