12 Feb 2021, 18:24
މިހާރު ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުން މިނިވަން ކުރުމަށް ޖަލަށް ދާން ތައްޔާރަށް ހުންނެވި ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން އިސްނަގައިގެން "ކޮބާ މަގޭ ފްލެޓް" ނަމުގައި މާލޭގައި ކުރިއަށް ދާ މުޒާހަރާގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ އޭނާ ގެންގޮސް ޖަލުގައި ހައްޔަރު ކުރުމަށް ފަހު ރައީސް ޔާމީން ދޫކޮށްލަން އެދޭ ކަމަށެވެ. އޭނާ އެހެން ވިދާޅުވީ ޖިންސީ ގޯނާގެ ބޮޑެތި ތުހުމަތު ތަކެއް ކުރެވި ދައުވާ ކުރެއްވިފައިވާ ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު އިނގިރޭސި ވިލާތަށް ބޭސްފަރުވާއަށް ކަމަށް ބުނެ ފުރި މައްސަލައާ ގުޅިގެން ވާހަކަ ދައްކަމުންނެވެ.
އަލީ ވަހީދު އިނގިރޭސިވިލާތަށް ބޭރަށް ގޮސްފައިވަނީ ކޯޓުން އޭނާގެ ޕާސްޕޯޓު ދޫކޮށްލުމުން ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ ޖާމިނުވެ ލިޔުމެއްގައި ސޮއި ކުރުމުންނެވެ.
"އަލީ ވަހީދު ދޫކޮށްލީ އަޑުބަރޭ ޒިންމާ ނަގާގޮތަށް ކަމަށް ވަންޏާ. އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑު ގެންގޮސް ފަސް އަހަރު ދުވަހު ޖަލުގައި ބާއްވާފައި ރައީސް ޔާމީން ދޫކޮށްލާށޭ. އަޅުގަނޑު މިހުރީ މި ގައުމުގެ ހައްގުގައި ރައީސް ޔާމީން ދޫކޮށްލުމަށްޓަކައި އުމުރު ދުވަހު ޖަލުގައި އޮންނަން ޖެހުނަސް ޖަލުގައި އޮންނަން ތައްޔާރަށޭ." އަދުރޭ ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވީ އަލީ ވަހީދަށް އަޑުބަރޭ ދައްކާފައި ފުރައިގެން ދެވޭ ކަމަށް ވާނަމަ، ރައީސް ޔާމީނަށް އޭނާ ދައްކާފައި މިނިވަން ވެވެން ވާނެ ކަމަށެވެ.

މި ސަރުކާރަކީ އަނިޔާވެރި ހުދުމުހުތާރު ސަރުކާރެއް ކަމަށް އަދުރޭ ތަކުރާރުކޮށް ވިދާޅުވި އެވެ. ރައީސް ޔާމީންގެ ސަރުކާރުގައި 7000 ފްލެޓްގެ ހައްގުވެރިން ކަނޑައަޅާފައި ވަނިކޮށް މި ސަރުކާރުން އައިސް މުޅި ލިސްޓު އޮޅާލާފައި ސަރުކާރުން ބޭނުންވާ ބަޔަކު ބާކީ ކުރީ ކަމަށް އަދުރޭ ތުހުމަތު ކުރި އެވެ. އޭނާ ވިދާޅުވީ އޭގެ ނަތީޖާއަކީ ރައްޔިތުން މަގުމައްޗަށް ނުކުތުން ކަމަށެވެ.
"މިއީ ވައްކަން ކުރަން ދެވިހިފާފައި އޮތް ސަރުކާރެއް. ވަކި އެއްޗަކުން ނޫން ވައްކަން ކުރަނީކީ. ފްލެޓުން ވައްކަން ކުރަނީ. ވަޒީފާއިން ވައްކަން ކުރަނީ. ދައުލަތުގެ ހަޒާނާއިން ވައްކަން ކުރަނީ. ވެންޓިލޭޓަރުން ވައްކަން ކުރަނީ.. ކޮވިޑުން ވައްކަން ކުރަނީ." އަދުރޭ ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވީ ދެން އަންނަ ރައީސް ޔާމީންގެ ސަރުކާރެއްގައި ފްލެޓްތައް އޭގެ ހައްގުވެރިންނަށް ހޯދައިދޭން ކަމަށެވެ.
ކޮވިޑް ގެ މިހާލަތުގައި މުޒާހަރާ ކުރުން މަނާކޮށްފައިވާ ދަނޑިވަޅެއްގައި މުޒާހަރާ ކުރުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން އަދުރޭ ވިދާޅުވީ އެޗްޕީއޭ އަކީ އިދިކޮޅުން ގަބޫލުކުރާ ތަނެއް ނޫން ކަމަށެވެ. އެޗްޕީއޭ ހިންގަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސް އޮފީހުން ކަމަށް އޭނާ ވިދާޅުވި އެވެ.
ހާއްސަ ހުއްދައިގެ ނަމުގައި ރަށްރަށަށް ގޮސް ސަރުކާރުން މުޅި ރާއްޖޭގައިި ކޮވިދް ފަތުރާ ކަމުގެ ތުހުމަތު އަދުރޭ ވަނީ ކޮށްފަ އެވެ.