ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހުން އެދިފައި ނުވާ ކަމަށާއި އެގޮތަށް އެދުނީ އަލީ ވަހީދުގެ ފަރާތުން ކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.

އަލީ ވަހީދުގެ ޕާސްޓޯޓު ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރނު އަމުރު ބާތިލް ކުރުމާއެކު އޭނާ ފުރައިގެން ގޮސްފައިވާތީ ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށާއި ޕީޖީ އަށް އަދި ކޯޓަށް ވަނީ އަމާޒު ވެފައެވެ. އަދި ޕާސްޕޯޓު ދޫކޮށްލަން އަމުރުކޮށް ކޯޓުން ނެރުނު އަމުރުގެ ކޮޕީއެއްވެސް ސޯޝަލް މީޑިއާ ގައި ދަނީ ދައުރުވަމުންނެވެ.

އެކަމާ ގުޅޭގޮތުން ކްރިމިނަލް ކޯޓުން މިރޭ ބުނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އަމުރުގައި، އަމުރަށް އެދުނު ފަރާތެއްގެ ގޮތުގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް ލިޔެވިފައިވަނީ ލިޔުމުގެ ކުށަކުން ކަމަށެވެ.

އަދި ފުރުން މަނާކުރުމުގެ އަމުރު ބާޠިލްކޮށްދިނުމަށް އެދިފައިވަނީ އަލީ ހީވަޙީދުގެ ފަރާތުން ކަމަށްވެސް ކޯޓުން ބުންޏެވެ.

އެ މައްސަލާގައި ޕަބްލިކް ޕްރޮސިކިއުޓާ އަހްމަދު ޝަފީއު ވިދާޅުވީ، އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލުމަށް ޕީޖީ އޮފީހުން އިއުތިރާޒު ކުރި ކަމަށެވެ. އެ އަޑުއެހުމުގައި ޑޮކްޓަރެއްގެ ލަފާ ހޯއްދެވި ކަމަށާއި، ރާއްޖެއިން އެ އޮޕަރޭޝަން ކުރުމަކީ ފުރާނައަށް ނުރައްކާތެރިވެދާނެ ކަމެއް ކަމަށް ޑޮކްޓަރު ވިދާޅުވި ކަމަށް ޝަފީއު ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ އަލީ ވަހީދު ބޭސްފަރުވާއަށް ފުރުމަށް އިއުތިރާޒް ނުކުރި ނަމަވެސް، ޕާސްޕޯޓު ދޫކުރަން ޕީޖީން އިއުތިރާޒު ކުރި ކަމަށެވެ. އަދި ޕާސްޕޯޓު ދޫނުކޮށް، ޓްރެވަލް ޑޮކިއުމެންޓެއްގައި އަލީ ވަހީދު ފޮނުވައިދިނުމަށް އެދުނު ކަމަށް ޝަފީއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެގޮތަށް އެދުނީ ޕާސްޕޯޓު ދޫކޮށްލައިފި ނަމަ އަލީ ވަހީދު އަނބުރާ ރާއްޖެ ނައުމުގެ ފުރުސަތު ބޮޑުވާނެތީ ކަމަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ އަލީ ވަހީދު ފުރުން މަނާކޮށް ނެރުނު އަމުރު ބާތިލް ކޮށްފަ އެވެ.

އަލީ ވަހީދު ފުރުން މަނާކުރުމުގެ އަމުރު ބާތިލް ކުރީ ކަމަށް އަލީ ވަހީދާ ޖާމިނުވާނެ ފަރާތެއް ހުށަހަޅާފައި ވާތީ އެވެ.

ކޯޓު އަމުރާ ގުޅިގެން ދައުރުވަމުންދާ ވަހަކަތައް ސާފުކޮށް މާދަމާ ބަޔާނެއް ނެރޭނެ ކަމަށް ޕްރޮސެކިޔުޓާ ޖެނެރަލް ހުސައިން ޝަމީމް ވަނީ ވިދާޅުވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ޕާސްޕޯޓު ދޫކޮށްލުމާއެކު އަލީ ވަހީދު ވަނީ އިއްޔެ ލަންޑަނަށް ފުރައިފަ އެވެ.

އަލީ ވަހީދު ރާއްޖެއިން ފުރުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި ސަރުކާރުން އަލީ ވަހީދު "ފުރުވާލީ" ކަމަށް ވެސް އަންނަނީ ބުނަމުންނެވެ.

މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އަލީ ވަހީދު ފުރިކަން އެނގިވަޑައިގަތީ ހަބަރަކުން ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އަލީ ވަހީދުގެ މައްޗަށް ދައުވާ ކުރީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

އަލީ ވަހީދުގެ މައްޗަށް ކުރި ޖިންސީ އަނިޔާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ އާއި ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ އެވެ. އަލީ ވަހީދު ވަނީ އެ ހުރިހާ ދައުވާތަކަށް އިންކާރުކޮށްފަ އެވެ.

އަލީ ވަހީދު މަގާމުން ވަކި ކުރީވެސް ޖިންސީ ގޯނާގެ މައްސަލައާ ގުޅިގެންނެވެ. އޭނާ މަގާމުން ވަކިކުރީ، އިސްތިއުފާ ދެއްވުމަށް އެންގުމަށްފަހު މަގާމުން އިސްތިއުފާ ނުދިނުމުންނެވެ.