އެޗްޕީއޭގެ ގައިޑްލައިންއާ ހިލާފަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ކުރި މުޒާހަރާއަށް އެ ފަރާތްތަކުން ޖަވާބުދާރީ ވާން ޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހަމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.

ކޮވިޑް ކޭސްތައް އިތުރުވެ، އެ ބަލިން ރައްކާތެރިވުމަށްޓަކައި މީހުން އެއް ނުވުމަށް އެޗްޕީއޭއިން އަންގާފައި ވަނިކޮށް، އިދިކޮޅު ކޯލިޝަނުން މިއަދު ވަނީ މާލެގައި "ކޮބާ މަގޭ ފްލެޓް" ނަމުގައި ގައިދުރު ކަމެއް ނެތި މުޒާހަރާކޮށްފައެވެ.

އެ މުޒާހަރާގެ ބައިވެރިން ގައިގޯޅިވެ، ފުލުހުން ކޮއްޕާ މަންޒަރު ފެންނަ ވީޑިއޯއަކާއެކު ޝަރީފް ކުރެއްވި ޓްވީޓެއްގައި ބުނީ، ސިޔާސީ ޕާޓީތަކުންވެސް އެޗްޕީއޭ އިން އިއުލާންކޮށްފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ.

"މި ކްލިޕުން [ވީޑިއޯއިން] ފެންނަ މަންޒަރުތަކަށް މިކަން އިންތިޒާމްކުރި ޕާޓީ އަކުން ޖަވާބުދާރީ ވާން ޖެހޭނެ،" އިދިކޮޅު މުޒާހަރާގެ ވީޑިއޯއާއެކު ޝަރީފް ވިދާޅުވި އެވެ.

އެހެން ދުވަސްތަކާ ހިލާފަށް އިދިކޮޅުގެ މިއަދުގެ މުޒާހަރާގައި ގިނަ ފަރާތްތަކެއް ބައިވެރިވި އެވެ. އެ މުޒާހަރާއަށް މަޖިލިސް ކުރާ ގެ ކައިން ފުލުހުން ހުރަސް އެޅުމުގެ ސަބަބުން މުޒާހަރާ ހޫނުވެ، އިދިކޮޅު ފަރާތްތަކުން ވަނީ ފުލުހުން ކޮއްޕާލާފައެވެ. މުޒާހާރާ ކޮންޓްރޯލް ކުރުމަށް ފުލުހުން ޕެޕާ ސްޕްރޭވެސް ޖެހި އެވެ.

ރާއްޖެއިން މިހާރު ކޮންމެ ދުވަހަކު ކޮވިޑް ކޭސްތައް އުޅޭނީ 100އިން މަތީގައެވެ. ބަލި ކޮންޓްރޯލް ކުރުމަށްޓަކައި އެޗްޕީއޭއިން މިހާރު ވަނީ އިތުރު ފިޔަަވަޅުތަކެއްވެސް އަޅާފައެވެ. އެގޮތުން މިއަދުން ފެށިގެން އިރުއޮއްސި 6:00އިން ހެނދުނު 6:00އަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުވުން ވަނީ މަނާކޮށްފައެވެ.