12 Feb 2021, 19:16
ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާ ދިނުމަށް މާލޭ ސަރަހައްދުގައި ގާއިމުކުރި އެނދުތަކުގެ 86 ޕަސެންޓު ފުރިއްޖެ އެވެ.
ރާއްޖޭގައި ކޮވިޑް19 އަށް ހާއްސަކޮށްގެން ގާއިމުކުރީ 453 އެނދެވެ. އޭގެ ތެރެއިން މާލޭ ސަރަހައްދުގައި ހުރީ 267 އެނދެވެ. ކޮވިޑަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާދޭން ހުޅުމާލޭގައި ގާއިމުކުރި ކޮވިޑް ފެސިލިޓީ އަކީ 248 އެނދުގެ ޖާގައިގެ ތަނެކެވެ.
އެއީ ވޯޑުގައި ހުރި 217 އެނދާއި، ހައި ޑިޕެންޑެންސީ ޔުނިޓުގެ 18 އެނދާއި ޑަޔަލިސިސް އަށް ހާއްސަ ދެ އެނދުގެ އިތުރުން 11 އައިސޮލޭޝަން އެނދެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް މިއަދު "ސަން" އަށް ވިދާޅުވީ މިއަދު 18:00 އާ ހަމައަށް އެ ފެސިލިޓީގެ ވޯޑުގައި ހުސްކޮށް ހުރީ 23 އެނދު ކަމަށެވެ. އަދި އަށް އައިސީޔޫ އެނދު ކަމަށެވެ.
އެހެންކަމުން އެ ފެސިލިޓީގައި މިވަގުތު 217 މީހަކަށް އެޑްމިޓްކޮށްގެން އަންނަނީ ފަރުވާދެމުންނެވެ. އެޗްއީއޯސީން ހިއްސާކުރި ނަންބަރުތަކަށް ބަލާއިރު އެ ފެސިލިޓީގެ އައިސޮލޭޝަން އެނދުތައް އެއްކޮށް ވަނީ ފުރިފަ އެވެ. އެ ފެސިލިޓީގެ ވޯޑުގައި 194 މީހަކު އެޑްމިޓްކޮށްގެން އަންނަނީ ފަރުވާދެމުންނެވެ.
ޑީއެޗް11 ގައި ކޮވިޑް ޖެހި ހާލު ސީރިއަސްވާ މީހުންނަށް ފަރުވާދިނުމަށް ނުވަ އައިސޫޔޫ އެނދު ވަނީ ގާއިމުކޮށްފަ އެވެ. ޑީއެޗް11 ގައި މިވަގުތު ތިން މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. އެތަނުގައި ހުސްކޮށް ހުރީ ހަ އައިސީޔޫ ބެޑެވެ.
ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް16 ގެ ވޯޑުގައި އެއްފަހަރާ އެޑްމިޓްކޮށްގެން ފަރުވާ ދެވެނީ 10 މީހަކަށެވެ. މިވަގުތު ޑީއެޗް16ގެ އެނދުތައް ވަނީ ފުރިފަ އެވެ. އެހެންކަމުން މިވަގުތު ދަރުމަވަންތަ ހޮސްޕިޓަލުގައި ކޮވިޑް19 ބަލިމީހުންނަށް ހާއްސަ ކުރި އެނދުތަކުގެ ތެރެއިން ހުސްކޮށް ހުރީ ހަ އެނދެވެ.
އެހެންކަމުން މާލޭ ސަރަހައްދުގައި ގާއިމުކުރި 267 އެނދުގެ ތެރެއިން މިވަގުތު ހުހަށް ހުރީ އެންމެ 37 އެނދެވެ.
ކޮވިޑަށް ފަރުވާ ދިނުމަށް އަތޮޅުތެރޭގައި ޖުމަލް 186 އެނދު ގާއިމުކުރި އެވެ. އަތޮޅުތެރޭގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނީ ނުވަ މީހަކަށެވެ. އެހެންކަމުން 177 އެނދު ހުހަށް އެބަހުއްޓެވެ.
އަތޮޅުތެރޭގައި ކޮވިޑް ފެސިލިޓީތައް ގާއިމުކޮށްފައި ހުރީ:
ށ. ފުނަދޫ (20 އެނދު)
ބ. އޭދަފުށި (45 އެނދު)
ލ. ގަން (41 އެނދު)
ގއ. ވިލިނގިލި (43 އެނދު)
ފުވައްމުލައް ސިޓީ (3 އެނދު)
އައްޑޫ ސިޓީ (34 އެނދު)
އަތޮޅުތެރޭގައި ކޮވިޑް ފެތުރޭ މިންވަރު އިތުރުވެ، އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީވެސް މިވަގުތު އޮތީ މޮނިޓަރިންގަ އެވެ.
އަދި ރާއްޖެއިން ދުވާލެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަދިވެސް ހުރީ ވަރަށް މަތީގަ އެވެ. އިއްޔެ އެކަނި ވެސް 186 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.
މީގެ ކުރިން ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސް ނުވާ ވަރަށް ހާލަތު ގޯސްވެއްޖެ ކަމަށް ޑރ. ނަޒްލާ މިއަދު ވަނީ ވިދާޅުވެފަ އެވެ. އަދި ކޮވިޑު ޖެހޭ މީހުންގެ އަދަދު އިންތިހާއަށް ގިނަވެ، ހޮސްޕިޓަލްގައި ފަރުވާ ދޭން ޖެހޭ މީހުން ވެސް ގިނަވެފައިވާކަން ފާހަގަކުރެއްވި އެވެ. އެގޮތުން ހެލްތު ނިޒާމަށް ވެސް މިހާރު ބުރަބޮޑުވެފައިވާ ކަމަށާއި ބަލި މީހުންނަށް ފަރުވާދޭން ހުރި އެނދުތައް ގާތްގަނޑަކަށް ފުރިފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
މާލެ ސަރަހައްދުގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ނުވާތީ، އަނެއްކާވެސް ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. އެގޮތުން މިއަދުން ފެށިގެން ހަވީރު ހަޔަކުން ހެނދުނު ހަޔަކަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ވާނެ އެވެ.
މިހާރު ރާއްޖެއިން މުޅި ޖުމްލަ 17،387 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާއިރު އެކްޓިވް ކޭސްތަކުގެ ގޮތުގައި މިވަގުތު 2،243 މީހަކު އެބަތިއްބެވެ. ބަލީގައި ރާއްޖެއިން 56 މީހަކު ވަނީ މަރުވެފައެވެ.