13 Feb 2021, 08:31
ޑައިރެކްޓަރު ޝަރަން ޝަރުމާގެ ގެނެސްދޭ ފިލްމުގެ ތަރިންނަށް ކާތިކް އާރްޔަން އާ އާލިއާ ބަޓަށް ހުށައަޅައިފި ކަމަށް ޚަބަރުތައް ބުނެފިއެވެ.
ޖާންވީ ކަޕޫރުގެ "ގުންޖަން ސަކްސޭނާ" ގެނެސްދިން ޝަރަން ގެ ކުރިއަށް އޮތް ފިލްމަށް މިދެތަރިން ހަމަޖެއްސުމަށް މަސައްކަތްކުރަމުން އަންނައިރު ޝަރަން މިހާރު ވަނީ ފިލްމުގެ ސްކްރިޕްޓް ވެސް ދެތަރިންނަށް ހިއްސާކޮށްފައެވެ.
އަހަރުގެ ފަހުކޮޅު ފިލްމުގެ ޝޫޓިން ފަށަން ނިންމާފައިވާއިރު މި ފިލްމުން އާލިއާ އާ ކާތިކް ފެނިގެން ގޮއްސިނަމަ މި ފިލްމުވެގެންދާނީ ދެތަރިން އެކުގައި ކުޅޭ ފުރަތަމަ ފިލްމަށެވެ. މި ދެ ތަރިންގެ އޮން ސްކްރީން ކެމިސްޓްރީ ބަލައިލަން ގިނަ ބަޔަކު މިހާރުވެސް ތިބީ ކެތްމަދުވެފައެވެ.
ކާތިކް އާ އާލިއާ އަތުގައި މިވަގުތުވެސް ގިނަ ޕްރޮޖެކްޓްތަކެއް އެބައޮތެވެ. ކާތިކް ގެ އަތުގައި ހުރި ބައެއް ފިލްމުތަކަކީ "ދޯސްތާނާ 2"، "ބޫލް ބުލައްޔާ 2" އަދި "ދަމާކާ" ހިމެނެއެވެ. އާލިއާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ބުރައްމަސްތުރާ"، "އާރްއާރްއާރް" އަދި "ގަންގޫބާއި" ހިމެނެއެވެ.