11 Feb 2021, 14:21
ރާއްޖޭގެ ރަށްރަށުގައި ޖަމާވެފައި ހުރި ކުނި ނަގާ ނައްތާލުމަށް ވޭސްޓް މެނޭޖުމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ކުރާ މަސައްކަތުގެ ދަށުން އިތުރު ރަށްތަކެއްގައި އުފެދިފައިހުރި ކުނި ނައްތާލުމުގެ މަސައްކަތް ފަށައިފި އެވެ.
ވެމްކޯ އިން ބުނީ އެ ކުންފުނިން ކުރިއަށް ގެންދާ އެކިޔުމުލޭޓެޑް ވޭސްޓް ކްލިއަރުން ޕްރޮޖެކްޓުގެ ދަށުން ކުޅުދުއްފުށީގެ އިތުރުން ކ.ގުރައިދޫ އަދި ފުވައްމުލައް ސިޓީގައި އުފެދި، ޖަމާވެފައިވާ ކުނި ނައްތާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިހާތަނަށް ކުޅުދުއްފުށިން 400 ޓަނަށްވުރެ ގިނަ ކުނި ނަގާފައިވާ ކަމަށާއި ކުނި ސާފުކުރުމުގެ މަސައްކަތް އިތުރަށް އަވަސް ކުރުމަށް އިތުރު ވެސަލް އެއް ކުޅުދުއްފުއްޓަށް ގެންދިޔުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
މީގެ އިތުރުން ކ ގުރައިދޫ ގައި ޖަމާވެފައިވާ ކުނި ނެގުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށާއި އެރަށުން ގާތްގަނޑަކަށް 25،000 ޓަނުގެ ކުނި ނެގޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެމްކޯ އިން ބުންޏެވެ.
ވެމްކޯ އިން އިތުރަށް ބުނީ ފުވައްމުލައް ސިޓީގައި ޖަމާވެފައި ހުރި ކުނި ނެގުމަށް ބޭނުންވާ އުޅަނދު އެ ރަށަށް ގެންދިޔުމުގެ މަގުމަތީގައިވާ ކަމަށެވެ.
ކުރިއަށް އޮތް ތަނުގައި އެކި ޒޯންތަކަށް ބަހާލައިގެން، ކުނި ޖަމާވެފައި ހުރި އެހެން ރަށްރަށުގައިވެސް މި މަޝްރޫއު ކުރިއަށްގެންދަން ރާވަމުންދާ ކަމަށް ވެމްކޯ އިން ވަނީ ބުނެފަ އެވެ.