11 Feb 2021, 14:08
ޖިންސީ ގޯނާގެ ގިނަ ތުހުމަތުތަކެއް ކުރެވިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރީ ރަނގަޅަށް ކަމަށް ނުދެކޭ ކަމަށާއި، އެ ނިންމުން ކަމާބެހޭ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
ޓޫރިޒަމްގެ ގިނަ އަދަދެއްގެ އަންހެން މުވައްޒަފުންތަކަކަށް އަލީ ވަހީދު ޖިންސީ ގޯނާ ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އޭނާގެ ޕާސްޕޯޓު ހިފަހައްޓައި ފުރުން މަނާކުރީ މިދިޔަ ޖުލައި މަހު އެވެ.
އޭގެ ފަހުން އެ މުއްދަތު އިތުރުކުރަން ޕީޖީން ހުށަހެޅީ އަލީ ވަހީދުގެ ޕާސްޕޯޓު ނުހިފަހައްޓައިފިނަމަ، ފިލައިގެން ދިޔުމުގެ ފުރުސަތު އިންތިހާއަށް އޮތުމުންނެވެ.
ނަމަވެސް މި މަހުގެ ނުވަ ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އެ އަމުރު ބާތިލްކޮށްފަ އެވެ. އަދި އަމުރު ބާތިލުކުރުމުން އަލީ ވަހީދު ވަނީ އިނގެރޭސިވިލާތަށް ވަޑައިގެންފަ އެވެ. އޭނާ ފުރައިގެން ގޮސްފައިވާތީ ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށާއި ޕީޖީ އަށް އަދި ކޯޓަށް ވަނީ އަމާޒު ވެފަ އެވެ.
އެ މައްސަލައިގައި ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ އަމުރު ނެރުމުގައި، އާންމުކޮށް މިބާވަތުގެ އަމުރު ނެރުމުގައި އަމަލުކުރާ އުސޫލުތަކާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށާއި އެ މައްސަލަ، ކަމާބެހޭ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޕީޖީ އޮފީހުން ބުނީ ފިލާފާނެކަމުގެ އިޙްތިމާލު އޮތް މީހެއްގެ ޕާސްޕޯޓު ދޫކުރަންވާނީ، އެކަށީގެންވާ ގޮތުގައި ރާއްޖެއިން ފަރުވާ ނުކުރެވޭނެ ސީރީއަސް ސިއްހީ މައްސަލައެއް ހުރެގެން، އާޖެންޓް މެޑިކަލް އެޓެންޝަން ބޭނުންވާ ފަދަ ހާލަތެއްގައި އެކަނި ކަމަށްވެސް، ކޯޓުގައި ބުނެފައިވާނެ ކަމަށެވެ.
ހަމައެއާއެކު އަލީ ވަހީދު ހުށަހަޅާ މެޑިކަލް ލިޔުންތައް ނުބަލައި، އެފަދަ ހާލަތެއް އޮތްކަމުގައި ބުނަން ދަތިކަމަށް ޕީޖީ އޮފީހުން ފާހަގަކުރުމުން، ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދިޔުމަށް ލަފާދީ ޓްރީޓޮޕް ހޮސްޕިޓަލް އިން ޑރ. މުޒުނީ ދޫކޮށްފައިވާ ލިޔުމެއް އެވަގުތު ޝަރީއަތުން ދައްކަވާފައިވާ ކަމަށް ބަޔާނުގައިވެ އެވެ.
ނަމަވެސް، އެލިޔުމަކީ ކޮންގޮތަކަށް ހޯދާފައިވާ ލިޔުމެއްކަމާއި، ސައްހަ ލިޔުމެއްކަން ކަށަވަރުކުރުމަކާ ނުލައި، އަދި އެލިޔުމުގައި ގިނަ އަދަދެއްގެ މެޑިކަލް ޓާމްސް ބޭނުންކޮށްފައިވާތީ، ޚަބީރެއްގެ ރައުޔެއް ހޯދުމަކާ ނުލައި، އެލިޔުމާ ގުޅިގެން އެއްޗެއް ދަންނަވަން ދަތިކަން ދައުލަތުން ޝަރީއަތުގައި ފާހަގަކުރި އެވެ.
އެދުވަހުގެ އަޑުއެހުމުގައި ކޯޓުގެ އަމިއްލަ އިސްނެގުމަށް ކޯޓުން ނިންމަވާފައިވަނީ ކޯޓުގެ އަމުރެއްގެ ދަށުން އައިޖީއެމްއެޗްއިން
އަލުން ޗެކްއަޕްއެއް ހެދުމަށެވެ. އަދި އެގޮތަށް ނިންމައި އަލުން ޗެކްއަޕް ހެދުމަށް ކޯޓުން އަމުރުކުރި އެވެ. އައިޖީއެމްއެޗްގެ ލިޔުންތައް ދައުލަތަށް އަދިވެސް ފެނިފައި ނުވާއިރު، އެ ލިޔުންތަކާ ގުޅިގެން ވާހަކަ ދައްކަން މި މަހުގެ ނުވަ ވަނަ ދުވަހު އަޑުއެހުމެއް ބޭއްވި އެވެ.
