ރާއްޖޭގައި މިއަދު އެކަނި 5166 މީހަކަށް ކޮވިޑް-19 ވެކްސިން ދީފި އެވެ. މިއީ މިހާތަނަށް އެއް ދުވަހެއްގައި އެންމެ ގިނަ މީހުންނަށް ވެކްސިން ޖެހި ދުވަހެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލޭގައި ވެކްސިން ޖަހާފައި ވަނީ 4257 މީހުންނަށެވެ. އަދި އަތޮޅު ތެރޭގައި 909 މީހަކަށް ވެކްސިން ޖަހާފައިވެ އެވެ.

މިއާއެކު ރާއްޖޭގައި ވެކްސިން ޖެހި މީހުންގެ އަދަދު ވަނީ 25،327އަށް އަރާފަ އެވެ.

މިއަދު ވެކްސިން ދިން މީހުންގެ އަދަދު ފާއިތުވި ދުވަސްތަކާ އަޅާބަލާއިރު ވަރަށް ބޮޑު ތަނުން އިތުރެވެ. އެގޮތުން، އިއްޔެ ވެކްސިން ޖަހާފައި ވަނީ 3910 މީހަކަށެވެ. އަދި އޭގެ ކުރީ ދުވަހު ވެކްސިން ޖަހާފައި ވަނީ 3306 މީހަކަށެވެ.

ދުވާލެއްގެ މައްޗަށް ވެކްސިން ދޭ މީހުންގެ އަދަދު އިތުރުވަމުންދާއިރު އަތޮޅު ތެރޭގެ ވެކްސިނޭޝަން ސެންތަރުތައްވެސް ދަނީ އިތުރުވަމުންނެވެ. މިހާރު އަތޮޅު ތެރޭގައި 55 ތަނެއްގައި ވެކްސިން ޖަހަމުންދެ އެވެ. އެއީ މިއަދު އަލަށް ވެކްސިން ދޭން ފެށި 17 ތަނެއް ހިމަނައިގެންނެވެ. މާލޭގައި ވެކްސިން ދެނީ ހަތް ސެންޓަރެއްގަ އެވެ.

ރާއްޖޭގައި މިހާތަނަށް ޖަހަމުން ދަނީ އިންޑިއާއިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރާޒެކެނާ ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒް އެވެ. ޗައިނާއިންވެސް ވަނީ ރާއްޖެއަށް ވެކްސިން ހަދިޔާ ކުރަން ނިންމާފަ އެވެ. އެގައުމުން ހަދިޔާ ކުރަން ނިންމާފައި ވަނީ ސައިނޯފާމް ވެކްސިންގެ 100،000 ޑޯޒް އެވެ. އެ ވެކްސިންތަކުގެ އިތުރުން ސަރުކާރުން ވަނީ 700،000 ޑޯޒް ގަތުމަށް އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް ހަދާފަ އެވެ.

އިއްޔެ އިތުރު 5000 ޑޯޒް ގެނެސްފައި ވާއިރު، މި މަސް ނިމުމުގެ ކުރިން އިތުރު އެއް ލައްކަ ޑޯޒް ލިބޭނެ ކަމަށް ސަރުކާރުން އިއްޔެ ވަނީ ބުނެފަ އެވެ.