11 Feb 2021, 11:32
ޗައިނާގެ ސައިނޯފާމް އިން އުފައްދާފައިވާ ވެކްސިންގެ 5،000 ޑޯޒް ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ބުނެފި އެވެ.
އެޗްޕީއޭ އިން ބުނީ މި ވެކްސން ޖެހުމަށް ހޯދަން ޖެހޭ ހުއްދަތައް ލިބުމުން ވެކްސިން ޖަހަން ފަށާނެ ކަމަށެވެ.
މި ވެކްސިނަކީ ކޮން ފަރާތަކުން ހަދިޔާކުރި ވެކްސިނެއް ކަމެއް ނުބުނެ އެވެ.
މީގެ ކުރިންވެސް ހެޔޮއެދޭ ފަރާތަކުން ޗައިނާގެ ސައިނޯފާމް ވެކްސިންގެ 5،000 ޑޯޒް ވަނީ ހަދިޔާ ކޮށްފަ އެވެ.
މި މަސް ނިމުމުގެ ކުރިން ކޮވިޑު ވެކްސިންގެ އިތުރު 100،000 ޑޯޒް ރާއްޖެ ގެނެވޭނެކަމަށް އުންމީދުކުރެވޭ ކަމަށް ރައީސް އޮފީހުން އިއްޔެ ވަނީ ބުނެފަ އެވެ.
ޗައިނާއިންވެސް ވަނީ ރާއްޖެއަށް ސައިނޯފާމް ވެކްސިންގެ 100،000 ޑޯޒް ހަދިޔަ ކުރަން ނިންމައިފައެވެ. އެ ވެކްސިންތަކުގެ އިތުރުން ސަރުކާރުން ވަނީ 700،000 ޑޯޒް ގަތުމަށް އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް ހަދާފަ އެވެ.
އެ އެއްބަސްވުމުގެ ދަށުން ގެންނަ ވެކްސިން އަންނަ މާޗު މަހު ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ ވިދާޅުވެފަ އެވެ.
ސައިނޯފާމް ވެކްސިނަކީ ޗައިނާގެ ދެ ކުންފުންޏަކުން ގުޅިގެން އުފައްދާފައިވާ ވެކްސިނެކެވެ.
ޗައިނާއިން ދަނީ އެގައުމުގެ ސައިނޯވެކް އާއި ސައިނޯފާމްއިން އުފެއްދި ކޮވިޑް ވެކްސިން މީހުންގެ ގަޔަށް ޖަހަމުންނެވެ. އެގޮތުން އެގައުމުން ވަނީ މިހާތަނަށް 24 މިލިއަން މީހުންގެ ގަޔަށް ވެކްސިން ޖަހާފަ އެވެ.
ސައިނޯވެކް އާއި ސައިންފާމްގެ ކޮވިޑް ވެކްސިންއިން ވެސް 78 ޕަސެންޓު މީހުން ބަލިން ރައްކާތެރިކޮށްދޭ ކަމަށް އެ ދެ ކުންފުނިން ބުންޏެވެ.
ރާއްޖޭގައި ކޮވިޑް19 ވެކްސިން ޖަހަން ފަށާފައިވަނީ ފެބްރުއަރީ އެއްވަނަ ދުވަހުއެވެ. މާދަމާ އިން ފެށިގެން ރާއްޖޭގެ ހުރިހާ ހޮސްޕިޓަލެއްގައި ވެކްސިން ދޭން ފަށާއިރު، ކުރިއަށް އޮތްތަނުގައި ހެލްތު ސެންޓަރުތަކުންް ވެސް ވެކްސިން ދޭން ފަށާނެ އެވެ.
ރާއްޖޭގައި މިވަގުތު ދެނީ އޮކްސްފޯޑް-އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް-19 ވެކްސިން "ކޮވިޝީލްޑް" ވެކްސިން އެވެ.
ރާއްޖޭގައި ދޭން ފަށާފައި ވަނީ އިންޑިއާއިން ހިލޭ ހަދިޔާކޮށްފައިވާ ވެކްސިނުގެ 100،000 ޑޯޒް އެވެ. ކޮންމެ މީހަކަށް އޭގެ ދެ ޑޯޒް ދޭން ޖެހޭނެތީ އޭގެއިން ވެކްސިން ޖެހޭނީ 50،000 މީހުންނަށެވެ.
މީގެ އިތުރުން ކޮވެކްސް ފެސިލިޓީގެ ދަށުން ރާއްޖެ އަށް ހަދިޔާ ކުރާ ވެކްސިން ވެސް މިމަހުގެ ތެރޭ ލިބޭނެ ކަމަށް މިނިސްޓަރު ނަސީމް ވިދާޅުވި އެވެ.