10 Feb 2021, 22:04
ކޮވިޑް19 އާއި ދެކޮޅަށް ޔުނިވާސިޓީ އޮފް އޮކްސްފޯޑާއި އެސްޓްރާޒެނެކާ ގުޅިގެން އުފައްދާފައިވާ ވެކްސިން ޖެހުމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން ލަފާ ދީފިއެވެ.
ޑަބްލިއުއެޗްއޯ އިން ބުނީ ބަލީގެ އާ ވޭރިއަންޓްތައް ފެންނަމުންދާ ގައމުތަކުގައިވެސް މި ވެކްސިން ބޭނުން ކުރުމުގައި ގޯހެއް ނެތް ކަމަށާއި އުމުރުން 65 އަހަރުން މަތީގެ މީހުންނަށްވެސް މި ވެކްސިން ދެވިދާނެ ކަމަށެވެ.
ބައެއް ގައުމުތަކުގައި ދުވަސްވީ މީހުންނަށް މި ވެކްސިން ނުދޭން ނިންމާފައިވަނީ އެފަދަ ފަރާތްތަކަށް ވެކްސިން ދިނުމުން ނިކުންނަ ނަތީޖާ އާއި ގުޅޭ ސާފު ރިޕޯޓުތައް ނެތުމުންނެވެ.
ނަމަވެސް ޑަބްލިއުއެޗްއޯގެ ސްޓްރެޓެޖިކް އެޑްވައިޒަރީ ގްރޫޕް އޮފް އެކްސްޕާޓްސް އޮން އިމިޔުނައިޒޭޝަން (ސޭޖް) އިން ވަނީ އާ ވޭރިއަންޓުތަކާ ދެކޮޅަށްވެސް މި ވެކްސިން މަސައްކަތް ކުރާ ކަމަށް މިރޭ ބުނެފައެވެ. އަދި އޮކްސްފޯޑު/އެސްޓްރަޒެނެކާ ގެ ވެކްސިން މަސައްކަތްކުރާ ރޭޓަކީ 63 ޕަސެންޓު ކަމަށްވެސް ބުނެފައިވެއެވެ.
މި ވެކްސިންގެ ދެ ޑޯޒް ޖަހާއިރު ދެ ޑޯޒް ދޭތެރޭގެ މުއްދަތު ދުރުކުރުމުން ނަތީޖާ މާރަނގަޅު ކަމަށްވެސް ވަނީ ބުނެފައެވެ.
އިނގިރޭސިވިލާތގައި މިހާރު ވެކްސިން ދެނީ ދެ ޑޯޒް ދޭތެރޭގެ މުއްދަތު ދުރުކޮށްގެންނެވެ. އެގޮތުން ދެ ޑޯޒް ދޭތެރޭ އަށް ހަފްތާ އާއި 12 ހަފްތާ އާއި ދެމެދުގެ މުއްދަތެއް ދިނުމަށް ލަފާދެއެވެ.
ކުއްލި ހާލަތުގައި މި ވެކްސިން ބޭނުން ކުރުމަށް ޑަބްލިއުއެޗްއޯ އިން ކުރިއަށް އޮތް ހަފްތާ ތެރޭ ހުއްދަ ދޭނެ ކަމަށް ބެލެވެއެވެ.
އެސްޓްރާޒެނެކާ/އޮކްސްފޯޑު ވެކްސިނަކީ ހުރިހާ ގައުމެއްގައިވެސް ގެންގުޅެވޭނެ އަގުހެޔޮ ވެކްސިނެކެވެ.
ރާއްޖޭގައިވެސް މިހާރު ވަނީ މި ވެކްސިން ދޭން ފަށައިފައެވެ. ރާއްޖޭގައި ދެނީ އިންޑިއާގެ ސީރަމް އިސްޓިޓިއުޓުން އުފައްދާ ކޮވިޝީލްޑް ވެކްސިނެވެ.