11 Feb 2021, 17:42
ފުވައްމުލަށް ސިޓީގައި ޖަމާއަތުގައި ނަމާދު ކުރުން ވަގުތީ ގޮތުން މެދުކަނޑާލަން އިސްލާމިކް މިނިސްޓްރީއިން އަންގައިފި އެވެ.
ފުވައްމުލަކުން ކޮވިޑް-19 ފެނި މިހާތަނަށް އެ ރަށުން ނުވަ މީހަކު ޕޮޒިޓިވްވެފައިވާއިރު އެ ސިޓީ އޮތީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ. އަދި އެ ސިޓީގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ދަނީ ވަރުގަދަ ކުރަމުންނެވެ.
އެގޮތުން، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ސޮއި ކުރައްވައި، ފުވައްމުލަކު ސިޓީ ކައުންސިލަށާއި، ލޯކަލް ގަވަމެންޓް އޮތޯރިޓީއަށް ފޮނުވި ސާކިއުލާއެއްގައި ވަނީ، ފުވައްމުލަކު ސީޓީގެ ހަލާތަަށް ބަލައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މިއަދުގެ އަސްރު ނަމާދުން ފެށިގެން އަންނަ ހޯމަ ދުވަހުގެ އަސްރު ނަމާދާ ހަމައަށް، ފުވައްމުލަކު ސިޓީގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލަން އަންގަވައިފަ އެވެ.
އޭގެ އިތުރުން، މިސްކިތުގައި ހަމައެކަނި ބަންގިގޮވުމަށާއި، ބަންގީގެ ފަހުގައި ގޭގައި ނަމާދު ކުރަން އަރަބި ބަހުން ގޮވާލަން އަންގާފައިވެ އެެވެެ.
މިސްކިތްތަކުގައި ނަމާދު ނުކުރިޔަސް، ބަރާބަރަށް ގޭގައި ނަމާދު ކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ގިނަ ގިނައިން ދުއާކޮށް، އިސްތިއްފާރު ކުރުމަށް އިސްލާމިކް މިނިސްޓްރީއިން އެދިފައިވެ އެވެ.
އަަދި ކަމާ ބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކަށް ބޯލެނބުމަށާއި، މާޔޫސްނުވެ، ސަބަބުތަކުގައި ހިފައި، މާތްﷲއަށް ވަކީލުކޮށް އުޅުމަށް ނަސޭހަތްތެރިވި އެވެ.
ފުވައްމުލަކުގެ އިތުރުން އައްޑޫ ސިޓީގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލަންވެސް މިނިސްޓްރީއިން މިދިޔަ އަންގާރަ ދުވަހު ވަނީ އަންގައިފަ އެވެ. އެއީ މި އަންނަ ހަފްތާގެ ބުދަ ދުވަހުގެ ނިޔަލަށެވެ. އެ ސިޓީގައިވެސް ކޮވިޑް-19ގެ ކޭސްތައް ދަނީ އިތުރުވަމުންނެވެ.