އަލަށް އެކުލަވާލާފައިވާ، ރާއްޖޭގައި ބިދޭސިން ވަޒީފާ އަދާކުރުމާ ބެހޭ ގަވައިދުގެ ދަށުން މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ވޯކް ޕާމިޓް ދޫކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ބުނެފި އެވެ.

އެ މިނިސްޓްރީ އިން ކުރި އިއުލާނެއްގައި ބުނީ އެ ގަވައިދުގެ ދަށުން ވޯކް ޕާމިޓު ދޫކުރާނީ، މިނިސްޓްރީން ބިދޭސީންގެ ވެރިފިކޭޝަނެއް ފުރިހަމަ ކުރުމަށް ފަހު ކަމަށެވެ.

މި ވެރިފިފިކޭޝަން ފުރިހަމަކުރުމުގެ އިންތިޒާމު، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ކުރަން ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

ވެރިފިކޭޝަން ފުރިހަމަ ކުރުމަށް އެޕޮއިންޓްމެންޓު ހެދުމަށްފަހު، ވަޒީފާދޭ ފަރާތުން ނުވަތަ އެ ފަރާތުން އައްޔަންކުރާ އެހެން ފަރާތަކުން، ބިދޭސީން މިނިސްޓްރީއަށް ހާޒިރު ކުރަން ޖެހޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

އިއުލާނުގައި ބުނީ ބިދޭސީން ރާއްޖެ އެތެރެވާ ދުވަހުން ފެށިގެން، ވޯކް ޕާމިޓް ހޯދުމަށް ކަނޑައެޅިފައިވާ މުއްދަތު ހަމަވަންދެން ކޮންމެ ދުވަހަކުވެސް ވެރިފިކޭޝަންގެެ ހިދުމަތް ހޯދޭނެ ކަމަށެވެ.

ވެރިފިކޭޝަން ކަންތައް ކުރިއަށް ގެންދާނީ، ބިދޭސީ މީހާގެ މައުލޫމާތައި ބަޔޯމެޓްރިކް ޑޭޓާ ބޭނުން ކޮށްގެން ނެވެ.

ރާއްޖޭގައި ބިދޭސިން ވަޒީފާ އަދާކުރުމުގެ ގަވައިދު ބުނާގޮތުން ބިދޭސިންނަށް ރާއްޖެގައި ވަޒީފާ އަދާކުރެވޭނީ އެކަމަށް ބޭނުންވާ ވޯކް ޕާމިޓު ހޯދުމަށް ފަހުއެވެ. އަދި ޕާމިޓު ދޫކުރާނީ، ވަޒީފާ އަދާކުރާ ބިދޭސީ މީހާ، ރާއްޖެ އައުމުގެ ކުރިން އަދި ރާއްޖެ އައުމަށްފަހު ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމުންނެވެ.

ވޯކް ޕާމިޓް އެންޓްރީގެ ދަށުން ބިދޭސީންް ރާއްޖެ އެތެރެވާ ތާރީހުން ފެށިގެން 15 ދުވަސް ތެރޭ، ވޯކް ޕާމިޓާއި ވޯކް ވިސާ ހޯދަން ޖެހެއެވެ. އަދި އެ މުއްދަތުގައި ވޯކް ޕާމިޓް ނުހައްދައިފިނަމަ ޖޫރިމަނާ އާއެކު ވޯކް ޕާމިޓް ފީގެ ގޮތުގައި މަހަކު 350 ރުފިޔާ ދައްކަން ޖެހޭއިރު، އާ ގަވައިދުގެ ދަށުން ވޯކް ވިސާ ދޫކުރަނީ ތިން ކެޓަގަރީ އަކަށެވެ.

އެއީ،

1. ޕްރޮފެޝަނަލް އެންޑް މެނޭޖީރިއަލް ކެޓަގަރީ: އެމްކިޔުއޭ އިން ކަނޑައަޅާފައިވާ ސެޓްފިކެޓު ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ލެވެލް އަކަށް ތައުލީމު ހާސިލުކޮށްފައިވާ ފަރާތްތަކުން މަސައްކަތްކުރާ މަގާމުތައް

2. ނަން ޕްރޮފެޝަނަލް ކެޓަގަރީ: ސެކަންޑަރީ އެޑިއުކޭޝަނުން
ފެށިގެން އެމްކިޔުއޭ އިން ކަނޑައަޅާފައިވާ ސެޓްފިކެޓް ލެވެލް 6 ހިމެނޭ ގޮތަށް އެ ލެވެލް އާ ހަމައަށް ތައުލީމު ހާސިލުކޮށް ނުވަތަ އެ ފެންވަރުގެ މަސައްކަތުގެ ތަޖުރިބާ ހުރި ނުވަތަ އެންމެ އާދައިގެ، އެއްވެސް ހުނަރެއްނެތި ކުރެވިދާނެ މަސައްކަތްތައް ހިމެނޭ މަގާމުތަކާއި، މެނުއަލްތަކުގައިވާ އިރުޝާދުތައް ކިޔަން އެނގޭ ފަރާތްތަކާއި އަދި މަސައްކަތުގެ ތަޖުރިބާއިން މަސައްކަތުގެ ބޭސިކް ހުނަރު ދަސްވެފައިވާ ފަރާތްތަކުން މަސައްކަތްކުރާ މަގާމުތައް

3. ޑޮމެސްޓިކް ކެޓަގަރީ: ގެވެށި މަސައްކަތްކުރާ މަގާމުތައް

އާ ގަވައިދަށް އަމަލު ކުރަން ފަށާނީ މިމަހުގެ 15 އިން ފެށިގެންނެވެ.

ރާއްޖޭގައި ވޯކް ޕާމިންޓް ނެތި މަސައްކަތްކުރާ ބިދޭސިންގެ އަދަދު ގިނައިރު، އެފަރާތްތައް ރެގިލަރައިޒްކޮށް ގަވައިދަށް ފެއްތުމުގެ މަސައްކަތްވެސް އިކޮނޮމިކް މިނިސްޓްރީން ކުރިއަށް ގެންދެއެވެ. އަދި އޭގެ ތެރެއިް އެނބުރި ގައުމަށް ދާން ބޭނުން ފަރާތްތައް ގައުމަށް ފޮނުވާލުމުގެ މަސައްކަތްވެސް ކުރިއަށް ގެންދެއެވެ.