ކޮވިޑް19ގެ ކޭސްތައް އިތުރުވަމުންދާތީވެ، ބަލިން ރައްކާތެރިވުމަށްތަކައި މާލެ ސަރައްހަދުގައި 10 މީހުންނަށްވުރެ ގިނަ މީހުން އެއްވެ އުޅުން އެޗްޕީއޭއިން މަނާކޮށްފި އެވެ.

ޑިރެކްޓާ އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަރު ސޮއިކޮށް މިރޭ ނެރުނު އެނގުމުގައި ބުނީ، އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލްއޮފް ޕަބްލިކް ހެލްތައް ލިބިގެންވާ ބާރުގެ ދަށުން މާދަމާއިން ފެށިގެން މާލެ ސަރައްދު ހިމެނޭ، މާލެއާއި، ހުޅުމާލެއާއި، ވިލިމާލެއާއި، ގުޅީފަޅާއި، ތިލަފުށްޓާއި، ހުޅުލެ) ގައި އެއްފަހަރާ 10 (ދިހައެއް) މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތަނަށް އެއްވެއުޅުން ހުއްޓައިލުމަށް އަންގާ ކަމަށެވެ.

ކޮވިޑް ކޭސްތައް އިތުރުވެފައިވާއިރު، މިއަދު އިރުއޮއްސި 6:00އިން ފެށިގެން ހެނދުނު 6:00އަށް މާލެ ސަރައްހަދުގައި އެއްގަމު ދަތުރުފަތުރު ކުރުންވެސް ވަނީ މަނާކޮށްފައެވެ.

މިއަދު ރާއްޖެއިން 120 މީހަކު ކޮވިޑަށް ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 99 މީހަކު ޕޮޒިޓިވްވެފައިވަނީ މާލެ ސަރައްހަދުންނެވެ.

ބައްޔަށް ފަރުވާ ހޯދަމުންދާ 2،302 މީހަކު ހިމެނޭ އިރު، އޭގެ ތެރެއިން 206 މީހަކަށް ފަރުވާ ދެމުންދަނީ އެޑްމިޓްކޮށްގެންނެވެ.