10:00


ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ތަޞްދީޤު ކުރައްވައިފި އެވެ. މިބިލް ތަޞްދީޤު ކުރެއްވުމާ ގުޅިގެން، މި ޤާނޫނު ދިވެހި ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިޢު ކޮށްފައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.


މި ޤާނޫނަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ބެހޭގޮތުން ޤާނޫނުއަސާސީ ގައިވާ ގޮތުގެމަތިން އެންމެހައި އަސާސީ ޙައްޤުތަކާއި މިނިވަންކަން އެއްވެސް ތަފާތުކުރުމެއްނެތި ލިއްބައިދިނުމާއި، އެ ޙައްޤުތަކާއި މިނިވަންކަން ރައްކާތެރިކޮށް ޙިމާޔަތް ކުރުމާއި، ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމާއި، އެހެން މީހުންނާ ހަމަހަމަ ފުރްޞަތުތައް ހޯދައިދިނުމާއި، އެފަދަ މީހުންނަށް ލިބިދޭންޖެހޭ ޚާއްޞަ ރައްކާތެރިކަމާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ގެންގުޅެންޖެހޭ އުޞޫލުތަކާއި، ހަމަތައް ކަނޑައަޅައި ބަޔާންކުރުމުގެ ޤާނޫނެކެވެ.


އެހެން މީހުންނެކޭ އެއްފަދައިން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް ފުރިހަމަ މިނިވަންކަމާއެކު ދިރިއުޅުމާއި، ދިރިއުޅުމުގެ ހުރިހާ ދާއިރާއެއްގައި އެންމެ ފުރިހަމައަށް ބައިވެރިވުމުގެ ޙައްޤު ހޯދައިދީ، އެކަމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، ޢިމާރާތްތަކާއި، މަގުތަކާއި، ދަތުރުފަތުރުގެ ވަސީލަތްތަކާއި، މަޢްލޫމާތާއި، މުއާޞަލާތީ ވަސީލަތްތަކާއި، މިނޫންވެސް ޢާންމުންނަށް ލިބިދޭ ނުވަތަ ޢާންމުންނަށް ހުޅުވައިލެވިފައިވާ ވަސީލަތްތަކާއި ޚިދްމަތްތައް ފަސޭހައިން ބޭނުންކުރެވެންވާނެ ކަމަށް ނުވަތަ ލިބިދޭންވާނެ ކަމަށް މި ޤާނޫނުގައި ބަޔާންކޮށްފައިވެ އެވެ.


މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ކައުންސިލެއް އުފައްދަވަން ޖެހެ އެވެ. އަދި ކައުންސިލްގެ މައިގަނޑު މަޤްޞަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ގުޅޭގޮތުން އެކަށައަޅާ ސިޔާސަތުތައް ތަންފީޛުވަމުންދާ މިންވަރު ބަލައި، އެކަންކަން ހިންގުން ކަމަށްވެސް އެޤާނޫނުގައި ބަޔާންކޮށްފައިވެ އެވެ.


މި ޤާނޫނުގައިވާ ގޮތުން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޒާތީ، ޞިއްޙީ އަދި އެހެނިހެން ފަރުވާތަކާބެހޭ މަޢުލޫމާތުވެސް އެހެން މީހުންނެކޭ އެއްފަދައިން ސިއްރުކޮށް ރައްކާތެރިކުރަންވާނެ އެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، އެހެން މީހުންނެކޭ އެއްފަދައިން އެމީހަކު އިޚްތިޔާރުކުރާ ވަޒީފާއެއް އަދާކުރުމުގެ ނުވަތަ މަސައްކަތެއް ކުރުމުގެ، އަދި ވަޒީފާގެ މައިދާނުގައި ހަމަހަމަ ފުރްޞަތުތަކެއް ލިބިދިނުމުގެ ޙައްޤު ލިބިގެންވެ އެވެ. ވަޒީފާއެއް ދިނުމުގައި، ނުވަތަ މަސައްކަތުގެ މާޙައުލުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާމެދު އެމީހުންނަށް ކުރިމަތިވެފައިވާ ނުކުޅެދުންތެރިކަމުގެ ސަބަބުން އެއްވެސް ފަރާތަކުން އެމީހުންނާމެދު ތަފާތުކުރުންތަކެއް ގެންގުޅުމަކީ މަނާކަމެއް ކަމަށްވެސް މި ޤާނޫނުގައި ބުނެފައިވެ އެވެ.