ދައުލަތުގެ އޮފީސްތަކުން ކުރިއަށްގެންދާ ޕްރޮޖެކްޓުތަކުގައި، އެ ޕްރޮޖެކްޓެއް ކުރިއަށް ގެންދާ ސަރަހައްދަކަށް ނިސްބަތްވާ ވިޔަފާރިވެރިންނަށް އިސްކަންދޭނެ ޖެހޭ ގޮތަށް، އުސޫލު އެކުލަވާލައިފި އެވެ.

ދައުލަތުގެ މާލިއްޔަތު ގަވާއިދަށް ރިއާޔަތްކޮށް ދައުލަތުގެ އޮފީސްތަކުން އާންމުކޮށް އިއުލާންކޮށްގެން ކުރިއަށް ގެންދާ ބީލަންތަކުގައި އެ ރަށަކަށް ނުވަތަ އެ އަތޮޅަކަށް ނިސްބަތްވާ ފަރާތްތަކަށް މަސައްކަތް ހަވާލުކުރުމުގައި އިސްކަންދިނުމުގައި އަމަލުކުރާނެ އުސޫލު މިހާރު ވަނީ ގެޒެޓުކޮށްފަ އެވެ.

އެ އުސޫލުގެ މަގުސަދު ކަމުގައި ބުނެފައި ވަނީ ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ އެންމެ ކުދި، އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދައުރު ރާއްޖޭގެ އިގްތިސޯދުގައި ފުޅާކުރުމާއި، އެފަދަ ވިޔަފާރިތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީވުމުގެ ގާބިލުކަން ފަހިކޮށްދިނުމުގެ ގޮތުން ދައުލަތުގެ އޮފީސްތަކުން ތަކެއްޗާއި ހިދުމަތް ހޯދުމުގައާއި އަދި މަސައްކަތް ކުރުވާއިރު، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިސްކަން ދިނުން ކަމަށެވެ.

ހަމައެއާއެކު ދައުލަތުގެ އޮފީސްތަކުން ތަކެއްޗާއި ހިދުމަތް ހޯދުމުގައާއި، މަސައްކަތް ކުރުވާއިރު، ހާމަކަންބޮޑު ހަމަހަމަ އުސޫލެއްގެ ތެރެއިން، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ނިސްބަތްވާ ބީލަންވެރިންގެ ބައިވެރިވުން އިތުރުކުރުމާއެކު، އެ މަސައްކަތަކަށް ދިވެހީންނަށް އިސްކަން ދިނުން ކަމަށެވެ.

އެގޮތުން ދައުލަތުގެ އިދާރާތަކުން ކުރިޔަށްގެންދާ ފަސް މިލިއަން
ރުފިޔާއަށްވުރެ ކުދި ޕްރޮކިއުމަންޓްތައް ހުޅުވާލަންވާނީ ދިވެހި ވިޔަފާރިތަކަށް އެކަނި ކަމަށް ބުނެފައިވެ އެވެ. ނަމަވެސް، ފުރަތަމަ ފަހަރަށް ހުޅުވާލާ އިއުލާނާ ގުޅިގެން ދިވެހި ވިޔަފާރިއެއް ކުރިމަތިނުލާނަމަ، ނުވަތަ ބީލަމުގެ ޝަރުތުތައް ފުރިހަމަވާ ދިވެހި ވިޔަފާރިއެއް ނެތްނަމަ، ދެވަނަ ފަހަރަށް އެ ތަކެތި ނުވަތަ އެ ހިދުމަތް ހޯދުމަށް ބޭރުގެ ފަރާތްތަކަށް ކުރިމަތިލެވޭގޮތަށް އިއުލާން ކުރަންވާނެ ކަމަށްވެސް އުސޫލުގައި ވަނީ ބުނެފަ އެވެ.

ދައުލަތުގެ އިދާރާތަކުން ކުރިއަށްގެންދާ ޕްރޮކިއުމަންޓުގެ އަންދާޒާ އަގު
ދެ މިލިއަން ފަސް ލައްކަ ރުފިޔާއަށްވުރެ ކުޑަނަމަ، އެ ޕްރޮކިއުމަންޓެއް ހުޅުވާލަންވާނެ ކަމަށް ބުނެފައި ވަނީ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެކަންޏެވެ.

ނަމަވެސް، ފުރަތަމަ ފަހަރަށް ހުޅުވާލާއިރު އެފަދަ ފަރާތަކުން ކުރިމަތި ނުލާނަމަ، ނުވަތަ ޝަރުތު ފުރިހަމަވާ ފަރާތެއް ނެތްނަމަ، އެ ފަންތިއަށް ނުފެތޭ ދިވެހި ވިޔަފާރިތަކަށް ކުރިމަތިލެވޭ ގޮތަށް އަލުން އިއުލާން ކުރަން ޖެހޭނެ އެވެ.

