ފަތުރުވެރިއެއްގެ އަތުން 34،00 ޑޮލަރު ވަގަށް ނެގި ކަމުގެ ތުހުމަތުގައި ކެބިން ކްރޫއަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނެފައި ވަނީ، މިދިޔަ އަންގާރަ ދުވަހު ބ. އަތޮޅުގެ ރިޒޯޓަކަށް ދިޔަ ފަތުރުވެރިއެއްގެ ދަބަހުން ގެއްލުނު ގިނަ އަދަދެއްގެ ފައިސާތަކެއް އެ ފަތުރުވެރިޔާ ދަތުރު ކުރި ސީޕްލޭންގެ ކެބިން ކްރޫއެއްގެ އަތުން ފެނިފައިވާ ކަމަށެވެ.

އެ ފައިސާ ފެނުނީ، ފަތުރުވެރިޔާ އަތުގައި ހުރި ފައިސާގެ ތެރެއިން ބައެއް މަދުވެގެން މައްސަލަ ޖެއްސުމުން، ކްރޫއިންގެ ދަބަސްތައް ބަލަމުން ދަނިކޮށެވެ.

އެ މައްސަލައިގައި ތުހުމަތު ކުރެވޭ ކެބިން ކްރޫއަކީ 21 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ. އޭނާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް، ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.