11 Feb 2021, 09:31
އައްޑޫ ސިޓީން ފެނިފައިވާ ކޮވިޑް19ގެ ދެ ކްލަސްޓާއިން މިހާތަނަށް 55 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.
އައްޑޫ އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ހާމަކުރި ތަފާސް ހިސާބަށް ބަލާއިރު، ހިތަދޫއިން ފެނުނު "އޭވިއޭޝަން ކްލަސްޓާ" އިން މިހާތަނަށް 28 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.
އެ ކްލަސްޓާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި މިހާތަނަށް 310 މީހަކު ވަނީ ދެނެގަނެވިފަ އެވެ. އަދި އެމްޓީސީސީ ކްލަސްޓާއިން މިހާތަނަށް 26 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.
އައްޑޫ ސިޓީން ޕޮޒިޓިވްވި މީހުންގެ ތެރެއިން އެކަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.
އައްޑޫ ސިޓީއިން ގިނަ އަދަދެއްގެ ކޮވިޑު ކޭސްތަކެއް ފެނި މުޅި ސިޓީ ވަނީ މޮނިޓަރިންގްއަށް ލައިފަ އެވެ.
މި ކޭސްތަކާއެކު އައްޑޫ ސިޓީގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ އިތުރު ކޮށްފަ އެވެ. އޭގެ ތެރޭގައި އެއް ގެއިން އަނެއް ގެޔަށް މީހުން ނުދިޔުމަށް އަންގައި، ރޭގަނޑު 8:00 އިން ފެށިގެން އެ ސިޓީގައި ކާފިއުވެސް ވަނީ އިއުލާންކޮށްފަ އެވެ.
އަދި އައްޑޫގެ އެއް އަވަށުން އަނެއް އަވަށަށް ދިޔުމާއި ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުންވެސް ވަނީ މަނާކޮށްފަ އެވެ. އޭގެ އިތުރުން ހޮޓާތަކާއި ރެސްޓޯރެންޓްތައް ބަންދުކުރުމަށްވެސް ވަނީ އަންގާފަ އެވެ.
އިތުރު މުހުންމު ފިޔަވަޅުތައް:
ޔުނިވާސިޓީ/ކޮލެޖް/ސްކޫލަތަކުގެ ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިއަށް ގެންދިޔުން.
- އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަ މީހުން އެއްވެ އުޅުން މަނާކުރުން.
- ސެލޫން، ޖިމް އަދި ބޯކޮށާ ތަންތަން ބަންދުކުރުން.
- ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓާލުން.
- ޓެކްސީ ހިދުމަތް ދޭ ފަރާތްތަކުން އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ހިދުމަތް ދިނުން.
- ފިހާރަތާކާއި ބޭންކުތަކުން އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ހިދުމަތް ދިނުން.
- މި ފިޔަވަޅުތައް އަޅާފައިވަނީ، ހަތް ދުވަހުގެ މުއްތަކަަށެވެ.