ވޮޝިންޓަން (ފެބްރުއަރީ 11): އެމެރިކާއިން މިޔަންމާގެ އަސްކަރީ ލީޑަރުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް އެގައުމުގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ.

ބައިޑެން ވިދާޅުވި ގޮތުގައި އިއްޔެ އޭނާ ވަނީ މިޔަންމާގައި ބަޣާވާތް ކުރި އަސްކަރީ ލީޑަރުންނާއި އެމީހުންނާ ގުޅުން ހުރި ވިޔަފާރި އާއި އާއިލާގެ މެމްބަރުންނާ ދެކޮޅަށް ފިޔަވަޅު އަޅަން ފުރުސަތުދޭ އަމުރެއްގައި އިއްޔެ ސޮއި ކުރައްވާފަ އެވެ. އަދި ފިޔަވަޅު އަމާޒު ކުރާނެ ފަރާތްތައް މި ހަފްތާ ތެރޭ ނިންމާނެ އެވެ.

އެ ފިޔަވަޅުތަކުގެ ދަށުން، އެމެރިކާގައި ހުރި މިޔަންމާގެ ސަރުކާރުގެ އެއް ބިލިއަން ޑޮލަރު އެގައުމުގެ އަސްކަރިއްޔާއަށް ބޭނުން ކުރެވޭ ވަރު ކުޑަ ކުރެވޭނެ އެވެ. އަދި މިޔަންމާގެ ސިއްހީ ފަރުވާއަށާއި މަދަނީ ޖަމިއްޔާތަކަށާއި އެގައުމުގެ ރައްޔިތުންނަށް ސީދާ ގޮތެއްގައި ފައިދާވާ ފަދަ މުދަލަށް ބުރޫ ނާރާ ގޮތަށް އެގައުމުގެ އަސްކަރިއްޔާގެ މުދާ ފްރީޒް ކުރާނެ އެވެ.

މީގެ އިތުރުން އެމެރިކާއިން މިޔަންމާއަށް އެކްސްޕޯޓު ކުރާ ބައެއް މުދާވެސް ކޮންޓްރޯލް ކުރާނެ ކަމަށް ބައިޑެން ވިދާޅުވި އެވެ.

"މިޔަންމާގެ އަސްކަރިއްޔާއިން އަތުލާފައިވާ ބާރު ދޫކޮށްލާ، ނޮވެމްބަރު އަށެއްގައި އެގައުމުގެ ރައްޔިތުން ނިންމި ނިންމުމަށް އިހުތިރާމް ކުރަން ޖެހޭ،" ބައިޑެން ވިދާޅުވި އެވެ.

މިޔަންމާގެ އަސްކަރިއްޔާއިން މި މަހުގެ އެކެއްގައި ލީޑަރު އަންގް ސަން ސޫޗީ އާއި އެ ސަރުކާރުގެ ލީޑަރުން ހައްޔަރުކޮށް ބަޣާވާތް ކުރި ފަހުން އެމެރިކާއިން ވަނީ އަސްކަރީ ލީޑަރުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ތަކުރާރުކޮށް ދީފަ އެވެ.

މިޔަންމާގެ އަސްކަރިއްޔާއިން ބަޣާވާތް ކުރީ މިދިޔަ ނޮވެމްބަރު މަހު އެގައުމުގައި ބޭއްވި އާއްމު އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަަމަށް ބުނެ އެވެ. އަދި އަސްކަރިއްޔާއިން ވަނީ ސޫޗީގެ ޕާޓީން ޕާލިމެންޓުގެ ގިނަ ގޮނޑިތައް ކާމިޔާބު ކުރި އެ އިންތިހާބު އުވާލާ، އާ ވޯޓެއް ނަގާނެ ކަމަށް ބުނެފަ އެވެ.

އޭގެ ސަބަބުން މިޔަންމާގައި އެތައް ހާސް މީހުން ދަނީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ސިލްސިލާ މުޒާހަރާތައް ކުރަމުންނެވެ. އެ މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ސިފައިން ވަނީ ބައެއް ސަރަހައްދުތަކުގައި އަސްކަރީ ގާނޫނު ހިންގާ، ރޭގަނޑަށް ކާފިއު އިއުލާންކޮށްފަ އެވެ.