ބީލަން ކަރުދާހުގައި އިވެލުއޭޓް ކުރުމަށް ދީފައިވާ ކްރައިޓީރިޔާ އާ އެއްގޮތަށް އެންމެ މަތިން ރޭންކް ކުރެވޭ ފަރާތަކީ އެ ރަށަކަށް ނިސްބަތްނުވާ ވިޔަފާރިއެއް ކަމުގައިވާނަމަ ދެން އަމަލުކުރާނެ ގޮތް ވެސް އުސޫލުގައިވެ އެވެ.

އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެ ރަށަކަށް ނިސްބަތްވާ ފަރާތެއް، ފާސްވި ބީލަންވެރިންގެ ތެރޭގައި ހިމެނޭނަމަ، އެ ރަށަށް ނިސްބަތްވާ
ބީލަންވެރިންގެ ތެރެއިން އެންމެ މަތިން ރޭންކް ކުރެވޭ ފަރާތުން
ހުށަހެޅި ބީލަމަށް ލިބުނު މާކްސްއާއި، މުޅި ބީލަމުގައި އެންމެ
މަތިން ރޭންކް ކުރެވިފައިވާ ފަރާ ތަށް ލިބުނު މާކްސްގެ ފަރަގު
10 ޕަސެންޓަށް ވުރެ ބޮޑު ނުވާނަމަ، އެ ރަށަކަށް ނިސްބަތްވާ ފަރާތާ ބީލަން ހަވާލުކުރަން ނިންމަންވާނެ ކަމަށް އުސޫލުގައިވެ އެވެ.

އެ ރަށަށް ނިސްބަތްވާ ބީލަންވެރިއަކު ނެތް ނަމަ، ދެން ބަލަން ޖެހޭނީ އެ އަތޮޅަކަށް ނިސްބަތްވާ ފަރާތެއް، ފާސްވި ބީލަންވެރިންގެ ތެރޭގައި ހިމެނޭތޯ އެވެ. ހިމެނޭނަމަ، އަތޮޅަށް ނިސްބަތްވާ ބީލަންވެރިންގެ ތެރެއިން އެންމެ މަތިން ރޭންކް ކުރެވޭ ފަރާތުން ހުށަހެޅި ބީލަމަށް ލިބުނު މާކްސްއާއި، މުޅި ބީލަމުގައި އެންމެ މަތިން ރޭންކް ކުރެވިފައިވާ ފަރާތަށް ލިބުނު މާކްސްގެ ފަރަގު ފަސް ޕަސެންޓަށްވުރެ ބޮޑު ނުވާ ކަމުގައި ވާނަމަ، އެ އަތޮޅަކަށް ނިސްބަތްވާ ފަރާތާ ބީލަން ހަވާލުކުރަން ނިންމަންވާނެ އެވެ.

ރަށަށް ވެސް އަދި އަތޮޅަށް ވެސް ނިސްބަތްވާ ބީލަންވެރިޔަކު ނެތް ނަމަ ބީލަން ހަވާލުކުރާނީ އެންމެ މަތިން ރޭންކް ކުރެވޭ ފަރާތާ އެވެ.

ވަކި ސަރަހައްދަކަށް ނިސްބަތްވާ ވިޔަފާރިއެއްގެ ގޮތުގައި ބަލާނީ ބީލަންވެރިއަކީ އަމިއްލަ ފަރުދެއްނަމަ، އެ ފަރާތެއްގެ ދާއިމީ އެޑްރެހަށެވެ. ފަރުދަކަށް ނުވާ ވިޔަފާރިއެއްނަމަ ބަލާނީ އެ ވިޔަފާރިއެއް
ރަޖިސްޓަރީކޮށްފައިވާ ރަށަށެވެ.

އެ އުސޫލަށް އަމަލުކުރުމުން އިސްތިސްނާވާނީ ނޭޝަނަލް ޓެންޑާ ބޯޑުން އެވޯޑުކުރާ ޕްރޮކިއުމަންޓްތަކާއި އިގްތިސޯދީގޮތުން ލިބިދާނެ މަންފާއެއް ހާސިލުކުރުމުގެ ބޭނުމަށްޓަކައި، ގިނަ ރަށްތަކަކަށް ނިސްބަތްވާ ގޮތަށް މުދާ ހޯދުމާއި ލޯން އަދި ގްރާންޓުގެ ގޮތުގައި ލިބޭ ފައިސާއިން ކުރިއަށްގެންދަން ނިންމާފައިވާ ޕްރޮކިއުންޓްތަކުގައި، އެ ލޯން ނުވަތަ ގްރާންޓް ދޭ ފަރާތުގެ ޕްރޮކިއުމަންޓަށް އަމަލުކުރުމަށް ލާޒިމުކުރާ ޕްރޮކިއުމަންޓްތައް އެކަންޏެވެ.

މި އުސޫލަށް މިހާރު ވަނީ އަމަލުކުރަން ފަށައިފަ އެވެ.