ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް 33 ބިލެއް ހުށަހަޅަން ނިންމައި، އެ ބިލުތަކުގެ ލިސްޓު މަޖިލީހަށް ފޮނުވައިފި އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފައި ވަނީ މި އަހަރުގެ ފުރަތަމަ ދައުރުގައި ހުށަހަޅަން ނިންމާފައިވާ ބިލުތައް ރައީސް އޮފީހުން މިއަދު މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ. މިހާރު އާންމުކޮށްފައިވާ އެ ލިސްޓުގައި 33 ބިލެއް ހިމެނެ އެވެ.

އެ ލިސްޓުގައިވާ ގޮތުން އަލަށް 15 ގާނޫނެއް ހަދަން މަޖިލީހަށް ބިލު ހުށަހަޅަން ނިންމާފައިވެ އެވެ. އޭގެ ތެރޭގައި ކޮވިޑް ވެކްސިން ދިނުމާ ބެހޭ އުސޫލުތައް ކަނޑައެޅުމުގެ ބިލެއް ހިމެނެ އެވެ. އަދި އަބުރާ ބެހުމުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގާނޫނަކާއި، ހެއްކާ ބެހޭ ގާނޫނަކާއި، ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަކާއި، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން އޮތޯރިޓީ އުފެއްދުމުގެ ގާނޫނަކާއި، ފޮރިން އިންވެސްޓްމެންޓުގެ ގާނޫނަކާއި، އިލެކްޓްރޯނިކް މުއާމަލާތްތަކާ ބެހޭ ގާނޫނަކާއި، ނަފްސާނީ ސިއްހަތާ ބެހޭ ގާނޫނަކާއި، ނެތިދިޔުމުގެ ބިރު ހީވެފައިވާ ދިރޭ ތަކެތީގެ ވިޔަފާރި ކުރުމާ ގުޅޭ ގާނޫނެއް އުފެއްދުމަށް ބިލު ހުށަހަޅަން ނިންމާފައިވެ އެވެ.

މިހާރު އަމަލުކުރަމުންދާ ގާނޫނުތަކުގެ ތެރެއިން 16 ގާނޫނަކަށް އިސްލާހު ގެންނަން ބިލުތައް ހުށަހަޅަންވެސް ސަރުކާރުން ނިންމާފައިވެ އެވެ. އޭގެ ތެރޭގައި، އާންމުދަނީއިން ޓެކްސް ނެގުމުގެ ގާނޫނާއި، ޕެންޝަނާ ބެހޭ ގާނޫނާއި، ކޯޓުތަކުގެ ގާނޫނާއި، ފަނޑިޔާރުންގެ ގާނޫނާއި، ގާނޫނީ ފަންނުގެ ގާނޫނާއި، މަސްތުވާތަކެއްޗާ ބެހޭ ގާނޫނާއި، ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނާއި، އިންތިގާލީ އިންސާފުގެ ގާނޫނާއި، ކުޅިވަރުގެ ގާނޫނަށް ގެންނަން ނިންމާފައިވާ އިސްލާހުތައް ހިމެނެ އެވެ.

ދެ ގާނޫނެއް އުވާލުމުގެ ބިލު ހުށަހަޅަންވެސް ސަރުކާރުން ނިންމާފައިވެ އެވެ. އެއީ ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނާއި، އެކިއެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނެވެ.