10 Feb 2021, 22:21
ކޮވިޑް19 އިން ރައްކާތެރިވުމަށް ރާއްޖޭގައި މި މަހުގެ އެއްވަނަ ދުވަހު ވެކްސިން ދޭން ފެށިފަހުން މިއަދުގެ ނިޔަލަށް 20،161 މީހުންނަށް ވެކްސިން ދީފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން މިރޭ އާންމުކުރި މައުލޫމާތަށް ބަލާއިރު މިއަދު ވަނީ 3،910 މީހަކަށް ވެކްސިން ޖަހައިފައެވެ. އެއީ މާލެ ސަރަަހައްދުގައި 3،285 މީހަކަށް އަދި އަތޮޅުތެރޭގައި 625 މީހަކަށެވެ.
މާލެ ސަރަހައްދުން ޖުމްލަ 16،703 މީހަކު މިހާތަނަށް ކޮވިޑު ވެކްސިން ޖަހާފައިވާއިރު ރަށްރަށުން ޖުމްލަ 3،458 މީހުން ވެކްސިން ޖަހާފައި ވެއެވެ.
އަތޮޅުތެރޭގައި 38 ސެންޓަރަކުން ވެކްސިން ޖަހާއިރު މާލެ ސަރަހައްދުގައި ވެކްސިން ޖަހާ ހަތް ސެންޓަރު ވަނީ ގާއިމް ކޮށޤފައެވެ.
ރާއްޖޭގައި ޖަހަނީ އިންޑިއާގެ ސީރަމް އިސްޓިޓިއުޓް އިން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނެވެ. މިއީ އޮކްސްފޯޑު/އެސްޓްރަޒެނެކާ އިން ތަރައްގީ ކުރި ވެކްސިނެވެ.
އެ ވެކްސިންގެ އެއް ލައްކަ ޑޯޒް އިންޑިއާ އިން ރާއްޖެ އަށް ހަދިޔާ ކޮށްފައިވާއިރު މި މަސްތެރޭ އިތުރު ވެކްސިން ލިބޭނެ ކަމަށް ސަރުކާރުންް ވަނީ ބުނެފައެވެ.