31 Jan 2012, 21:04
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހަންމަދު ހައްޔަރު ކުރި މައްސަލާގައި ޑިފެންސް މިނިސްޓަރު ތަލްހަތު އިބްރާހިމް ކަލޭގެފާނާއި ހޯމް މިނިސްޓަރު ހަސަން އަފީފު ޖަވާބުދާރީ ކުރުވުމަށް މިރޭ ބާއްވަން އުޅުނު ގައުމީ ސަލާމަތުގެ ކޮމެޓީގެ ބައްދަލުވުން ކުއްލި ގޮތަކަށް ކެންސަލްކޮށްފި އެވެ.
ގައުމީ ސަލާމަތު ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެންބަރަކު ސަން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިރޭ 8:30ގައި ބާއްވަން ނިންމާފައި އޮތް ކޮމެޓީގެ ބައްދަލުވުން ސެންސަލް ކުރީ މިއަދުގެ ބޭއްވި ކޮމެޓީއެއް ލައިވް ކުރަމުންދަނިކޮށް، އެމްއެންބީސީގެ ކޭބަލް ބުރިކޮށްލި މައްސަލާގައި މަޖިލީހުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށެވެ. އަދި މަޖިލީހުގެ ރައްކާތެރިކަން ކަށަވަރު ކުރަން ޖެހެނީ "މަޖިލީހުގެ ކޮރިޑޯގެ ސީސީޓީވީ ބައެއް ކެމެރާތައް މަސައްކަތް ނުކުރާތީ" ކަމަށް އެ މެންބަރު ވިދާޅުވި އެވެ.
ތަލްހަތާއި އަފީފު މިރޭގެ ކޮމެޓީއަށް ހާޒިރު ކުރުމަށް ނިންމާފައިވާ އިރު، ޖޭއެސްސީގެ ކުރީގެ ދެ މެމްބަރުން ކަމަށްވާ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އާއި އައިޝަތު ވެލެޒިނީ ވެސް ކޮމެޓީއަށް ހާޒިރުކުރަން ނިންމާފައިވެ އެވެ. އެ ބޭފުޅުން ހާޒިރު ކުރުމަށް ހުށަހެޅީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ތިން މެންބަރުން ކަމަށްވާ މަނަދޫ ދާއިރާގެ މެންބަރު މުހައްމަދު ތާރިގާއި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސަ މަނިކާއި ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ރިޔާޒް އެވެ.
ގައުމީ ސަލާމަތުގެ މި ރޭގެ ކޮމެޓީ ކުއްލި ގޮތަކަށް ކެންސަލް ކުރި އިރު، ދެން ކޮމެޓީ ބާއްވާނެ ވަކި ދުވަހެއް މެންބަރުންނަކަށް އަންގާފައެއް ނުވެ އެވެ.