ބޮލީވުޑްގެ ޒުވާން ބަތަލާ ކްރިތީ ސެނަންގެ ކުރިއަށް އޮތް ފިލްމު "ގަންޕަތު" ގައި އޭނާ ފެނިގެންދާ ގޮތް ދައްކާލައިފިއެވެ.

ވަރުގަދަ އެކްޝަން މަންޒަރުތަކެއް ފެނިގެންދާ މި ފިލްމުގެ އާ ޕޯސްޓަރު ކްރިތީއާއެކު ދައްކާލާފައިވާއިރު މި ޕޯސްޓަރުގައި ކްރިތީ އިނީ މޮޓޯސައިކަލަކަށް އަރައިގެންނެވެ. މި ފިލްމުގައި ފިރިހެން ލީޑު ރޯލު ކުޅޭނީ ޓައިގާ ޝްރޮފްއެވެ.

ފިލްމުން ފުރުސަތު ލިބުމާއެކު ކްރިތީ ބުނީ ހަތް އަހަރުފަހުން އަލުން ޓައިގާ އާއެކު އެއް ފިލްމަކުން ފުރުސަތު ލިބުމުން ވަރަށް އުފާވާ ކަމަށާއި މިފަދަ ކޫލް ކެރެކްޓާއެއް ކުޅެލަން ލިބުމުން ވަރަށް ހިތްހަމަޖެހިއްޖެ ކަމަށެވެ. އޭނާ ބުނީ އެކްޝަން ފިލްމެއް ކުޅެން ބޭނުންވެފައި ހުންނަތާ ދުވަސްކޮޅެއްވެއްޖެ ކަމަށާއި މި ދަތުރު ފެށުމަށް ކެތްމަދުވެފައިވާ ކަމަށެވެ.

ވިކާސް ބާލް ޑައިރެކްޓްކުރާ އެ ފިލްމުގައި ޓައިގާ ކުޅޭނީ ބޮކްސާއެއްގެ ރޯލެވެ. މުމްބާއީގައި ދިރިއުޅޭ ވަރުގަދަ ބޮކްސިން ތެޅުންތެރިއެއްގެ ވާހަކަ ކިޔައިދޭ އެ ފިލްމަކީ އެކްޓަރު ޓައިގާ ވެސް ކްރިތީ ވެސް ވިކާސް އެކުގައި މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. ފިލްމުގައި ކްރިތީ ކުޅޭނީ ޖައްސީ ކިޔާ ކެރެކްޓާއެކެވެ.

ކްރިތީ އާ ގުޅޭގޮތުން ވިކާސް ބުނީ ކްރިތީއަކީ ސުޕަސްޓާ ފެންވަރު ހުރި ތަރިއެއް ކަމަށާއި އޭނާ އަކީ ހަމަ ހަގީގަތުގައި ވެސް މި ފިލްމަށް އެންމެ އެކަށޭނެ ބަތަލާކަމަށެވެ. އަދި ޓައިގާ އާއެކު ކްރިތީގެ ފެނިލުމަކީ ފިލްމަށް ލިބޭނެ އިތުރު ކުރިއެރުމެއްކަމަށާއި އެންމެ ފުރިހަމަކޮށް މި ރޯލު ކްރިތީ ކުޅޭނެ ބަތަލާއަކަށް އޭނާ ވާނެ ކަމަށްވެސް ވިކާސް ބުންޏެވެ.

ފިލްމުގެ ފަސްޓްލުކް ޓައިގާ އާއެކު އާންމުކޮށްފައިވާއިރު މި ފިލްމަކީ 2022 ވަނަ އަހަރު ސިނަމާތަކަށް ގެންނަން ތާވަލްކޮށްފައިވާ ފިލްމެކެވެ. މި ފިލްމަކީ ދެ ބަޔަކަށް ބަހާލައިގެން ގެނެސްދޭ ފިލްމެކެވެ.

ޓައިގާ އާ ކްރިތީ ބޮލީވުޑަށް ނުކުތީ އެއްކޮށެވެ. އެއީ 2014 ވަނަ އަހަރު ނުކުތް "ހީރޯޕަންތީ" އިންނެވެ.