31 Jan 2012, 22:47
ވޮޝިންގޓަން (ޖަނަވަރީ 31) : ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދްގެ ސަރުކާރު ދެން މާގިނަދުވަހު ދެމިނޯންނާނެ ކަމަށާއި ވަރަށް އަވަހަށް އެސަރުކާރު ވެއްޓޭނެކަމަށް ވައިޓް ހައުސް އިން ބުނެފިއެވެ.
ވައިޓް ހައުސްގެ ތަރްޖަމާން ޖޭ ގާނީ ވިދާޅުވީ ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރު ވެއްޓޭނެކަން މިހާރު ކަށަވަރު ވެއްޖެކަމުގައެވެ. ބައްޝާރުގެ ސަރުކާރަށް ރައްޔިތުން މިހާރު ކޮންޓްރޯލް ނުކުރެވޭ ކަމަށާއި ސޫރިޔާގެ އެތަށް ސަރަޙައްދެއް ސަރުކާރުގެ ކޮންޓްރޯލުން ނެއްޓި އިދިކޮޅު ފަރާތްތަކުގެ ކޮންޓްރޯލްގެ ދަށުގައިވާ ކަމަށް ގާނީ ވިދާޅުވިއެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރާ ހިލަރީ ކްލިންޓަންވަނީ ސޫރިޔާގެ ސަލާމަތީ ބާރުތަކުން އެޤައުމުގެ ރައްޔިތުން މަރަމުންގެންދާ މައްސަލަ ވަރަށްބޮޑަށް ކުށްވެރި ކުރައްވައި ވާހަކަ ދައްކަވާފައެވެ. ނަމަވެސް ސޫރިޔާއާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އެޅުމަށް އދ. ޙަރަކާތްތެރި ކުރުމުގައި އެމެރިކާ ނުކުޅެދިފައިވާކަން ދޭހަވާފަދަ ގޮތަކަށް ހިލަރީ ވާހަކަ ދެއްކެވިއެވެ.
ނިޔުޔޯކްގައި ވާހަކަ ދައްކަވަމުން ހިލަރީ ވިދާޅުވީ ސޫރިޔާއާ ދެކޮޅަށް އދ. ގެ ސަލާމަތީ މަޖިލީހުން ޤަރާރެއް ފާސްކުރުމަށް އެމެރިކާއާއި ހުޅަނގުގެ އެހެން ބާރުތަކުން މިހާރުވެސް މަސައްކަތް ކުރަމުން ގެންދާކަމުގައެވެ.
މިޤަރާރު ފާސްކުރުމަށްޓަކައި އެމެރިކާއާއި ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރުން ވަނީ ސަލާމަތީ މަޖިލީހުގެ ޖަލްސާއަކަށް އިއްޔެ ޙާޒިރުވެ ވަޑައިގެންފައެވެ. ނަމަވެސް މިޤަރާރުގެ ދެލިކޮޕީއަށް ރަޝިޔާގެ ތާއީދު ލިބިފައިނުވާތީ އެެމެރިކާއާއި ހުޅަނގު ބާރުތައް އެދޭގޮތަށް އެދެލިކޮޕީ ޤަރާރެއްގެ ގޮތުގައި ފާސްކުރުމުގެ ފުރްސަތު ވަރަށް ކުޑަކަމަށް މުރާސިލުންނާއި އދ. ގައި ތިއްބަވާ ޑިޕްލޮމޭޓުން ވިދާޅުވެއެވެ.
ސޫރިޔާގެ އިދިކޮޅު ފަރާތްތަކުގެ ތެރޭގައި ހިމެނޭ ހަތިޔާރުއެޅި ޖަމާއަތެއް ކަމަށްވާ ސީރިޔަން ފްރީ އާމީ އާއި ރައީސް ބައްޝާރުލްއަސަދްގެ ސަލާމަތީ ބާރުތަކާދެމެދު ވެރިރަށް ދިމިޝްޤުގެ ބައެއް ހިސާބުތަކުގައިވެސް ޙަމަލާތައް ބަދަލުކުރެވެމުން ދާކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. އަނެއްކޮޅުން ސަލާމަތީ ބާރުތަކުގެ ޙަމަލާތަކުގައި އިއްޔެވެސް ސޫރިޔާގައި 95 މީހަކު މަރުވެފައިވެއެވެ. -- އަލްޖަޒީރާ