11 Feb 2021, 13:46
އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް އަލްއުސްތާޛާ މަރްޔަމް ފެޒްލީން މިއަދު އައްޔަންކޮށްފި އެވެ.
ފެޒްލީން މިހާތަނަށް ހުންނެވީ ޕީޖީ އޮފީހުގެ ސީނިއާ ޕަބްލިކް ޕްރޮސިކިއުޓަރުގެ މަގާމުގަ އެވެ.
ފެޒްލީން ގާނޫނީ ދާއިރާއިން ހިދުމަށްކޮށްދެއްވަން ފެއްޓެވީ 13 މޭ 2009 ގައި ޕީޖީ އޮފީހުގެ އެސިސްޓެންޓް ޕަބްލިކް ޕްރޮސިކިއުޓަރުގެ މަގާމުގަ އެވެ.
އެއަށްފަހު މެދުކެނޑުމެއްނެތި ޕީޖީ އޮފީހުގައި ގެންދަވަނީ ހިދުމަތްކުރައްވަމުންނެވެ. ޕީޖީ އޮފީހުން ބުނީ ފެޒްލީންއަކީ މިވަގުތު އެ އޮފީހުގައި މަސައްކަތް ކުރައްވާ ގާނޫނީ ވަކީލުންގެ ތެރެއިން ދާއިރާގައި އެންމެ ތަޖުރިބާކާރު އެއް ގާނޫނީ ވަކީލު ކަމަށެވެ.
ފެޒްލީން ވަނީ މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަންގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އިން، ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލްކުރައްވައިފަ އެވެ. އަދި އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިއާއިން ކޮމްޕެރެޓިވް ލޯ އިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައިވެ އެވެ. އަދި ގާނޫނީ ދާއިރާއިން ގިނަ އަދަދެއްގެ ސެމިނާތަކާއި، ޓްރެއިނިންގ ޕްރޮގްރާމްތައް ފުރިހަމަކުރައްވާފައިވެ އެވެ.
އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް ފެޒްލީން އައްޔަންކުރެއްވީ ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް އެވެ.
ޕްރޮސިކިއުޓާ ޖެނެރަލް އައްޔަންކުރައްވާ އެ އޮފީހުގެ އެންމެ އިސް މަގާމުތަކުގައި މި ވަގުތު ތިއްބެވީ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް މަހްމޫދް ސަލީމްއާއި، އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ނާޝިދުއާއި، ޝަމްރާ ޝަމީމްއާއި، އަބްދުﷲ ރާބިއުއާއި، މަރްޔަމް ފެޒްލީން އެވެ.