11 Feb 2021, 12:45
ރިޔާޒް (ފެބްރުއަރީ 11) : ޔަމަންގައި ވެރިކަންކުރާ ހޫޘީ ޖަމާއަތުން ސައޫދީ އަރަބިޔާގެ އަބްހާ އެއާޕޯޓަށް ދިން ޑްރޯން ޙަމަލާގެ ސަބަބުން މަދަނީ އެތައް ގެއްލުމެއް އެ އެއާޕޯޓަށް ލިބުނު ކަމަށާއި އޭގެ ތެރޭގައި ފަސިންޖަރު މަތިންދާބޯޓެއް ބޭނުން ނުކުރެވޭވަރަށް ހަލާކުވެގެންދިޔުން ހިމެނޭ ކަމަށް ސައޫދީ އަރބިޔާ އިން ބުނެފި އެވެ.
ސައޫދީ އަސްކަރީ މަސްދަރަކާ ހަވާލާދީ އެގައުމުގެ މީޑިއާ ބުނާގޮތުން ހޫޘީންގެ ހަމަލާގެ ސަބަބުން މަދަނީ މަތިންދާބޯޓެއްގައި އަލިފާން ރޯވެ ބޮޑު ގެއްލުމެއް ލިބިފައިވާއިރު އެ އަލިފާންގަނޑު ވަނީ އެތައް ގަޑިއިރެއްގެ ފަހުން ނިއްވާލެވިފަ އެވެ. ހޫޘީން މި ހަމަލާ ދީފައި ވަނީ އީރާނުގައި އުފައްދާ ސަމާދު އަދި ޤާސިފު މަރުކާގެ ޑްރޯން ތައް ބޭނުންކޮށްގެން ކަމަށާއި މީގެ ތެރެއިން ގާސިފު މަރުކާގެ ޑްރޯންއަކީ ގޮވާތަކެއްޗާ އެކު އަމިއްލައަށް ވެއްޓިގަނެގެން ހަމަލާދޭ ބާވަތުގެ ޑްރޯނެއް ކަމަށް ވެސް ސައޫދީ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވެ އެވެ.

އަބްހާ އެއާޕޯޓްގައިވާ މަދަނީ މަތިންދާ ބޯޓަކަށް ހޫޘީންގެ ޑްރޯނެއް އަރާ މަންޒަރު
ޔަމަންގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން އެގައުމާއި ޔޫއޭއީ އަދި ގަތަރާ އެކު ވަދެގެންފައި ވަނީ 2015 ވަނަ އަހަރުގެ ކުރީކޮޅުގަ އެވެ. އަރަބި ކޯލިޝަންގެ ނަމުގައި މިތިން ގައުމުން ޔަމަންގެ ހަނގުރާމައިގެ ތެރެއަށްވަދެގަތީ 2014 ވަނަ އަހަރު ޔަމަންގެ ރައީސް އަބްދު ރައްބު މަންސޫރު ހާދީގެ ވެރިކަން އިންގިލާބަކުން ވައްޓާލުމަށް ފަހު ވެރިކަމަށް އަތްގަދަކޮށްގެންތިބި ހޫޘީ ޖަމާއަތް ވެރިކަމުން ދުރުކުރުމުގެ ނަމުގަ އެވެ.
ހަތަރު މަސްތެރޭގައި ހޫޘީ ޖަމާއަތް އަސްކަރީގޮތުން ބަލިކޮށް ހާދީގެ ޝަރުއީ ސަރުކާރު އަލުން އަނބުރައި ވެރިކަމަށް އިއާދަކުރާނެކަމުގެ ވައުދާ އެކު ސައޫދީ އިސްކޮށް އޮވެގެން ޔަމަންގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ވަދެގަތް ނަމަވެސް އަދި އަދަށް ދާންދެން ވެސް އެކަން ސައޫދީ އާއި ޔޫއޭއީއާއި އެދެގައުމަށް ވާގިވެރިވާ އެމެރިކާއަށް ކުރެވިފައެއް ނުވެ އެވެ.