އެ ދުވަހުގެ އަޑުއެހުމަށް ކޯޓުން ޚަބީރެއްގެ ގޮތުގައި ހާޒިރުކުރީ ކަށީގެ ހާއްސަ ޑޮކްޓަރު ޑރ. ޝާން ޔޫސުފް އެވެ. އަޑުއެހުމުގައި ޑރ. ޝާން ވިދާޅުވީ، މެޑިކަލް ލިޔުންތަކުގައި ސީރިއަސް މައިބަދައިގެ ޑިސްކް މައްސަލައަކާ ގުޅިގެން ސާޖަރީއެއް ހެދުމަށް އަލީ ވަހީދަށް ޑޮކްޓަރު ލަފާދީފައިވާކަމަށެވެ.
އަލީ ވަހީދުގެ ހުރި ކޮމްޕްލިކޭޝަންތަކުގެ ސަބަބުން ރާއްޖެއިން އެ ސާޖަރީ ހެދެން އޮތްނަމަވެސް، އެކަށީގެންވާ އިކުއިޕްމަންޓް ވެސް ނެތުމާއެކު ރާއްޖޭގައި ސާޖަރީ ހަދަން ރެކޮމެންޑް ނުކުރާކަމަށާއި، ރާއްޖޭގައި ސާޖަރީ ހަދައިގެން ފޭޓަލް ވެސް ވެފައިވާ ކަމަށާއި، ވަރަށް ފަހުން މީހެއްގެ ފުރާނައަށް ގެއްލުންވެފައިވާ ކަމަށް ވެސް ޑޮކްޓަރު ވަނީ ވިދާޅުވެފަ އެވެ.
އެދުވަހު ދައުލަތުން ބުނެފައި ވަނީ މީހެއްގެ ބޭސްފަރުވާއަށް ދައުލަތުން ހުރަސް ނާޅާނެ ކަމަށާއި، ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށްދިއުމަށް ހުއްދަދިނުމަށް އިއުތިރާޒް ނުކުރާކަމަށެވެ. ނަމަވެސް ޕާސްޕޯޓު ދޫކުރުމުގެ ބަދަލުގައި ޕާސްޕޯޓު ހިފަހައްޓާފައި އޮތް އޮތުން އެގޮތުގައި ދަމަހައްޓައި، މީހަކު ޖާމިނުކުރުވުމާއެކު ވަކި މުއްދަތަކަށް ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ދިއުމަށް ހުއްދަކުރާ ޓްރެވަލް ޑޮކިއުމަންޓެއް ދޫކުރުމަށް އެދޭ ކަމަށެވެ.
ދައުލަތުގެ ވާހަކައާ ގުޅިގެން އަލީ ވަހީދުގެ ފަރާތުން ބުނެފައިވަނީ އޭނާއަކީ ކުށުގެ ރެކޯޑު އޮތް މީހެއް ނޫންކަމަށާއި، މީގެ ކުރިން
ޝަރީއަތަށް ފިލާފައި ނުވާނެކަމަށެވެ.
"ޖިންސީ ކުށުގެ ދައުވާ އުފުލިފައިވާ މީހެއްކަން އެނގޭގޮތަށް ޓްރެވެލް ޑޮކިއުމަންޓެއް އޮތުމަކީ އޭނާގެ އަބުރަށް ހުތުރުކަމެއްކަމަށާއި، ޓެރެވެލް ޑޮކިއުމަންޓެއްގެ އެހީގައި އެކަށީގެންވާ ގޮތުގައި ފަރުވާ ހޯދުމަށް ދަތުރު ކުރުމަށް ހުރަސް އެޅޭނެކަމަށް" އަލީ ވަހީދުގެ ފަރާތުން އަޑުއެހުމުގައި ބުނިކަމަށް ބަޔާނުގައިވެ އެވެ.
