11 Feb 2021, 17:42
ވޮޝިންޓަން (ފެބްރުއަރީ 11) : އެމެރިކާގެ އިދިކޮޅު ރިޕަބްލިކަން ޕާޓީ (ޖީއޯޕީ) ގައި އެގައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބާރާއި ނުފޫޒު ގަދަކަމުން އެކަމުން ސަލާމަތްވުމަށްޓަކައި އިތުރު ޕާޓީއެއް އުފެއްދުމަށް ރިޕަބްލިކަން ޕާޓީގެ ކުރީގެ ބައެއް މަސްއޫލުވެރިން ނިންމަވައިފިއެވެ.
ރޮއިޓާސް ބުނާގޮތުން ރިޕަބްލިކަން ޕާޓީ "ގްރޭންޑް އޯލްޑް ޕާޓީ" (ޖީއޯޕީ) ގެ މެންބަރުން ހިމެނޭގޮތަށް އިތުރުޕާޓީއެއް އުފެއްދުމުގެ މުހިއްމު މަޝްވަރާތަކެއް އެޕާޓީގެ ކުރީގެ މަސްއޫލުވެރިންގެ މެދުގައި ދަނީ ހިނގަމުންނެވެ. މިކަމާބެހޭ ބައްދަލުވުމެއްވެސް މިހާރު ވަނީ ބާއްވާފައެވެ.
ރިޕަބްލިކަން ފިކުރުގެ އައު ޕާޓީ އުފެއްދުމުގެ މަޝްވަރާތަކުގައި އެޕާޓީގެ ކުރީގެ މަސްއޫލުވެރިންގެ ތެރެއިން 120 މަސްއޫލުވެރިއަކު އުޅުއްވާކަމަށާ އައުޕާޓީގެ މައިގަނޑު އަމާޒަކީ ރިބަޕްލިކަން ޕާޓީގައި މިހާރުއޮތް ޑޮނަލްޑް ޓްރަމްޕްގެ ނުފޫޒު ކަނޑުވާލުންކަމަށް މައުލޫމާތު ލިބެއެވެ.

ރިޕަބްލިކަން ފިކުރުގެ އައު ޕާޓީ އުފެއްދުމުން އެޕާޓީގެ މެންބަރުންގެ ތެރޭގައި ހިމެނޭ ޓްރަމްޕާ އިދިކޮޅު ފިކުރުގެ މަސްއޫލުވެރިންނާއި މެންބަރުން އައު ޕާޓީއާ ގުޅޭނެކަމުގެ ޔަގީންކަން އޮތްކަމަށް ރިޕަބްލިކަން ޕާޓީގެ ކުރީގެ ބައެއް މަސްއޫލުވެރިންނާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.
މިހާރު އެމެރިކާގެ އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް ރިޕަބްލިކަން ޕާޓީގެ މައިގަނޑު ފިކުރަކީ ކަނާތުފިޔައިގެ ކޮންޒަވެޓިވް ވިސްނުމުގެ ލެބްރަލް ފިކުރެވެ. ޓްރަޕްގެ ސަބަބުން އެޕާޓީއަށްވަނީ އެމެރިކާގެ ދޮންމީހުންނަކީ މާމަތީ ނަސްލެއްގެ ބައެއްކަމަށް ދެކޭ ނަސްލީ އިމްތިޔާޒުގެ ހަރުކަށި ފިކުރު (ވައިޓް ސްޕްރެމަސީ ފިކުރު) ވަރަށް ބޮޑަށް ވަދެފައެވެ. އަދި ނަސާރާ ދީން ފިޔަވައި އެހެން ދީންތަކުގެ މީހުންނަށް ނަފްރަތު ކުރުމުގެ ބޯދާ ސަގާފަތާއި ނަސާރާ ދީނުގެ ނަމުގައި ނަސާރާއިން ގެންގުޅޭ އިންޖީލީ ފިކުރުގެ ހަރުކަށި ވިސްނުން (އެވެންޖެލިކަލްސް ފިކުރު) އާއި އޭގެ ޚުރާފާތުތައްވެސް ރިޕަބްލިކަން ޕާޓީގައި މިހާރުދަނީ އަށަގަންނަމުންނެވެ.
ޓްރަމްޕްގެ ސަރުކާރުގެ އިސް މަގާމުތަކުގައި އިންޖީލީ ފިކުރުގެ ހަރުކަށި މީހުން (އެވެންޖެލިކަލްސް) ވަރަށް ގިނައެވެ. އޭގެތެރޭގައި ކުރީގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ އާއި އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް ފަދަ ބޭފުޅުން ފާހަގަކޮށްލެވެއެވެ.
ރިޕަބްލިކަން ޕާޓީގެ ތެރެއިން އައު ޕާޓީއެއް އުފެއްދުމަށް މަސައްކަތްކުރާ ޓީމުގައި ހިމެނޭ ތިންބޭފުޅަކު ނަންހާމަކުރަން ނޭދޭގޮތަށް ރޮއިޓާސް އަށް މައުލޫމާތު ދެއްވިގޮތުގައި އެމެރިކާގެ ރިޔާސީ އިންތިޚާބު އޮޅުވާލިކަމަށް ވިދާޅުވެ ޓްރަމްޕް ދައްކަވާ ވާހަކަތަކާއި މިދިޔަ ޖަނަވަރީމަހުގެ 6 ވަނަ ދުވަހު ކޮންގްރެސްއަށް ގަދަބާރުން ވަދެގަތުމަށް ޓްރަމްޕް ގެސަޕޯޓަރުން ހިންގި ހަރުކަށި އަމަލުތައްފަދަ ކަންކަމާ ދެކޮޅުހަދާ ވަރަށް ގިނަ ބަޔަކު ރިޕަބްލިކަން ޕާޓީގައި އެބަތިއްބެވެ.
މީގެއިތުރުން ޓްރަމްޕަށް ސަޕޯޓްކުރާ ކަނާތުފިޔައިގެ ހައްދު ފަހަނަޅާފައިވާ ދޮންމީހުންގެ ޖަމާއަތްތަކާ އަދި އިންޖީލީ ފިކުރުގެ ދީނީ މީހުންނާވެސް އިދިކޮޅު އެތަށްބަޔަކު އެޕާޓީގައި އެބަތިއްބެވެ. ރިޕަބްލިކަން ފިކުރުގެ އައު ޕާޓީއެއް އުފައްދައިފިނަމަ އެމީހުން އެޕާޓީއަށް ވަންނާނެކަމަށް ބެލެވެއެވެ.
ނަމަވެސް ރިޕަބްލިކަން ޕާޓީގެ ތެރެއިން އައު ޕާޓީއެއް ވުޖޫދަށް އައިސްފިނަމަ ރިޕަބްލިކަން ޕާޓީ ބައިބައިވެ އެމެރިކާގެ ސިޔާސީ މަސްރަހުގައި އެޕާޓީ ވަރަށް ބޮޑަށް ބަލިކަށިވެގެންދާނެކަމަށްވަނީ ބެލެވިފައެވެ. (ރޮއިޓާސް+ އެމެރިކާގެ މިޑިއާ)