އިސްލާމީ މަރްކަޒު، ޤައުމީ ތަނެއްގެ ގޮތުގައި ހަމަޖައްސަން ސަރުކާރުން ނިންމައިފި އެވެ. ވަޒީރުންގެ މަޖިލިސް މިއަދު ބޭއްވުމަށްފަހު ސަރުކާރުން އެގޮތަށް ނިންމީ އިސްލާމިކް މިނިސްޓްރީން ހުށަހެޅި ކަރުދާހަކަށް މަޝްވަރާ ކުރެއްވުމަށްފަހު އެވެ.

ވަޒީރުންގެ މަޝްވަރާތަކުގައި އިސްލާމީ މަރްކަޒަކީ ރާއްޖޭގައި ހުރި އެންމެ ބޮޑު މިސްކިތް ކަމަށްވެފައި، އެއީ ރާއްޖޭގެ އިސްލާމީވަންތަކަމާއި، ދީނީ ހައިބަވަންތަކަން ދައްކައިދޭ އެންމެ ބޮޑު ދީނީ މުހިންމު ބިނާ ކަމަށްވާތީ އިސްލާމީ މަރުކަޒަކީ ޤައުމީ ތަނެއްގެ ގޮތުގައި ހަމަޖެއްސެވުމަކީ، ވަރަށް މުހިންމު ކަމެއްކަމަށް ފާހަގަ ކުރި އެވެ.

ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ނަފްސާނީ ޞިއްޙަތުގެ ޤައުމީ ސިޔާސަތަށް ސިޔާސަތަށް ޢަމަލު ކުރަން ފެށުމަށް ވެސް ނިންމި އެވެ.
ރައީސް އޮފީހުން ބުނީ އެގޮތަށް ނިންމީ ނަފްސާނީ ބަލިމީހުން އަނބުރާ މުޖްތަމަޢަށް ގެނައުމަށް ހިންގާ ޕްރޮގްރާމްތަކަކީ، ފަސޭހައިން މީހުންނަށް ލިބިގަނެވޭފަދަ ޕްރޮގްރާމްތަކަކަށް ހަދައި، މުޖްތަމަޢުގެ ނަފްސާނީ، ޖިސްމާނީ އަދި އިޖްތިމާޢީ ދުޅަހެޔޮކަން ކުރިއެރުވުމުގައި، ލާމަރްކަޒީ އުޞޫލުން ޚިދްމަތް ފޯރުކޮށްދިނުމަށެވެ.

އާ ސިޔާސަތުން ޙާޞިލްކުރަން ބޭނުންވާ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، މީހުންނަށް ފަސޭހައިން ޚިދްމަތް ހޯދޭ ގޮތެއްގެ މަތިން، ފެންވަރު ރަނގަޅު، ނަފްސާނީ ޞިއްޙަތުގެ ޚިދްމަތް، ލާމަރްކަޒީ ގޮތުން ފޯރުވައިދިނުމާއި، ނަފްސާނީ ޞިއްޙަތުގެ ދާއިރާއާއި، ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް އެކަށީގެންވާ މާލީ ވަސީލަތްތައް ކަށަވަރު ކުރުން ހިމެނެއެވެ.

އަދި ނަފްސާނީ ޚިދްމަތްތަކުގެ ފެންވަރާއި، ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް ކުރާ މަސައްކަތްތަކުގައި ދިމާވާ ހުރަސްތައް ދެނެގަތުމާއި، ދިރާސާ ކުރުމާއި، ފުރިހަމަ ނަފްސާނީ ޚިދްމަތްތަކެއް ލިބިދިނުމާއި، މި ޚިދްމަތްތައް ހޯދުމުގައި ދިމާވާ ހުރަސްތައް ނައްތާލުންވެސް ހިމެނެއެވެ.