އަލީ ވަހީދު ދެއްކި ވާހަކަތަކުގެ ޖަވާބުގައި ދައުލަތުން ބުނީ އޭނާގެ ބޭސްފަރުވާއަށް ބޭނުންވަނީ ޕާސްޕޯޓު ނޫން ކަމަށެވެ. އަދި އަލީ ވަހީދަކީ މީގެ ކުރިންވެސް ތަހުގީގަށާއި ޝަރީއަތަށް ހުރަސްއެޅޭނެހެން ފުރައިގެން ދިޔުމަށް ފަހު އެނބުރި ނައިސް ހުރި މީހެއްކަމާއި، ޕާސްޕޯޓު ދޫކޮށްފިނަމަ ރާއްޖެއިން ބޭރުގައި ދިގު މުއްދަތަކަށް މަޑުކޮށް ހެކި ނައްތާލާއި، މައްސަލައިގެ ޝަރީއަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދިއުމުގެ ފުރުސަތު އޮތްހާ ހިނދަކު އެނބުރި ނައުމުގެ ފުރުސަތު އިންތިހާއަށް އޮތްކަމަށް ވެސް ޕީޖީން ފާހަގަކުރި ކަމަށް ބަޔާނުގައިވެ އެވެ.
މީހަކު ޖާމިނުކޮށް ވަކި މުއްދަތަކަށް ޕާސްޕޯޓު ދޫކުރުމަށް ދައުލަތުން އިއުތިރާޒް ކުރީ އަލީ ވަހީދު ރާއްޖެއިން ފުރާ ހިސާބުން ފެށިގެން އެއަމުރު އަލީ ވަހީދުގެ މައްޗަށް ތަންފީޒު ނުކުރެވޭނެތީ އާއި މީހަކު ޖާމިނުކުރިކަމުގައި ވިޔަސް، އަލީ ވަހީދުގެ ޖާމިނު ޒިންމާކުރެވޭނެ ކަމާމެދު އެއްވެސް ޔަގީންކަމެއް ނެތުމުންނެވެ.
"އެހެންކަމުން، ޖާމިނުކޮށް ޕާސްޕޯޓު ދޫކުރުމަށް އިއުތިރާޒްކުރާކަމަށް ދަންނަވާފައިވާނެއެވެ. އަދި، ޖާމިނުކޮށް ވަކި މުއްދަތަކަށް ގައިދުކޮށްފައިވާ ޓްރެވެލް ޑޮކިއުމަންޓެއް ދޫކުރުމަށް ދެންނެވީމެވެ."
ނަމަވެސް، އަލީ ވަހީދަކީ އެހެން ރެކޯޑެއް އޮތް މީހަކަށް ނުވާތީ އާއި، ޑޮކްޓަރު ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަލައި މީހަކު ޖާމިނުކޮށް، ހަތަރު މަހަށް އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރުމަށް ޝަރީއަތުން ވަނީ ނިންމައިފަ އެވެ.
އަލީ ވަހީދުގެ ފަރާތުން ޖާމިނުކޮށްފައި ވަނީ މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްގެ ސްޓޭޓް މިނިސްޓަރު، އަސްއަދު އަލީ (އަޑުބަރޭ) އެވެ.
ޕީޖީން ބުނީ އެދުވަހު ޕާސްޕޯޓު ދޫކުރުމަށް ނިންމި ލިޔުމާއި، ޖާމިނުކުރުވި ލިޔުން ހޯދުމަށް ކުރި މަސައްކަތުން އަދި މިހާތަނަށް ކޯޓުން ދައުލަތާ އެ ލިޔުންތައް ހިއްސާކޮށްފައި ނުވާ ކަމަށެވެ.
"ޕާސްޕޯޓު ދޫކުރަން ނިންމީ ރަނގަޅަށް ކަމަކަށް ނުދެކެމެވެ." ޕީޖީ އޮފީހުން ބުންޏެވެ.
ނަމަވެސް ކޯޓުގެ ނިންމުން އިސްތިއުނާފު ކުރުމާމެދު މެދު ގޮތެއް ނިންމުމުގެ ކުރިން އަލީ ވަހީދު ފުރައިގެން ގޮސްފައިވާކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ބަޔާނުގައިވެ އެވެ.
ކޯޓު އަމުރުގައި އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި އަލީ ވަހީދު އަނބުރާ ރާއްޖެ ނައިސްފި ނަމަ، އޭނާގެ މައްޗަށާއި، އޭނާ ޖާމިނު ކޮށްފައިވާ މީހާގެ މައްޗަށް ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމުގެ މަސައްކަތް، އެކަމަށް ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން އެ އޮފީހުން ކުރަމުން ގެންދާނެ ކަމަށެވެ.
އަލީ ވަހީދުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ ޖުމްލަ ހަތް ދައުވާއެކެވެ. އެ ދައުވާތަކަކީ ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާއާއި، ޖިންސީ އަނިޔާއެއް ކުރުމުގެ ކުށުގެ ދައުވާ އާއި، ޖިންސީ އަމަލެއް ހިންގުމަށް އެދުމުގެ ދެ ދައުވާއާއި، ބޭއަދަބީ ގޮތުގައި ޖިންސީ
ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާއާއި، ޖިންސީ ގޯނާކުރުމާއި، ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާ އެވެ.