މިއަދު 4،700އަށްވުރެ ގިނަ ފަތުރުވެރިންނާ ރާއްޖެ ޒިޔާރަތްކޮށް، އަހަރުގެ މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައި ދުވަހުގެ ރިކޯޑް އާވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް އެކަން ހާމަކޮށް މިއަދު ކުރެއްވި ޓްވީޓެއްގައި ފަތުރުވެރިކަމުގައި ސިނާއަތުގެ ހުރިހާ ފަރާތްތަކަށް ވަނީ ޝުކުރުއާދާކޮށްފަ އެވެ.

މައުސޫމް ވިދާޅުވީ، ކޮވިޑް19އިން ރައްކާތެރިވުމަށް މުޅި ރާއްޖޭގައި ޖަހަން ފަށާފައިވާ ވެކްސިންއާއެކު މިގައުމުގެ ޓޫރިޒަމް މުސްތަގުބަލަށް އޮތް އުންމީދު ބޮޑުވެފައިވާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން އިއްޔެ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް 121،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.

ހުސްވީ ޖެނުއަރީ މަހު ރާއްޖެ ޒިޔާރަތްކޮށްފައިވަނީ، 92،103 ފަތުރުވެރިންނެވެ. ކޮވިޑް ރާއްޖޭގައި ފެތުރުމުގެ ކުރިން މިދިޔަ އަހަރު ޖެނުއަރީ މަހު ރާއްޖެ ޒިޔާރަތްކޮށްފައިވަނީ، 173،347 ފަތުރުވެރިންނެވެ.

މި ހިނގާ ފެބުރުއަރީ މަހުގެ ފުރަތަމަ 10 ދުވަހު ރާއްޖެ ޒިޔާރަތްކޮށްފައިވަނީ، 29،592 އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ ޒިޔާރަތްކޮށްފައިވަނީ، 50،989 ފަތުރުވެރިންނެވެ.

މިދިޔަ އަހަރުގެ ފެބުރުއަރީ 10 ވަނަ ދުވަހާ ހަމައަށް ރާއްޖެ އައިސްފައިވަނީ، ޖުމްލަ ފަތުރުވެރިންގެ އަދަދަކީ، 224،336 އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ، މިއަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ.