ވޮޝިންގޓަން (ޖަނަވަރީ 31) : އީރާނުން ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމަށް ދެންނަގާނީ އަހަރެއްހާ ދުވަސްކަމަށް ވިދާޅުވެ އެެމެރިކާގެ ދިފާޢީ ވަޒީރު ލިޔޮން ޕެނެޓާ ވާހަކަ ދައްކަވައިފިއެވެ.

އެމެރިކާގެ ސީ.ބީ.އެސް. އަށް ދެއްވި ބަސްދީގަތުމެއްގައި ޕެނެޓާ ވިދާޅުވީ ނިއުކްލިޔަރ ހަތިޔާރެއް އުފެއްދޭމިންވަރަށް ޔޫރޭނިޔަމް ފައްކާކުރުމުގެ ޤާބިލްކަން އީރާނަށް ލިބިގެންވާ ކަމުގައެވެ. ނަމަވެސް ނިއުކްލިޔަރ ހަތިޔާރު އުފެއްދުމުގެ ފުރްސަތު އީރާނަށް ދިނުމަށް ކުރެވެންހުރި ހުރިހާ ކަމެއް އެމެރިކާ ކުރާނެ ކަމަށް ޕެނެޓާ ވިދާޅުވިއެވެ.

ކުރިޔަށްއޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ނުވަތަ ދެތިން އަހަރު ތެރޭގައި އީރާނުން ނިއުކްލިޔަރ ހަތިޔާރެއް އުފައްދާނެ ކަމަށް ވިދާޅުވެ އެމެރިކާގެ އިސްމަސްއޫލުވެރިން ވާހަކަ ދައްކަވައި ބަޔާންތައް ދެއްވަމުން ގެންދަވާތާވަނީ 10 ވަރަކަށް އަހަރު ވެފައެވެ.
ނަމަވެސް އީރާނުން ނިއުކްލިޔަރ ހަތިޔާރެއް އުފައްދަން މަސައްކަތްކުރާ ކަމުގެ އެއްވެސް ހެއްކެތް އެމެރިކާއަށްވެސް އަދި އިންޓަރނޭޝަނަލް އެޓަމިކް އެނަރޖީ އެޖެންސީގެ އިނިސްޕެކްޓަރުންނަށްވެސް ދެއްކިފައެއް ނުވެއެވެ. އަދި އީރާނުން ނިއުކްލިޔަރ ހަތިޔާރެއް އުފެއްދިކަމަށްވެސް އެމެރިކާ ބުނެފައެއް ނުވެއެވެ.

ޕެނެޓާގެ ވާހަކާގައި އީރާނުން ނިއުކްލިޔަރ ހަތިޔާރު އުފެއްދުމަކީ އެމެރިކާ ފުރްސަތު ދޭނެ ކަމެއް ނޫންކަމާއި އެއީ ރަތް ރޮނގެއްކަމަށް ވިދާޅުވެ އީރާނަށް އިންޒާރުކުރެއްވިއެވެ. މިއީ ވޭތުވެދިޔަ 10 ވަރަކަށް އަހަރު ތެރޭގައި އެމެރިކާ އީރާނަށް ދެމުންގެންދާ އިންޒާރެކެވެ.

އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާދޭންޖެހިދާނެ ކަމަށް ބުނެ އެމެރިކާ ދެމުން ގެންދާ އިންޒާރުތަކާބެހޭގޮތުން ކުރެވުނު ސުވާލެއްގެ ޖަވާބުގައި އީރާނަށް ޙަމަލާދޭނެކަން ނުވަތަ ނޫންކަން ސާފުގޮތެއްގައި އެމެރިކާ ގެ ދިފާޢީ ވަޒީރު ވިދާޅުވެފައެއް ނުވެއެވެ. ޕެނެޓާ ވިދާޅުވީ އީރާނާ ދެކޮޅަށް ކޮންމެ ކަމެއްވެސް ކުރަންޖެހުމަކީ އެކަށީގެންވާ ކަމެއްކަމުގައެވެ. -- އަލްޖަޒީރާ