ހޫޘީންގެ ޙަމަލާގައި އަބްހާ އެއާޕޯޓުގައިވާ މަދަނީ މަތިންދާ ބޯޓަކަށް ލިބިފައިވާ ގެއްލުން
ޔަމަންގެ ބޮޑުބައަކާއި އެގައުމުގެ ރަސްމީ މުއައްސަސާތައް އަދި ވެސް ކޮންޓްރޯލް ކުރަނީ އީރާނުގެ މަދަދު ލިބޭ ހޫޘީންނެވެ. ޔަމަންގެ ވެރިކަމުގައި ވެސް ތިބީ ޙޫޘީންނެވެ. ސައޫދީގެ މަދަދު ލިބޭ ހާދީގެ ސަރުކާރު ވެރިކަންކުރަނީ ސައޫދީ ވެރިރަށް ރިޔާޒުގެ ހޮޓަލެއްގައި ތިބެގެންނެވެ. ހާދީވެސް ހުންނަވަނީ ސައޫދީގައެވެ. ނަމަވެސް ޔަމަންގެ ދެ ވަނަ ސިޓީކަމަށްވާ އަދަންވަނީ ހާދީގެ ބާރުތަކުގެ ކޮންޓްރޯލްގެ ދަށަށް ގެނަސްފަ އެވެ. ދެހާސް ސަތާރަ ވަނަ އަހަރު ސައޫދީ އާއި ގަތަރާ ދެމެދު އުފެދުނު މައްސަލައަށް ފަހު ގަތަރު ވަނީ ޔަމަންގެ ހަނގުރާމައިން ވަކިވެފަ އެވެ.
އަދި 2019 ވަނައަހަރު ޔޫއޭއީގެ ސިފައިން ވަނީ ޔަމަނުން ބާލާފަ އެވެ. މިހާރު ޔަމަންގައި ޔޫއޭއީ ބޭނުންވާ ދައުރު އަދާކުރުމުގައި ހަރަކާތްތެރި ވަނީ ޔޫއޭ އީން ފައިސާ އާއި ތަމްރީން ދީފައިވާ ޔަަމަންގެ އިންތިގާލީ ކައުންސިލް ނަމަކަށް ކިޔާ ސިޔާސީ އަދި އަސްކަރީ ޖަމައަތަކުންނެވެ.
ހޫޘީންގެ އަސްކަރީ ތަރުޖަމާން ޔަހްޔާ ސަރީއު ބުނި ގޮތުގައި ސައޫދީ އަބްހާ އެއާޕޯޓަށް ހަމަލާދިނީ ސައޫދީ ވައިގެ ސިފައިން މެދުކެނޑުމެއް ނެތި ޔަމަނަށް ބޮންއަޅައި މަދަނީ އަދި އަސްކަރީ ތަންތަން ހަލާކުކޮށް މީހުން މަރަމުން ގެންދިޔުމާ ރަހުމުކުޑަ ގޮތަކަށް ޔަމަން ހިސާރުކޮށްފައިވާތީ އެކަމަށް ރައްދު ދިނުމުގެ ގޮތުގަ އެވެ. ޑްރޯންތައް ބޭނުންކޮށްގެން ސައޫދީ އަބްހާ އިންޓަނޭޝަނަލް އެއާޕޯޓަށް ހަމަލާދިނީ ޔަމަނަށް ބޮންއެޅުމަށް ޓަކައި އެ އެއާޕޯޓް ސައޫދީ ސިފައިން ބޭނުންކުރަމުން ގެންދާތީ ކަމަށް ވެސް ހޫޘީންގެ ތަރުޖަމާނު ބުނެފައިވެ އެވެ.
