12 Feb 2021, 16:21
މީގެ ކުރިން ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސް ނުވާ ވަރަށް ހާލަތު ގޯސްވެއްޖެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.
ޑރ. ނަޒްލާ ވިދާޅުވީ މިހާރު ރާއްޖެއަށް ކުރިމަތިވެފައި މިވަނީ މިހާތަނަށް ރާއްޖެއަށް އައި ކޮވިޑުގެ އެންމެ ބިޔަ އެންމެ ނުރައްކާތެރި ރާޅާ ކަމަށެވެ. އެގޮތުން ކޮވިޑު ޖެހޭ މީހުންގެ އަދަދު އިންތިހާއަށް ގިނަވެ، ހޮސްޕިޓަލްގައި ފަރުވާ ދޭން ޖެހޭ މީހުން ވެސް ގިނަވެފައިވާ ކަމަށެވެ. އެގޮތުން ހެލްތު ނިޒާމަށް ވެސް މިހާރު ބުރަބޮޑުވެފައިވާ ކަމަށާއި ބަލި މީހުންނަށް ފަރުވާދޭން ހުރި އެނދުތައް ގާތްގަނޑަކަށް ފުރިފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
"އެނދުމަތިކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ކަންބޮުވާން ޖެހޭ އަދަދަށް ދަނީ އިތުރުވަމުން. ބާކީ ހުރީ މަދު އެނދުތަކެއް. މިއަދު އަޅުގަނޑުމެންގެ ހާލަތު ވަރަށް ކްރިޓިކަލް،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
ޑރ. ނަޒްލާވަނީ ބަލި ކޮންޓްރޯލު ކުރުމަށް ހުރިހާ ފަރާތްތަކުގެ އެއްބާރުލުން ދިނުމަށް އެދިލައްވައިފަ އެވެ.
އެގޮތުން ގިނަގިނައިން އަތްދޮވެ، މާސްކު އެޅުމަށާއި ތިން ފޫޓުގެ ގައިދުރުކަން ބެހެއްޓުމަށް އަދި ކޮންޓެކްޓު ބަބުލް ކުޑަކުރުމަށާއި ކޮންމެހެން ބޭނުން ޖެހިގެން ނޫނީ ބޭރަށް ނުނިކުތުމަށް ޑރ. ނަޒްލާ ވަނީ ހަނދާންކޮށްދެއްވައިފައެވެ.
މިވަގުތު 2،243 މީހަކު ރާއްޖޭގައި ބައްޔަށް ފަރުވާ ހޯދަމުންދާއިރު 211 މީހަކު ތިބީ ހޮސްޕިޓަލުގަ އެވެ.
އިއްޔެވެސް 186 މީހަކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. މިއާއެކު ޖުމްލަ 17،387 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވެ އެވެ.
ކޮވިޑު ކޮންޓްރޯލުކުރުމަށ މާލެ ސަރަހައްދގައި އަޅާފައިވާ ފިޔަވަޅުތައްވެސް މިއަދު ވަނީ ހަރުކަށިކޮށްފަ އެވެ. އެގޮތުން މިއަދުން ފެށިގެން ހަވީރު ހަޔަކުން ހެނދުނު ހަޔަކަށް ދުއްވާ އެއްޗެހި ދުއްވުން ވަނީ މަނާކޮށްފަ އެވެ.
ކޮވިޑު ފެތުރުން ކޮންޓްރޯލު ކުރުުމަށް މާލޭގެ އިތުރުން އައްޑޫ އާއި ފުވައްމުލައް ސިޓީގައިވެސް ވަނީ ކާފިއު ހިންގައިފަ އެވެ.