ޔަމަންގެ ހަނގުރާމައިގެ ސަބަބުން އެގައުމުގެ 25 މިލިޔަން މީހުންގެ ތެރެއިން 18 މިލިޔަން މީހުން ވަނީ ހައިހޫނުކަމާއި ބަލިމަޑުކަމުގެ ޝިކާރައަކަށް ވެފައި ކަމަށާއި މިއީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ގައުމަކަށް ކުރިމަތިވި އެންމެ ބޮޑު ކާރިސާކަމަށް އދ. އިން ބުނެއެވެ. ސައޫދީ އާއި ޔޫއޭއީގެ ވައިގެ ޙަމަލާތަކުގައި ޔަމަންގެ ބޮޑުބައެއްވަނީ ބިމާ ހަމަވެފަ އެވެ. ޔަމަނަށް ދޭ ޙަމަލާތަކުގައި އާންމުން މަރައި ހަނގުރާމައިގެ ޖަރީމާ ހިންގާކަމުގެ ތުހުމަތު ހޫޘީންނާއި ސައޫދީ އަދި ޔޫއޭއީގެ މައްޗަށް ވެސް ވަނީ ކުރެވިފަ އެވެ.
ޔަމަންގެ ހަނގުރާމަ ސައޫދީއަށް އަސްކަރީ ގޮތުން ކާމިޔާބު ނުކުރެވޭނެކަން އެމެރިކާއަށް ކަށަވަރުވެފައިވީ ނަމަވެސް ސައޫދީ އާއި ޔޫއޭއީއަށް ހަތިޔާރު ވިއްކައިގެން ފައިސާ ހޯދުމުގެ ބޭނުމުގައި އެމެރިކާގެ ކުރީގެ ސަރުކާރުން ގެންދިޔައީ ޔަމަންގެ ހަނގުރާމަ ކުރިޔަށް ގެންދިޔުމަށް ސައޫދީއަށާއި ޔޫއޭއީއަށް ހަތިޔާރުގެ ގޮތުންނާއި ޖާސޫސީ ގޮތުން ވާގިވެރިވަމުންނެވެ. ނަމަވެސް އެމެރިކާގެ މިހާރުގެ ސަރުކާރުން ވަނީ ޔަމަންގެ ހަނގުރާމަ ހުއްޓާލަން ޖެހޭ ކަމަށް ބުނެ ޔަމަންގެ ހަނގުރާމަ ކުރިޔަށް ގެންދިޔުމަށް ސައޫދީ އާއި ޔޫއޭއީ އަށް އެއްވެސް އެހީއެއް ނުދިނުމަށް ނިންމާފައެވެ.
ހަނގުރާމަ ހުއްޓާލައި ސިޔާސީ ގޮތުން ޔަމަންގެ މައްސަލަ ހައްލު ކުރުމާ ބެހޭ ގޮތުން އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިކެން އިއްޔެ ވަނީ ސައޫދީ ޚާރިޖީ ވަޒީރު ފައިސަލް ބިން ފަރުހާން އާ މަޝްވަރާ ކުރައްވައިފަ އެވެ. މިމަޝްވަރާތަކުގައި ހަނގުރާމަ ހުއްޓާލަން ސައޫދީ ތައްޔާރަށް އޮތްކަމުގެ މެސެޖް ސައޫދީ ޚާރިޖީ ވަޒީރުގެ ފަރާތުން ލިބުނުކަމަށް އެމެރިކާގެ ޚާރިޖިއްޔާއިން ބުނެފައިވެ އެވެ. ހޫޘީން ވަނީ ސައޫދީން ޙަމަލާތައް ހުއްޓާލައިފި ނަމަ ހަމަލާތައް ހުއްޓާލަން ތައްޔާރަށް އޮތްކަމަށް ބުނެފަ އެވެ. އީރާނުން ވަނީ ހަނގުރާމަ ހުއްޓާލުމަށް އެގައުމުން ކުރިން ވެސް ހުށަހެޅި ޕްލޭން އދ.ގެ މަންދޫބަށް ހުށަހަޅާފަ އެވެ. (ސައޫދީ މީޑިއާ + ރޮއިޓާސް)